ads
މަހުލޫފް
މަހުލޫފަށް ދައުވާކުރިޔަސް އިސްތިއުފާ ނުދެއްވާނެ ފަދަ މޭރުމަކުން ވާހަކަ ދައްކަވައިފި
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ކުރި ނަމަވެސް އިސްތިއުފާ ދެއްވުމާ ދޭތެރޭ އިތުރު ވިސްނުމަކަށް ދާނެ ކަމަށް ސަސްޕެންޑުކޮށްފައި ހުރި ޔޫތު މިނިސްޓަރު މަހުލޫފް ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހުލޫފު ހުންނެވި އިރު އޭރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު މަހުލޫފަށް ދީފައިވާކަން ތަހުގީގަށް ހާމަވާ ކަމަށެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ އިރު, އޭނާ މިވަގުތު ހުރީ މިނިސްޓަރުކަމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައެވެ. އިދާރީ ބައެއް ކަންކަން ހުރުމުން ޕީޖީ އޮފީހުން ވަނީ އެކަންކަން ރަނގަޅު ކުރުމަށް އޭސީސީގައި ދެ ފަހަރު އެދިފައެވެ. މީގެ މަހެއްހާ ދުވަސް ކުރިން ޕީޖީން ބުނި ގޮތުގައި މަހުލޫފަށް ދައުވާ ކުރާނީ ޕީޖީން މައްސަލަ ދިރާސާކުރުމަށްފަހުގައެވެ.

ޕީޖީން އަދިވެސް މައްސަލަ ދިރާސާކުރަމުން އަންނައިރު މަހުލޫފް ވަނީ އަނެއްކާ ވެސް މި މައްސަލަ ހިނގަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން މަހުލޫފް ފާހަގަކުރި ބައެއް ކަންކަމުގެ ތެރޭގައި ގިނަވެގެން 6 ދުވަސްތެރޭ ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެކަމަށް ޕީޖީ ޕްރެސްގައި ވިދާޅުވި ނަމަވެސް މިހާރު އެ މައްސަލަ އޮންނަތާ 60 ދުވަސް ވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީ ގެ ކޮރަޕްޝަން މައްސަލަތައް ނިންމަން ހަވާލުކޮށްފައި އޮތް ކޮމިޓީން މަހުލޫފަށް ދައުވާ ނުކުރެވޭނެ ކަމަށް ބުނުމުން، އެ މައްސަލަ އެހެން ބަޔަކާ ހަވާލުކުރި ކަމަށާއި ޗެއިން އޮފް ކަސްޓަޑީއެއްނެތް ޗެޓްލޮގްގެ އެނެލެސިސް ހެދި ކަމަށް ބުނާ ފަރަޑޭ ފޮރެންސިކަށް ސީދާ ޕީޖީން ގުޅައިގެން ކޯޓަށް ގެންނަން އުޅުނު ކަމަށް ވެސް މަހުލޫފް ވަނީ ތުހުމަތުކޮށްފައެވެ. 

މަހުލޫފް ބުނީ ފަރަޑޭ ފޮރެންސިކުން އެމީހުނަށް ކޯޓަށް ހާޒިރުނުކުރެވޭނެ ކަމަށް ބުނި ކަމަަށާއި ޗެޓްލޮގްތައް މިހާރު ވެސް އޭނާ އަތުގައި އެބަހުރި ކަމަށާއި އެބުނާ ޗެޓްލޮގްތަކުގައި މަހުލޫފް ދެއްކި ކަމަށް ބުނާ ވާހަކައެއް ވެސް ނެތް ކަމަށެވެ.  

މަހުލޫފް ވަނީ އޭނާގެ މައްސަލައަށް ސިޔާސީ ނުފޫޒުވަދެފައިވާ ކަމަށް ބުނާ ވާހަކަތައް ތަކުރާރުކުރައްވާފައެވެ. 

"މައްސަލަތެރެއަށް ވަނީ ނުފޫޒުގަދަ ސިޔާސީ ބަޔަކު ވަދެފަ. މިއީ ސީދާ ޒާތީ ކަމެއް. ދައުވާކޮށްފިނަމަ ގައިމުވެސް ކޯޓުތެރޭން އަޅުގަނޑު މިދައްކާ ހުރިހާ ވާހަކައެއް ހާމަވާނެ." މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ ކުރިން ހުންނެވީ މައްސަލައާ މެދު ޕީޖީން ގޮތެއް ނިންމެވުމުން އިސްތިއުފާ ދޭން ކަމަށާއި ނަމަވެސް މިހާރު ޕީޖީން ކަންތައް ކުރަމުން އަންނަނީ ވެސް ވަރަށް ހަޑިކޮށް ކަމަށްވުމުން، ދައުވާކުރިނަމަވެސް އިސްތިއުފާ ދިނުމާމެދު އަލުން ވިސްނާނެ ކަމަށެވެ. އޭނާ ވަނީ މިކަން ރައީސްގެ ސަމާލުކަމަށް ރަސްމީކޮށް ގެންނަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް