ads
ދެ ދައުރުގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސްކަން ކުރެއްވި އަޝްރަފް އަލީ…
ދަހަރެއް ފުރިހަމަކޮށް މަގާމުން ވަކިވިޔަސް ލޯބިވާމީހުންގެ ހިތްތަކުން އަޝްރަފް ވަތްކެއްނުވޭ!
ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ކަން ނިމިގެންދިޔަ ދެ ދައުރުގައި ފުރިހަމަ ވެސް ކުރެއްވި އަޝްރަފް އަލީ އަކީ ލާމަސީލި ހިންގުންތެރި ބޭފުޅެކެވެ. ހިތް ހެޔޮ ކަމާއި އަހުލާގު ރަނގަޅު މީހުންނަށް ގުޅޭ މިތުރެކެވެ. ލިބިފައިވާ ހުނަރުގެ ބޭނުން ކުރައްވާ އުނގެނިވަޑައިގެންފައިވާ އިލްމު އެހެން މީހުންނަށް އުނގަންނަވައިދެއްވުމަށް ވަރުބަލިފުޅު ކަމެއްނެތި މަސައްކަތްޕުޅު ކުރެއްވި އެދުރެކެވެ.
Advertisement

އެއް ދަހަރު ފުރިހަމަކުރައްވާ އެކަޑަމީގެ ރައީސް ކަމުން ވަކިވެ ވަޑައިގެންނެވި ކަމުގެ ހަބަރު ގިނަ ބަޔަކު އެހީ ފުން ހިތާމަޔާއި އެކުގައެވެ. ލޯބިވާ ގިނަބަޔެއްގެ ހިތްތަކަށް އަސަރު ކުރުވާފައެވެ.  ޔަގީނުންވެސް ދެން އެންމެންގެ “އަޝްރަފް ސަރ” ވަރަށް ހަނދާން ވާނެއެވެ. 

ދިވެހި ބަހުގެ އެކަޑަމީގެ އާ ރައީސަކަށް މިހާރު އައްޔަން ކުރައްވާފައި ހުންނެވީ ޑރ. އަޝްރަފް އަބްދުއްރަހީމް އެވެ. މިހާރުގެ ރައީސްގެ ނަންފުޅު އިވޭ ކޮންމެފަހަރަކު އަޝްރަފް ސަރ ވެސް ހިތަށް ނައިސް ނުދާނެ ކަން ކަށަވަރެވެ. ސަބަބު ތަކެއް ނެތި އެއްވެސް ނޫނެވެ.

ދިހަ އަހަރަކީ ކުރު މުއްދަތެއް ނޫނެވެ. 2011 ވަނަ އަހަރުގެ އޯގަސްޓު މަހުގެ އަށްވަނަ ދުވަހު އެކަޑަމީގެ ރައީސްކަމަށް އަޝްރަފް އައްޔަން ކުރެއްވުމާއެކު އޮޑީގެހުންގާނާއި ހަވާލުވެވަޑައިގެން ދަތުރު ފެއްޓެވީ ދިވެހި ބަހާއި އަދަބިއްޔާތު މުޅިން އެހެން ހަރުފަތަކަށް ގެންދެވުމަށެވެ.

އެ ދިގު ދަތުރުގައި މާލިމީކަން ކުރައްވަމުން އަޝްރަފް އެންމެ އިސްކަމެއް ދެއްވީ ދިވެހި ބަހުގެ އަހުލުވެރީންނާއި ދިވެހި ބަހާއި ދެމެދު އޮތް ދުރުކަމާއި ފޭކަންދުރުކޮށް ދިވެހި ބަސް ދިވެހީންގެ ހިތާއި ހިތުގެ ވިންދާއި ގާތްކޮށްދެއްވޭތޯއެވެ. އަދި ހަމަ އެއާއެކު ދިވެހި ބަހާއި ދިވެހި އަދަބިއްޔާތާއި ދިވެހި ތާރީޚަކީ ދިވެހިންގެއަމިއްލަ ތަރިކަ ކަމުގައި ހައްދަވަން ނުހަނު ގިނަ މަސައްކަތް ކުރެއްވިއެވެ.  ޝައްކެއް ނެތެވެ. އަޝްރަފް ދިވެހި ބަހާއި އަދަބާއި ތާރީހުގައި ފިރުމައިދެއްވީ ކުލުނުވެރިކަމާއި ލޯތްބާއި އޯގާތެރިކަމުގެ އަތްޕުޅަކުންކަން ޔަގީނެވެ.

ދަތުރުގެ ތެރެއިން ވަރަށް ގިނަ ބައެއްގެ ލޯބި އަޝްރަފް ވަނީ ހޯދަވާފައެވެ. އަގުހުރި ހިދުމަތްތަކެއް ކުރައްވައި ދައްކަވަމުން ގެންދެވި ރިވެތި ނަމޫނާގެ ސަބަބުން ކުދި ބޮޑު އެންމެންގެ ހިތް ދިޔައީ އަޝްރަފް އަށް ހެޔެވަމުންނެވެ. ހިންގުންތެރިކަމާއި އުފެއްދުންތެރިކަމުގެ ގާބިލު ކަމަށް އެންމެ ދިޔައީ އޭނާ އާމެދު ފަހުރުވެރިވަމުންނެވެ. 

