168 ހެކްޓަރު ބޮޑު ނޭކުރެންދޫގައި މީހުން ދިރިއުޅެނީ ނިސްބަތުން ރަށުގެ ކުޑަ ސަރަހައްދެއްގައެވެ. އެރަށުގެ އެންމެ އާދަޔާ ހިލާފު އެއް ތަނަކީ އެރަށުގެ ބޮޑު ކަނޑޫފަލެވެ. ހިމާޔަތް ކޮށްފައިވާ މި ކަނޑޫފަލަކީ ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ ވެސް މެއެވެ. ނޭކުރަންދޫ ކަނޑޫފާއަކީ އޭޝިއާ ސަރަހައްދުގެ ތިން ވަނައަށް އެންމެ ބޮޑު ކަނޑޫފަލެވެ. އަދި ދުނިޔޭގެ ނިސްބަތުން ބަލާނަމަ އެއީ ދިހަ ވަނައަށް އެންމެ ބޮޑު ކަނޑޫފަލެވެ.
ރަށުގެ ކަނޑޫފާ ހަލާކުވަމުންދާ ކަން ފުރަތަމަ ރަށު ރައްޔިތުންގެ ސަމާލުކަމަށް އައީ 2020 ވަނަ އަހަރު ރޯދަ މަހަށް ތައްޔާރުވުމަށް ރަށު ރައްޔިތުން ކަނޑޫ ހޮވަން ގޮސް އުޅުމުގެ ތެރޭގައެވެ. ކުޅިއެއްގެ އިތުރުން ބޮޑު ޗަސްބިމެއް ވެސް އޮންނަ އެ ސަރަހައްދުގައި އެކި ކަހަލަ ބިޔަ ގަސްތައް ހުރެ އެވެ.
ކަނޑޫފަލަށް މި މައްސަލަ ކުރިމަތިވިތާ މިއަދަށް އަހަރަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު، ހައްލެއް ނުލިބި އަދި ކަމާބެހޭ އިދާރާތަކުން އެކަމަށް އަޅާނުލުމަކީ ނޭކުރަންދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. ނޭކުރަންދޫ ކައުންސިލުން ބުނި ގޮތުގައި ނޭކުރަންދޫ ކަނޑޫފަލުގެ ގަސްތައް މަރުވެ، ހަލާކުވާން ދޫކޮށްލާފައިވާއިރު ސަރުކާރުން އެކަމަށް ހައްލެއް ހޯދުމަށް އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ.
ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖު "ސީއެންއެމް" އަށް ވިދާޅުވީ ކަނޑޫފާ ސަރަހައްދަކީ އަބަދުވެސް ރައްޔިތުން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ހިމާޔަތްކުރަމުން އައިތަނެއް ކަމަށެވެ. 2016 ވަނަ އަހަރު އެތަން ސަރުކާރުން ހިމާޔަތް ކުރި ފަހުން ގިނަ ރައްޔިތުން އެ ސަރަހައްދަށް ގޮސް ނޫޅޭ ކަން ފާހަގަކުރައްވާ އަލީ ވިދާޅުވީ އެތަން ހިމާޔަތްކޮށްފައި ވެސް އޮތީ ނަމެއްގައި ކަމަށެވެ. ކަނޑޫފާ ފުރަތަމަ ބަލިވުމުން ވެސް އެކަން އީޕީއޭއާއި އެންވައިރެމެންޓު މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށާއި ނަމަވެސް އެދެވޭ އެއްބާރުލުމެއް ލިބިގެން ގޮސްފައިނުވާ ކަމަށް އަލީ ސިރާޖު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިހާތަނަށް ވެސް އެ ސަރަހައްދު ބަލައި މައްސަލަ ދެނެގަތުމަށް ކައުންސިލާ ގުޅިގެން މަސައްކަތް ކޮށްފައިވަނީ އަމިއްލަ މަދަނީ ޖަމާއަތެއް ކަމަށްވާ "ސޭވް މޯލްޑިވްސް"ގެ ފަރާތުން ކަމަށެވެ.
