ހުޅުމާލޭގައި ދިރިއުޅެމުން އައި ބްލޮގާ ރިލްވާން ގެ ކައިރިން ވަގަށް ނަގައި ގެއްލުވާލާފައިވަނީ، މީގެ 7 އަހަރުކުރިން 8 އޮގަސްޓް 2014 ގައެވެ.
ރިލްވާން އެންޑް ޔާމީން ފައުންޑޭޝަން އިން ބުނީ ރިލްވާންގެ އާއިލާއާއި މަދަނީ ޖަމާއަތުން ކެނޑިނޭޅި އެކަމަށް ގޮވަމުން ދިޔަނަމަވެސް، މިއަދާ ހަމައަށްވެސް އެ އަނިޔާވެރި އަމަލު ހިންގި ކުށްވެރިންގެ މައްޗަށް އިންސާފު ގާއިމްކޮށް، ރިލްވާންއަށް ވީގޮތެއް ދިވެހި ދައުލަތައް ހޯދިފައި ނުވާ ކަމަށެވެ.
ރިލްވާންގެ މައްސަލާގައި 2014 ވަނަ އަހަރު ބަޔަކު ހައްޔަރު ކޮށް، އަދި އޭގެ ތެރެއިން 3 މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ފާޅުކަން ބޮޑު މައްސަލަތަކާއިއެކު ކަން ފާހަގަކޮށް، އާއިލާއިން ބުނީ އެންމެފަހުން 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގައި ކޯޓުން ހުކުމްކޮށްފައިވަނީ، ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ކުށް ސާބިތުކުރެވޭވަރަށް ހެކި ހުށައަޅާފައިނެތްކަމަށާއި، ފުލުހުން ހިންގާފައިވާ މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމުގައި މައްސަލަތަކެއް ހުރިކަމަށާއި، ގާނޫނީ ގޮތުން ދައުލަތުގެ ފަރާތުން ފުރިހަމަ ކުރަންޖެހޭ އިޖްރާއަތްތައް ފުރިހަމަކޮށްފައި ނުވާ ކަމަށާއި، އަދި ކޯޓަށް ހެކި ހުށަހެޅުމުގައި އިހުމާލުވެފައިވާކަން ފާހަގަކުރަމުންނެވެ.
މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ރިލްވާންއަށް އިންސާފު ހޯދައިދޭނޭކަމަށް ވައުދުވެވަޑައިގަތުމަށްފަހުގައެވެ. އެގޮތުން ވެރިކަމަށް ވަޑައިގެންނެވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ޑިސެމްބަރ 2018 ގައި ގާނޫނީ ޒިންމާ ހަވާލުކޮށްފައިވާ މި ކޮމިޝަނުން ތަހުގީގުކުރުމަށް ހަވާލުވެފައިވާ އެއްވެސް މައްސަލައެއްގައި މިހާތަނަށް މީހެއްގެ މައްޗަށް ޖިނާޢީ ދަޢްވާއެއް ކުރުމަށް ފޮނުވާފައިނުވާ ކަން ރިލްވާން އެންޑް ޔާމީން ފައުންޑޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
މިިި ހުރިހާ ކަންކަން ފާހަގަކޮށް އެ ފައުންޑޭޝަނުން ވަނީ ދިވެހި ސަރުކާރަށް ރިލްވާން ގަދަކަމުން ގެއްލުވާލާފައިވާ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ނިންމުމަށް ވަކި ތާރީހެއް ސާފުކޮށް އެނގޭ ގޮތަށް ކަނޑައެޅުމަށާއި ރިލްވާން ވަގަށް ނެގުމުގެ މައްސަލަ އިސްތިއުނާފުކުރުމުގައި، މަރުކޮމިޝަނާއި، ފުލުހުންގެ އިދާރާއާއި، އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިތުރުން އެހެނިހެން އިދާރާތަކުގެ މެދުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެމައްސަލަތައް ހައްލުކުރުމަށް ގޮވާލާފައެވެ.
މީގެ އިތުރުން ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ކުރަމުންދާ ތަހުގީގަށް ހުރަސް އަޅާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅައި، ރިލްވާން ގެއްލުވާލި މައްސަލަ ފޮރުވުމުގައާއި އެކަމުގައި ބައިވެރިވީ ކުށްވެރިން ފިލުވުމަށް އެކި ގޮތްގޮތުން އެހީވިކަމަށް ބެލެވޭ، މިހާރު އަދި މީގެ ކުރީގައި ދައުލަތުގެ ވަޒީފާތަކުގައި ތިބި މީހުންގެ މައްޗަށާއި ރިލްވާން ގެއްލުވާލުމުގެ މައްސަލަ ރޭވުމުގެ އަޑީގައި ތިބި މީހުންނާއި އަދި އެކަމަށް ފައިސާ ހަރަދު ކުރި މީހުންގެ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރުމަށް ގޮވާލާފައެވެ.
"ރިލްވާން އެންޑް ޔާމީން ފައުންޑޭޝަން" އަކީ އަނިޔާވެރިގޮތަކަށް މަރާލާފައިވާ ނޫސްވެރިޔާ ޔާމީން ރަޝީދު އާއި ރިލްވާންގެ އާއިލާއާއި ހެޔޮ އެދޭ ފަރާތްތައް ޝާމިލްވާގޮތަށް، އެސޯސިއޭޝަން ފޯ ޑިމޮކްރެސީއިން ހިންގާ ޖަމިއްޔާއެކެވެ.