
މިދިޔަ ހުކުރު ދުވަހު ރާނީ ނޯވޭ އަށް ފުރާފައިވާއިރު އޭނާ ފުރަން ގޮސް އެއާޕޯޓް ތެރޭގައި ހުއްޓާ ނަގާފައިވާ ފޮޓޯތަކެއް ވެސް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރު ވަމުންނެވެ.
މިދިޔަ އަހަރު އިއުލާންކުރި އެ ފިލްމު ޑައިރެކްޓް ކުރަނީ އަޝިމާ ޗިބާރު އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ ފިލްމު ހާއްސަ ވަނީ އަންހެނުންނަށެވެ. “މިސިޒް ޗިޓަޖީ ވާސަސް ނޯވޭ” ގައި ފެނިގެންދާނީ ބޭރުގެ ގައުމެއްގައި ދަރިއަކަށް އިންސާފު ހޯދައިދެން މަންމައަކު ހިވްވަރާ އެކު މަސައްކަތް ކުރާ ތަނެވެ.
ބޮލީވުޑްގެ މަގްބޫލު އެތައް ފިލްމެއް ކުޅެ ބެލުންތެރިންގެ ލޯބި ހޯދާފައިވާ ރާނީ ވަނީ ޝޫޓިން އަށް ދިއުމުގެ ކުރިން ފިލްމަށް ވާންޖެހޭ ގިނަ ތައްޔާރީ ތަކެއް ވެފައެވެ.
އެ ފިލްމު ރާނީ އަށް ވަރަށް ހާއްސަ ކަމަށް އޭނާ ބުނެފައިވާއިރު ނޯވޭގައި ގާތްގަނޑަކަށް މަހެއްހާ ދުވަހު ރާނީ ޝޫޓިންގައި ހަރަކާތްތެރިވާނެ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
“މިސިޒް ޗެޓަޖީ ވާސަސް ނޯވޭ” ގެ މަސައްކަތް އެއްކޮށް ނިމި ބެލުންތެރިންނާ ހަމައަށް އަންނާނެ ތާރީހެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް ރާނީ ދެން އެންމެ އަވަހަށް ފެންނާނީ ވައިއާރްއެފް ގެ “ބަންޓީ އޯރ ބަބްލީ 2” އިންނެވެ.