ads
ފެހި ގާނޫނު އަސާސީ ތަސްދީގުކުރުން--- ފޮޓޯ: ރައީސް މައުމޫން
އާ ގާނޫނު އަސާސީން ދިވެހީންނަށް ލިބުނީ ކޮން އުފަލެއް؟
ދުނިޔެއަށް އަންނަމުން ދިޔަ ބަދަލުތަކާއެކު ވެރިކަމުގެ ފަރާތުން އޮބިއަޅުވައި ހިފަހައްޓަމުންދިޔަ އަނިޔާވެރިކަމުގެ އާދަތަކަށް ދިވެހީން ނޫނެކޭ ބުނަން ފެށިއެވެ. ރީތިކޮށް އޮމާންކޮށް ޓީވީތަކުން އޭރު ފެނުނު ގައުމީ ލަވަތަކާއި މަންޒަރުތައް ކިތަންމެ ރީއްޗަސް އަނިޔާވެރި އާދަތައް ހުރީ ދިވެހި ޖަލުތަކުގައި ހަރުލާފައެވެ. އެކަން ބަދަލުވުމަށް އެތައް ކަމެއް މެދުވެރިވި އެތައް ސަބަބުތަކެއް ހުއްޓެވެ. އެސަބަބުތަކުގައި ހިފައި ދިވެހީން ނުކުތީ "އާ ދެން ހެވޭ" ބުނަމުންނެވެ. އާ ގޮތްތަކަކަށް އުންމީދު ކުރަމުންނެވެ.
Advertisement

އަލަށް ހެދި ގާނޫނު އަސާސީގެ ދަށުން ދިވެހީންނަށް ލިބުނީ ކޯޗެއް ހެއްޔެވެ؟ ދިވެހީން އުއްމީދު ކުރި ފޮނި މީރުކަން ލިބިއްޖެހެއްޔެވެ؟ ގާނޫނު އަސާސީ އަށް ފަހު އެންމެ ގިނައިން ދެކެވޭ ވާހަކައަކީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ވާހަކައެވެ. ސިޔާސީ ފަރާތަކުން މަގުމައްޗަށް ނިކުންނަންވެސްޖެހޭ ކޮންމެ ހާލަތެއްގައި އުންދަގޫތަކެއް ދިމާވެއްޖެނަމަ އެއީ ވަރަށް ގަދައަށް އިވެމުންދާ އަޑެކެވެ. އަދި އެއަޑު އިއްވާ މީހުންވެސް ގިނަ އެވެ. ސުވާލަކީ ގާނޫނު އަސާސީއަކުން ލިބެންޖެހޭ އުފާވެރިކަމާއި ހިތްހަމަޖެހުމާއި މަސަލަސްކަމހެއްޔެވެ؟

ފަރުދީ މިނިވަންކަން 

ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމިޓީގެ މުގައްރިރު އިބްރާހީމް އިސްމާއީލް (އިބްރާ) ސީއެން އެމް އަށް ވިދާޅުވީ ގާނޫނު އަސާސީން ލިބިދޭ މިނިވަންކަން ގިނަ ބަޔަކަށް އަދިވެސް ފަހުމްވާލެއް ކުޑަ ކަމަށެވެ. އެގޮތުން އިބްރާ ފާހަގަ ކުރެއްވި އެންމެ މުހިއްމު އެއްކަމަކީ އާއްމު މީހާ އަށް ތަންމިނަށް އެމީހަކު ބޭނުން ކަމެއް ކުރުމުގެ މިނިވަންކަން ގާނޫނު އަސާސީން ލިބިދީފައިވާ ކަމެވެ. ގާނޫނަކުން މަނާ ނުކުރާހާ ހިނދަކުއެވެ. އެކަމަކު ރައްޔިތުންގެ ކަންކަމާ ހަވާލުވެގެން ތިބޭ މީހުން ނުވަތަ ދައުލަތުގެ ވަޒީފާތަކާއި ހަވާލުވެގެން ތިބޭ މީހުންނަށް ގާނޫނުގައި އެމީހުން ކުރަން ޖެހޭ ކަމަށް ބުނާ ކަންކަން ފިޔަވައި އެހެން ކަމެއް ނުކުރެވޭނެއެވެ. 