ގަދަފެހި ކުލައިގެ ބޯޖަންގައްޔެއްހެން އެ ކަނޑޫފާގެ މަތިން ކުރިން ފެނިގެންދިޔަ ނަމަވެސް މިހާރު ބޮޑު ބައި އޮތީ ހިކިފަ އެވެ. ފަތްތައް ދޮންވެ، ގަސްތައް ދަނީ އެކީ ހިކެމުންނެވެ. މިދިޔަ އަހަރުގެ ޖޫން މަހާ ހަމައަށް އެ ސަރަހައްދުން 10 ހާހަށް ވުރެ ގިނަ ގަސް މަރުވެފައިވާ ކަމަށް ކައުންސިލުން ވަނީ ލަފާކޮށްފައެވެ. ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި މިހާރު ކަނޑޫފަލުގެ 90 އިންސައްތަ އޮތީ މުޅިން މަރުވެފައެވެ.
ސޭވް މޯލްޑިވްސް އިން މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ ނޭކުރަންދޫއަށް ޒިޔާރަތްކޮށް، ކަނޑޫފަލުގެ ބައެއް ތަހުގީގުކޮށްފައެވެ. އެގޮތުން ޗަސްބިންތަކުން ފެން ނަގައިގެންނާއި، އެ ސަރަޙައްދުން ފެންނަމުންދާ ފަންޏެއްވެސް ވަނީ ޓެސްޓުކޮށްފައެވެ. ކަނޑޫފަލުގައި ކުރި މަސައްކަތުގެ ރިޕޯޓު މިހާރު ސޭވް މޯލްޑިވްސް ގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.
އެ ޖަމިއްޔާގެ ވޮލިންޓިއާ ހުމެއިދާ އަބްދުލްގަފޫރު (ހުމޭ) ސީއެންއެމް އަށް ވިދާޅުވި ގޮތުގައި ކަނޑޫފާ މައްސަލައަށް އަހަރެއް ވެގެން ގޮސް، ދިރާސާއެއް ކުރެވިގެން ދިޔައިރު ވެސް އެމައްސަލަ އަދިވެސް އޮތީ މީގެ އެއް އަހަރު ކުރިން އޮތް ހިސާބުގައެވެ. މިހާތަނަށް ވެސް މައްސަލައަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާއިރު މައްސަލަ ހައްލުކުރުމަށް ކަމާ ބެހޭ އިދާރާތަކުން އެއްވެސް މަސައްކަތެއް ކުރަމުން އަންނަ ތަން ވެސް ނުފެންނަ ކަން ހުމޭ ފާހަގަކުރެއްވިއެވެ.
ހުމޭ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އެ ޖަމިއްޔާއަށް ވެސް ދަތުރުފަތުރުކުރުމާ އެހެނިހެން ކަންކަމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި ނަމަވެސް މައްސަލަ ފެންމަތިވުމާއެކުހެން އެރަށަށް އެ ޖަމިއްޔާގެ ވޮލިންޓިއަރުން ގޮސްފައިވާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މަދަނީ ޖަމިއްޔާތަކުން މިފަދަ ކަންކަމުގައި އުޅެން ޖެހެނީ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން އެކަށީގެންވާ މަސައްކަތްތައް ނުކުރެވޭތީ ކަމަށާއި ރަށު ކައުންސިލްތަކަކީ ވެސް ވަސީލަތްތައް ލިބިފައިވާ ތަންތަން ނޫން ކަމަށެވެ.
އީޕީއޭ އާއި އެންވައިރަމެންޓް މިނިސްޓްރީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ހުމޭ އިތުރަށް ވިދާޅުވީ އިދާރާތަކުން ތިމާވެއްޓަށް ގެއްލުންވަމުންދާ ކަންކަން ކުރަމުންދާއިރު އަޅާނުލާތަނުގައި ވަމުންދާ ގެއްލުންތައް ވެސް ނުބެލޭ ކަމަށެވެ. އެގޮތުން އީޕީއޭއިން އެންމެ ފަހުން ނެރުނު ރިޕޯޓުގައި ވެސް މާ ބޮޑު ތަފްސީލެއް އަދި ކުރިއެރުމެއް ލިބިފައިނުވާ ކަން ފާހަގަކުރެއްވިއެވެ. އަދި ކޮޗީ ޔުނިވާސިޓީއަށް އިތުރު ތަހުލީލުތައް ފޮނުވާ ވާހަކަ ދެކެވުނަސް އެކަމުގައި ވެސް މާބޮޑު ކުރިއެރުމެެއް ލިބިފައިވާތަން ނުފެންނަ ކަން ހުމޭ ފާހަގަކުރެއްވިއެވެ.