މުޅި ޖުމްލަ 23 އަހަރު ގައުމީ ހިދުމަތުގައި ހޭދަކުރެއްވި އިރު އެކަޑަމީގެ ރައީސަކަށް ހުންނަވައިގެން ބުރަދަން ހުރި އަދި އަދަދު ނުކުރެވޭ ފަދަ ގިނަ މަސައްކަތަކެއް ކުރެއްވުނު ކަމަށް ހުދު އަޝްރަފް ވެސް ގަބޫލުފުޅު ކުރައްވައެވެ. ރޭ ފޭސްބުކްގައި އަޝްރަފް ހާމަކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ބަހާއި އަދަބާއި ތާރީޚަށް ހިދުމަތް ކުރެއްވުމަކީ އޭނާގެ ހިތްޕުޅާއި ލެޔާއި ގުޅިލާމެހިފައިވާ އުފަލެއް ކަމަށެވެ. 

މީގެ އިތުރަށް އެ ޕޯސްޓުގައި އަަޝްރަފް ވިދާޅުވެފައިވަނީ އެކެޑަމީއާ އެކު ހޭދަކުރެއްވި އެއް ދަހަރުގައި ބަހާއި އަދާބާއި ތާރީޚުގެ ޚިދުމަތުގެ ހިނިތުންވުން މުޅިރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނިވަޑައިގަންނަވާތީ އުފާފުޅު ކުރައްވާމަށެވެ. އަދި  ބަސް ފަންނިއްޔާތަށް އޮޅުކުރައްވައި ރައްޓެހިކުރައްވަން ކުރެެއްވި މަސައްކަތްްފުޅުގެ ނަތީޖާ އޮންލައިން އެކި މަންސަތަކުން ފެނިވަޑައިގަންނަވާތީ ހިތްޕުޅުހަމަޖެހޭކަމަށެވެ. 


އަދި ހަމަ އެހެންމެ ބަހާއި އަދަބާއި ތާރީޚުގެ ދާއިރާއިން ކުރައްވާފައިވާ  ޢިލްމީ މަސައްކަތްޕުޅުތައް ވެސް ވުޖޫދުން ފެނިވަޑައިގަންނަވާތީ އުފާފުޅުކުރައްވާ ކަމަށާއި  މި ދާއިރާތަކުގެ ޚިދުމަތްތެރީންގެ އަގާއި ގަދަރު ހިފެހެއްޓެވޭތޯ ބައްލަވައި އަގުވަޒަން ކުރެއްވޭތޯ ބެެއްލެވި ކަމަށް އެ ވަދާޢީ ވާހަކަފުޅުގައި  ވިދާޅުވެފައިވެއެވެ.

އެކުގައި މަސައްކަތްކުރެއްވި ގާތް މިތުރުންނަށާއި އެކި ގޮތް ގޮތުން އެހީތެރިވެދެއްވި  މަދަދުގާރުންނަށާއި ލޯތްބާއި އިހުތިރާމް ދެއްވި އެންމެ ބޭފުޅުންނަށް އަޝްރަފްގެ ހިތްޕުޅުގެ އިހުލާސްތެރި ޝުކުރު ރައްދު ކުރައްވަމުން އޭނާ ވިދާޅުވެފައިވަނީ އަބަދުވެސް  ހިތްޕުޅުހެޔޮކަން އިސްކުރެއްވުމާއި ހިނިތުންވެވަޑައިގަތުން އެއީ ޝިއާރެއް ކަމުގައި ދަމަހައްޓަވާނެ ކަމަށެވެ. ވާހަކަ ފުޅު ނިންމަވާލައްވާފައި ވަނީ ދިވެހި ބަހާއި އަދަބާއި ތާރީހަށް އަބަދުވެސްކާމިޔާބައި ފާގަތިމަކަށް އެދިވަޑައިގެން ދުޢާ ކުރައްވަމުންނެވެ. 

އަޝްރަފް އަށް އިހުތިރާމް ކުރާ އަޝްރަފް ދެކެ ލޯބިވާ ގިނަ ބަޔަކު އަންނަނީ އޭނާ އަށް ހެޔޮދުޢާ ކޮށްދެމުންނެވެ. އެންމެން ވެސް އަންނަނީ ދިވެހި ބަހަށާއިދިވެހި ގައުމަށް އަޝްރަފް ކޮށްދެއްވާފައިވާ  ލާމަސީލު މަސައްކަތްތައް ފާހަގަކޮށް ޝުކުރާއި ވެދުން ބަރުތީލަކުރަމުންނެވެ. ތައުރީފް އޮއްސަމުންނެވެ.

ތެދެކެވެ. އަޝްރަފްގެ ވަދާއީ ވާހަކަފުޅު ލިޔުއްވާފައިވާ ޕޯސްޓު ކިޔާލުމުން އަޅުގަނޑަށް ވެސް ދޭހަވީ އަޝްރަފް ވިދާޅުވި ފަދައިން އެކަޑަމީގައި އޭނާ އެ ހޭދަ ކުރެއްވިދިގު ދަތުރު ތުރާ ތަކާއި ދަތިތަކުން ބަރާވެފައި ވިޔަސް އެ ދަތުރު އޭނާ އަށް ތަކްލީފަކަށް ނުވާކަމެވެ. އުދާހަކަށް ނުވާކަމެވެ. ބުރަޔަކަށް ނުވާކަމެވެ.

ގައުމީ ހިދުމަތުން އަޝްރަފް އަދިވެސް ފެނިގެންދިޔުން އެއީ އަޅުގަނޑުގެ ވަރަށް ފޮނި އުންމީދެކެވެ. އަބަދުވެސް އެދެނީ ކާމިޔާބީއަށެވެ. އަޅުގަނޑުވެސް އަދި އެންމެން ވެސް އަޝްރަފް ސަރ ދެކެ އިންތިހާއަށް ލޯބިވެއެވެ.

73%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް