ރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ހުސެއިން ވަހީދު ބުނީ ރިލްވާންގެ މައްސަލައިގަ 2019 ވަނަ އަހަރު މަރު ކަމިޝަން އިން އާންމު ކުރި ކުރުން ދޮގުކޮށް ރިލްވާން ގަދަވެ ހުރިކަން ކަމިޝަނުން ވިދާޅުވީތީ ވަރަށް އުފާ ކުރާ ކަމަށެވެ.
ފޭސްބުކްގައި ކުރެއްވި މި ޕޯސްޓުގައި ހުސެއިން ވަހީދު ވަނީ ލަސްނުކޮށް، ރިލްވާން އޭނާގެ އާއިލާއާ ބައްދަލުކޮށް ސަލާން ގަލާން ކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމަށް ވެސް ގޮވާލާފައެވެ.
"އަޅުގަނޑުގެ އެދުމަކީ ރިލުވާނުގެ މަންމަ އާއި ވީ އެންމެ އަވަހަކަށް ގުޅާލާ އާއިލާއާއި ސަލާންގަލާން ކޮށްލެވޭނެ ގޮތެއް ވުން. ރިލުވާނުގެ އާއިލާއިން ވަރަށް ހިތާމަ ކޮށްފި. އަޅުގަނޑު ރިލުވާނު ހޯދަން ކުރި މަސައްކަތުގައި އެހީތެރިވެ ދެއްވި ހުރިހާ ފުލުހުންނަށް ޝުކުރިއްޔާ. ހާއްސަ ކޮށް ރައީސް ޔާމީން އާއި މިނިސްޓަރ އުމަރުގެ ފަރާތްޕުޅުން ލިބުނު އެހީތެރި ކަމާއި އެއްބާރު ލުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." ހުސެއިން ވަހީދުގެ ޕޯސްޓުގައި އޭނާ ލިޔުއްވާފައިވެއެވެ.
ހުސެއިން ވަހީދު ވަނީ ހަމަ މި ޕޯސްޓުގައި މަރުކޮމިޝަނަށް ވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން 6 ފަހަރެއްގެ މަތިން އޭނާ ހާޒިރުކޮށްގެން ވެސް މަރު ކޮމިޝަނަށް އެދެވޭ ވަރެއްގެ މަސައްކަތެއް ނުކުރެވޭ ކަމަށާއި މަރު ކޮމިޝަން މަސައްކަތް ކުރަނީ ވަކި ބަޔެއްގެ އޯޑަރަަށް ކަމަށް އޭނާ ވަނީ ތަހުމަތުކޮށްފައެވެ.
"ބަރު ހަދާލުމާއި ރިޕޯޓެއް ނެރެލުމަށް ވުރެ ރަނގަޅަށް ކުރެވުނީސް. އެބޭފުޅުން ވަރަށްބޮޑު މަޖުބޫރުކަމެއްގައި ތާށީވެފައިވާ ކަން ފާހަގަވި. ވަކިތާރީޚަކަށް ވަކި ގޮތަކަށް ރިޕޯޓެއް ނެރެންޖެހިގެން އުޅުނުކަން ފާހަގަކުރެވުނު. ވެރިކަމުގެ ފުރަތަމަ 24 ގަޑިއިރު ތަންކޮޅެއް ލަސްވެއްޖެ." ހުސެއިން ވަހީދު ލިޔުއްވާފައިވެއެވެ.
ހުސެއިން ވަހީދު އެންމެ ފަހުން މަރު ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
ރިލްވާން ގެއްލުވާލިއިރު އޭރުގެ ޕޮލިސް ކޮމިޝަނަރަކަށް ހުންނެވީ ހުސެއިން ވަހީދެވެ. އޭނާ އެ މައްސަލައިގެ ތަހުގީގަށް ހުރަސްއަޅާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.
ރިލްވާން ގެއްލުވާލި މައްސަލައާ ގުޅިގެން ދާދިފަހުން މަރު ކޮމިޝަނުން ވަނީ ކުރީ ރައީސް އަބްދުﷲ ޔާމީން ވެސް އެ ކޮމިޝަނަށް ހާޒިރުކޮށްފައެވެ. ކޮމިޝަނަށް ހާޒރުވެވަޑައިގެން ޔާމީން ވަނީ ބަޔާން ދެއްވަން އިންކާރު ކުރައްވާ، ހަނު ހުންނަވާފައެވެ.