ކަނޑޫފާތައް މަރުވާ މައްސަލައިގައި އީޕީއޭއިން ނެރުނު ރިޕޯޓުގައި، މަރުވަމުންދާ ބައެއް ކަނޑޫފާތަކުގެ ވެއްޔާއި ފެން، އަދި ކަނޑޫގަސްތަކުގެ މުލާއި، ފަތާއި، ތޮށީގައި އެއްވެސް ޖަރާސީމެއްވޭތޯ ބެލިބެލުމުން، މިފަދަ މާހައުލުންނާއި މިފަދަ މާޙައުލުތަކުގައި ހެދޭ ގަސްގަހުން ނުފެންނަ، މާގިނަ ބަލިޖައްސާފަދަ ލޮލަށް ނުފެންނަ ބާވަތްތަކުގެ ކުދި ދިރުންތައް ފާހަގަވެފައި ނުވިިނަމަވެސް ކަނޑޫފާ މަރުވަމުންދާ ރަށްރަށުން ނެގުނު ސާމްޕަލްތަކުން، ދުނިޔޭގެ ކަންކޮޅުތަކުގައި ބައެއް ބާވަތްތަކުގެ ގަސްތަކަށް ބަލިޖައްސާކަމަށް މީގެ ކުރިން ފާހަގަވެފައިވާ ބާވަތެއްގެ "ފަންގަސް" އެއް ފެނިފައިވާ ކަމަށް ވަނީ ބުނެފައެވެ.
މި ތަހްލީލްތަކުން ހޯދިފައިވާ "ފަންގަސް" އަކީ، ތަފާތު ސަބަބުތަކާއި ގުޅިގެން ކަނޑޫފާތައް ބަލިކަށިވުމަށް ހުށަހެޅިފައިވެދާނެ ދަނޑިވަޅެއްގައި ގަސްތައް އިތުރަށް ބަލިކޮށްފާނެ ފަންގަސްއެއް ކަން އީޕީއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވީނަމަވެސް ކަނޑޫފާތައް މަރުވާ ސީދާ ސަބަބު ހޯދިފައިނުވާ ކަމަށާއި އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އީޕީއޭގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ކަނޑޫފާތަކުގެ މައްސަލައިގައި އީޕީއޭއިން ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ އަޕްޑޭޓް ހޯދަން އެ އިދާރާއަށް "ސީއެންއެމް" އިން ގުޅުމުން އީޕީއޭއިން ވަނީ އީޕީއޭއިން އެފަދަ މައުލޫމާތު ނުދެވޭނެ ކަމަށާއި މައުލޫމާތު ދޭނީ އެންވައިރަމެންޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ކަމަށް ބުނެފައެވެ. ނަމަވެސް އެ މިނިސްޓްރީން ފޯނަށް ޖަވާބު ނުދެއްވާތީ އަޕްޑޭޓެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު ތަދުގެ ދުވަސްވަރު ވެސް ކަނޑޫފާތަކުގެ މުހިއްމުކަން ވަނީ ފެނިގެންގޮސްފަ އެވެ. އެގޮތުން ރައްޔިތުން ބަނޑަށް ޖެހިފައި ތިބި އެ ދުވަސްވަރު، އެތަނުގައި ހެދުނު ކަނޑޫ އެކި ރަށްރަށަށް ފޮނުވައި އެހީވެފައިވާކަމަށް އިހުގެ ބައެއް މީހުން ބުނެއެވެ. ނަމަވެސް މިއަދު ފެނިގެން މިދަނީ ދިވެހިންގެ ފަހުރު ކަމަށްވާ ކަނޑޫފާތައް ނެތިގެންދާތަނެވެ. ހަމައެކަނި ނޭކުރަންދޫ ކަނޑޫފަލެއް ވެސް ނޫނެވެ. އުލިގަމު ކަނޑޫފަލާއި ކެލާ ކަނޑޫފަލާއި ކުޅުދުއްފުށީ ކުޅިއާއި ވައިކަރަދޫ ހިމެނޭހެން ޖުމްލަ 11 ކަނޑޫފަލަކަށް ވަނީ ނެތިގޮސްދާނެ ކަމުގެ ބިރު ހީވެފައެވެ. ނަމަވެސް ހިތާމައަކީ ކަނޑޫފާތައް މަރުވާން އިދާރާތަކުން ދޫކޮށްލާފައި އޮތުމެވެ.