އިބްރާ ވިދާޅުވި ގޮތުގައި ކުރީގެ ގާނޫނު އަސާސީ އާއި މި ފެހި ގާނޫނު އަސާސީގެ ތަފާތަކީވެސް އެއީއެވެ. ތެދެކެވެ. ކުރިން، ގަބޫލު ކުރުންތައް ހުރި ގޮތުން ކޮންމެ ކަމެއް ޖެހުނަސް ވެރިމީހާ ކައިރިއަށް ގޮސް ކަންކަން ކުރަން ޖެހޭ ކަން އޮންނަނީ ސިކުނޑީގައި ބިންވަޅު ނެގިފައެވެ. އިބްރާ ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީއަކީ ކުރިން އޮތްގޮތް ސަތޭކަ އައްޑިހަ ޑިގްރީއަށް އަނބުރާލި ގާނޫނު އަސާސީއެއް ކަމަށެވެ. 

"އަޅުގަނޑު ވަރަށް ގިނަ ފަހަރު ބުނެފަހުންނާނެ އަދި ބުނަމުން އައި ވާހަކައެއް. ފެހި އަސާސީ އަކީ ނޫ ގާނޫނު އަސާސީ ދަތުރުކުރަމުން އައި ޑިރެކްޝަން 180 ޑިގްރީއަށް އަނބުރާލިއެއްޗެކޭ. އާގާނޫނު އަސާސީ އެއޮތީ އެހެން (ބަދަލުވެފައި). ނޫ ގާނޫނު އަސާސީގައި އޮތް ގޮތުން އެއްވެސް މީހަކަށް އެއްކަމެއްވެސް ސަރުކާރުގެ ހުއްދައެއް ނެތި ނުކުރެވޭ. އެއީ އަސްލުގައި ރައްޔިތުންގެ ބެނދެވުން. މި ގާނޫނު އަސާސީން މިކުރި ކަމަކީ އޭތި އަނެއްކޮޅަށް މިޖެހީ. ސަރުކާރުން ކަމެއް ކުރަން ވެއްޖެއްޔާ ޖެހޭނީ ގާނޫނުގައި ހުއްދަ އޮންނަން. ރައްޔިތުން ކުރަންވީމަ ކުރަންވީ ގާނޫނަކުން މަނާ ނުކުރަންޏާ،" ދެ ގާނޫނު އަސާސީގެ ތަފާތު ދައްކަވަމުން އިބްރާ ވިދާޅުވިއެވެ.  

އެހެން ނަމަވެސް އެމިނިވަންކަން ރައްޔިތުންނަށް ލިބެނީ ވަރަށް ކުޑަމިންވަރަކަށް ކަމަށް އިބްރާ ވިދާޅުވިއެވެ. ސަބަބެއްކަމުގައި އިބްރާ ފާހަގަ ކުރެއްވީ މީހުންގެ ވިސްނުމެވެ. އަދި ދިވެހީންގެ ސަގާފަތެވެ. އިބްރާ ގަބޫލު ކުރައްވާ ގޮތުގައި އަދިވެސް ގާނޫނު އަސާސީގެ ހަގީގީ މިނިވަންކަން ދިވެހީންނަށް ލިބޭނީ އަދިވެސް ދެޖީލެއްްވަރު ފަހުންނެވެ. 

ކޯލިޝަން ސަރުކާރުތައް؛ އެންމެބޮޑު އެއް މައްސަލަ

މިހާރު މިއޮތް ގާނޫނު އަސާސީގެ ދަށުން ވެރިކަމަށް މީހަކު އަންނަން ބޭނުން ނަމަ އާދެވޭނީ ވޯޓުލާ މީހުންގެ ތެރެއިން ފަންސާސް އިންސަތަ މީހުންނާއި އެއްވޯޓު ލިބިގެންނެވެ. އެ އަދަދަށް ވޯޓު ނުލިބޭތީ 2008 ވަނައަހރުން ފެށިގެން އުފެދުނު ކޮންމެ ވެރިކަމެއް އުފެދިފައިވަނީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައެވެ. ކޯލިޝަން ސަރުކާރުތައް އުފެއްދުމަށްޓަކައި ކުދި ޕާޓީތަކާ ގުޅެންޖެހެއެވެ. 

