ads
ބަޔަކު ފުރަން ލޯންޗަށް އަރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ވެކްސިން ނުޖަހާ މީހުންގެ ކަރަންޓީނު މުއްދަތު ޗުއްޓީން އުނިވާގޮތަށް ހަދަނީ
ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކުން، ކަރަންޓީނު ވާން ޖެހޭ ހާލަތްތަކުގައި ކަރަންޓީނުވާ މުއްދަތު، އެމީހެއްގެ ޗުއްޓީން އުނިކުރަން ހުށަހަޅައިފިއެވެ.

މިހާރު އަމަލުކުރަމުން އަންނަ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުގައި ކޮވިޑާ ގުޅިގެން ރަށްރަށަށް ދަތުރުކުރުމަށް ފަހު އަދި ބަލި ޖެހިގެން ނުވަތަ އެ ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެގެން ކަރަންޓީނުވާ ނަމަ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހުމަކާ ނުލައި، މުސާރަ ލިބޭ ގޮތަށް، ހާއްސަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭން ޖެހޭނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ވެކްސިން ނުޖަހާ މީހުންނަށް މި އުސޫލު ނުހިނގާ ގޮތް ހަދަން ގާނޫނަށް ބަދަލު ގެންނަން ވަނީ ހުށަހަޅާފައެވެ.

މި ބަދަލުގެ މާ ބޮޑު ތަފްސީލެއް އެޗްޕީއޭއިން މިހާތަނަށް ހާމަކޮށްފައިނުވި ނަމަވެސް އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ވެކްސިން ނުޖަހާ ފަރާތްތަކަށް ފިޔަވަޅުތައް ވަރުގަދަކުރާނެކަން އެޗްޕީއޭއިން މިހާރު ވަނީ އަންގާފައެވެ. 

އެގޮތުން ވެކްސިން ނުޖަހާ މީހުންނަށް އަންނަ ސެޕްޓެމްބަރު މަހުގެ އެކަކުން ފެށިގެން ކެފޭތަކާއި ހޮޓާ އަދި ރެސްޓޯރަންޓުތަކުގައި ތިބެ ހިދުމަތް ނުހޯދޭނެ ކަމަަށާއި، ހަމައެގޮތަށް ޖިމްތަކާއި ސެލޫންތަކާއި ސިނަމާތަކަށް ނުވަދެވުމުގެ އިތުރުން، އެތެރޭގެ އުދުހުންތަކުންވެސް ދަތުރު ނުކުރެވޭގޮތައް އުސޫލުތަކެއް އެކުލަވާލާ އާންމު ކުރުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މި ފަރާތްތަކަށް އޮފީސްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން އޮފީހަށް ޙާޟިރުވުމުގައި ވަކި ކަންކަމެއްޝަރުތު ކުރަންވެސް ވަނީ ނިންމާފައެވެ.

އެޗްޕީއޭއިން ބުނީ އެކަންކަމާމެދު ކަމާގުޅޭ މުއައްސަސާތަކުން ޝަރުތުތަކާއި ފިޔަވަޅުތައް ކަނޑައަޅައި 1 ސެޕްޓެމްބަރު 2021 އިން ފެށިގެން އަމަލުކުރުމަށް އެފަރާތްތަކަށް އަންގާފައިވާކަމަށެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށް، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 3 ވަނަ ނަންބަރުގެ ދަށުން، ވެކްސިނަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކުން ވެކްސިން ޖެހުމަށް ވެސް ވަނީ އަންގާފައެވެ.  

ރާއްޖޭގައި ކޮވިޑްގެ ހާލަތު ދަނީ ކޮންްޓްރޯލްވަމުން ކަމަށް ބަލައި، މިހާރު ވަނީ ގިނަ ފިޔަވަޅުތަކަކުން ލުއިތައް ދީފައެވެ. އެގޮތުން މިހާރު ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީނުވުމަކާ ނުލާ ބަލި ނެތްރަށްރަށަށް ދަތުރުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް