ބަނޑުބޮޑު ދުވަސްވަރު ކުރަމުން އަންނަ ތަޖުރިބާތައް ލަމް އަންނަނީ އަބަދުވެސް އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާކުރަމުންނެވެ. އެގޮތުން ލަމް އެންމެ ފަހުން ކުރި ޕޯސްޓުގައި ވަނީ ބަނޑުގައި އޮތް ދަރިފުޅު މިހާރު ކުރަނީ ކޮން ކަމެއް ކަން ހިއްސާކޮށްފައެވެ.
އަބަދުވެސް ދަތުރުކުރުމަށް ލޯބިކުރާ ލަމް އާއި ފިރިމީހާ މުއާ އެންމެ ފަހުން ދުބާއީއަށް ކުރި ދަތުރުގެ ފޮޓޯއެއް ހިއްސާކޮށް، ލަމް ބުނީ ދަރިފުޅު ބަނޑުގައި އޮވެ ކަން ފޫ ފައިޓް ކުރާ ކަމަށެވެ. އަދި ހީވަނީ މަންމަ އާއި ބައްޕަ އެކޭ އެއް ފަދައިން ދަރިފުޅު ވެސް ކެތްމަދުވެގެން އުޅޭހެން ކަމަށް ލަމް ބުނެފައިވެއެވެ.
މީގެ ކުރިން ލަމް ހިއްސާކުރި ބައެއް ޕޯސްޓުތަކުގައި ވަނީ މި ފާއިތުވި ދެތިން ހަފްތާގައި މާބަނޑުވުމުގެ ސަބަބުން ބައެއް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަން ހިއްސާކޮށްފައެވެ. އެގޮތުން ނިދަން އުނދަގޫވުމާ، ބިންމަތީގައި ހުންނަ އެއްޗެހި ނަގަން ގުދު ނުވެވުން ފަދަ ކަންކަމުގެ އިތުރުން ބުރަކަށީގެ ބައެއް ހިސާބުތަކުގައި ރިއްސާކަން ވެސް ލަމް ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ލަމް ވަނީ މި ހުރިހާ ކަމަކީ ވެސް އުފަން ވާން އުޅޭ ދަރިފުޅަށްޓަކައި ވެވޭ ގުރުބާނީއެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ، އަދި މޯލްޑިވިއަން އައިޑަލް ސީޒަން-2ގެ ހޯސްޓް ލަމްހާ ލަތީފް، ކައިވެނިކޮށްފައި ވަނީ ގިނަދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަހްމަދު މުއާޒް ( ކުޑަމުއާ)އާ 2017 ވަނަ އަހަރުގަ އެވެ. މިހާރު ދެމީހުންގެ ފުރަތަމަ ދަރިފުޅަށް އިންތިޒާރުކުރަމުންދާއިރު، ބައިސްކޯފްގެ ޝޯއަކަަށް މީގެ ކުރިން ދިން އިންޓަވިއުއެެއްގައި ހަޔާތުގެ ބައިވެރިއަކަށް އެކަކު އަނެކަކު ޗޫސްކުރި ގޮތުން ފެށިގެން ކައިވެންޏަކާއި ހަަމަޔަށްދިޔުމަށް ވިސްނި ސަބަބުވެސް ދެމީހުންވަނީ ހިއްސާކޮށްފައެވެ.
ފިރިއެއްގެ ގޮތުގައި މުއާ ޗޫސްކުރީ ކީއްވެތޯ އެހެމުން ލަމް ބުނީ، މުއާއަކީ ވަރަށް ރަނގަޅު ވަރަށް ކެއާރިން އަދި މަޖާ މީހެއްކަމަށެވެ. ލަމް ބުނީ އެއްވެސް މީހަކީ ޕާޕެކްޓު މީހެއް ނޫންކަމަށާއި، އެކި މީހުންގެ ދިރިއުޅުމުގައި ދިމާވާނީ އެކިކަންކަން ކަމަށްވާއިރު، ލަމްއާއި އެކީ އުޅުމަށްޓަކައި މުއާގެ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ލަމް އަށްޓަކައި މުއާ ބަދަލުކުރިކަމަށެވެ. ވަރަށް ބައިވަރު ބޮޑެތި ސްޓެޕްސްތަކެއް ލަމްއަށްޓަކައި މުއާ ނެގިކަމަށެވެ.
އަންބެއްގެ ގޮތުގައި ލަމް ޗޫސްކުރީ ކީއްވެތޯ އެހެމުން މުއާވެސް ބުނީ، ހަމަ ވަރަށް ރަނގަޅުވީމަ ކަމަށެވެ. އެންމެ ފުރަތަމަވެސް މުއާގެ މަންމައަކީ ވަރަށް މުހިންމު މީހެެއްކަމަށް ބުނެފަވާނެ ކަމަށާއި، އެހެންކަމުން ލަމްވެސް މުއާގެ މަންމައަށް ވަރަށް ބަލާ ކަމަށް މުއާ ބުންޏެވެ.