ނަތީޖާއަކަށް ވަނީ ސަރުކާރުތައް ހިންގުން ބަލިކަށިވެ، ބަރުހެލިވެގެން ދިއުމެވެ. މުއައްސަސާތަކުގެ ދައުރު ފެނިގެން ނުދިއުމެވެ. މިހެން އުފެދޭ ސަރުކާރުތަކުގެ މައިޕާޓީން، ރައްޔިތުންނަށް ވާ ވައުދުގެ އިތުރުން ގުޅޭ ޕާޓީތަކާއެކުވެސް ވައުދުތަކެއް ވާންޖެހެއެވެ. އެޕާޓީތަކަށް ކެބިނެޓުން ސްލޮޓްތަކެއް ދޭން ޖެހެއެވެ. ނުވަތަ އެހެން ގޮތަކަށް ނަމަވެސް ބައިއަޅަން ޖެހެއެވެ. މިއީ ގާނޫނު އަސާސީ ދަންނަކަމަކަށް ނުވިޔަސް އިންތިހާބުވުމަށް ބޮޑެތި ޕާޓީތަކަށް އެނޫން ގޮތެއް ނެތެވެ.

ކޯލިޝަން ސަރުކާރުތައް އައުމާގުޅިގެން ސަރުކާރުގެ މުހިއްމު މުއައްސަސާތަކުގެ ބާރުވެރިކަން ކުޑަކޮށްލެވިފައިވާކަމަށް ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު ވަނީ ވިދާޅުވެފައެވެ. ގާނޫނު އަސާސީއަށް 13 އަހަރު ފުރުމާގުޅިގެން ކްލަބް ހައުސް ގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ ކޯލިޝަން ސަރުކާރުތަކަށް ގޮންޖެހުންތައް ކުރިމަތިވެފައި ވާކަމަށެވެ.

ދައުލަތުގެ އެންމެ އިސް މުއައްސަސާތައް ކަމަށްވާ ސުޕްރީމްކޯޓާއި ޖުޑީޝަރީ ވެސް ހަލަބޮލި ކޮށްލެވިފައިވާ ކަމަށާއި އަދި އޭގެ އިތުރުން ދިފާއީ ބާރަށްވެސް ގުޑުން އަރައި، ފުލުހުންގެ މުއައްސަސާއަށް އޮތް ގަދަރުވެސް ކުޑަކޮށްލެވިފައި ވާކަމަށާއި އެކަންކަމުން އަދި މިހާތަނަށް ވެސް އަރައިގަނެވިފައި ނުވާ ކަމަށް އާޒިމާ ވިދާޅުވިއެވެ. 

"އެހެންކަމުން ގާނޫނު އަސާސީ ތަންފީޒުކުރުމުގައި އަޅުގަނޑުމެންނަށް ކިހާވަރެއްގެ ކާމިޔާބީއެއްތޯ ލިބުނީ ބަލާކަމަށްވަންޏާ އަޅުގަނޑުމެންނަކަށް މާބޮޑު ކާމިޔާބީއެއް ލިބުނު ކަމަކަށް އަޅުގަނޑަކަށް ފަސޭހައެއް ނޫން ދަންނަވާކަށް،" މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީ ތަސްދީގު ކުރެއްވުމާ މެދު ރައީސް މައުމޫނަށް ލަފާއެރުއްވި އޭރުގެ ބަންޑާރަ ނައބު އާޒިމާ ވިދާޅުވިއެވެ.

މިހާރު މިއޮތްގޮތުން އެއްވެސް ބަޔަކަށް ކޯލިޝަނަކާ ނުލައި ވެރިކަމަށް އައުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން ވެރިކަމަށް ކުރިމަތިލާ ބައެއް ޕާޓީތަކުން ބޭނުންކުރާ އުކުޅަކީ ގަސްތުގައި އެއްވެސް ބަޔަކަށް އަގުލަބިއްޔަތު ނުދިނުމެވެ. ދެވަނަ ބުރަކަށް ދާން މަޖުބޫރު ކުރުވުމެވެ. މިހެން ހެދުމުގެ ބޭނުމަކީ ކުދި ޕާޓީ ތަކަށް ވެރިކަމުގެ ދާއިރާއިން މަންފާ ހޯދުމެވެ. މިސިސްޓަމުގައި، ރާއްޖޭގައި އެފުރުސަތު އިންތިހާ އަށް އެބައޮތެވެ. 

އެހެންކަމުން އިބްރާ ވިދާޅުވަނީ ރާއްޖެއަށް މިހާރު އެންމެ ރަންގަޅު ނިޒާމަކީ ޕްރެފަރެންޝަލް ވޯޓިން ސިސްޓަމް ކަމަށެވެ. އެއީ އެމްޑީޕީގެ އެތެރޭގެ ފުރަތަމަ އިންތިޚާބުގައި ރައީސަކު ހުވުމުގައި ބޭނުންކުރި ނިޒާމެވެ. އިބްރާ ވިދާޅުވީ އެ ނިޒާމަށް ހިނގައްޖެނަމަ ވޯޓުގައި މަކަރު ހެދުމުގެ ބައި ވަރަށް ކުޑަވާނެ ކަމަށާއި، ވަކި މީހަކަށް ވޯޓަށް ނުފޫޒު ފޯރުވުމުގެ ބާރެއް ނޯންނާނެ ކަމަށެވެ. އަދި ކޯލިޝަނަކުން އަންނަންޖެހޭ ޖެހުމަށްވެސް ހުއްޓުން އަންނާނެ ކަމަށެވެ. 

ގާނޫނުއަސާސީ އާއި ޕާޓީތައް

ޕާޓީތަކާއި، ގާނޫނު އަސާސީ ބީރައްޓެސެވެ. ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ޕާޓީތައް ހިންގުމުގައިވެސް މައްސަލަ ޖެހި އެއްބައެއްގެ މުށުތެރެއަށް ޕާޓީތައް ލެވިފައިވަނީ ވެސް ގާނޫނުއަސާސީން އެފުރުސަތު ދީފައި އޮތީމައެވެ. 

ކުރީގެ ހޯމް މިނިސްޓަރު އުމަރުނަސީރު ސީއެންއެމް އަށް ވިދާޅުވީ ޕާޓީތައް މިހާރު ބަދަލުވެފައިވަނީ ރަސްކަންތަކަކަށް ކަމަށެވެ. އެއީ ދިވެހީން އުއްމީދު ކުރި ގޮތް ނޫން ކަމަށާއި، އެފުރުސަތު ދީފައިވަނީ ގާނޫނު އަސާސީން ކަމަށް އުމަރު ފާހަގަ ކުރެއްވިއެވެ.

ދިވެހީން ނަށް ހަދާ ގާނޫނުއަސާސީ އޮންނަންވާނީ ދިވެހީންގެ އާދަކާދަތަކާ ގުޅޭ ގޮތަށެވެ. އުމަރު ވިދާޅުވީ އެކަން އާ ގާނޫނު އަސާސީން ނުފެންނަ ކަމަށާއި، ލިބިދީފައިވާ މިނިވަންކަން މާބޮޑަށް ވެސް ބައެއް ފަހަރު ބޭނުން ކުރަމުން ގެންދާކަމަށެވެ.   

އިސްލާހު ކުރަން ޖެހޭތަ؟ 

ފެހި ގާނޫނު އަސާސީ ފާސްކުރެވުނު އިރުވެސް އޭގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނެވެ. އެމަސައްކަތުގައި ބައިވެރިވި ގިނަ ގާނޫނީ ބޭފުޅުން އެކަން ފާހަގަވެސް ކުރެއްވިއެވެ. އެހެންނަމަވެސް އެވަގުތަށް އެކަން ނުކޮށްފިނަމަ އަނެއްކާވެސް ލަސްތަކެއް އަންނާނެތީ އާއި، ދެން ވެގެންދާނެ ގޮތެއް ނޭނގޭތީ ފާސްކުރީއެވެ. ރައީސް މައުމޫނު އަބްދުލް ގައްޔޫމް ތަސްދީގު ކުރެއްވި އާ ގާނޫނު އަސާސީ ވުޖޫދަށް އައީ 07 އޮގަސްޓް 2008ގައެވެ. އެންމެންވެސް ގަބޫލު ކުރަނީ ގާނޫނު އަސާސީއަށް ހެޔޮ އިސްލާހުތަކެއް އަންނަން ޖެހޭ ކަމަށެވެ. ދިވެހީންނަށް ފަސޭހަ ދިރިއުޅުމެއް ލިބުމަށެވެ. ނަމަވެސް އާ ގާނޫނު އަސާސީއަށް 13 އަހަރު ފުރުން މިދިޔަ  ހޮނިހިރު ދުވަހު ފާހަގަ ކުރި ނަމަވެސް ސުވާލަކީ ދިވެހިން އެދުނު ފާގަތިކަމާއި ހަމަޖެހުން މިހާރު އަމަލ ކުރަމުންދާ ގާނޫނު އަސާސީން ލިބުނު ތޯ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް