ads
ޖަރުމަނު ސިފައިންނާއެކު އެގައުމުގެ ޑިފެންސް މިނިސްޓަރު
އަފްގާނިސްތާނަށް ސިފައިން ފޮނުވަން ޖަރުމަނުން ދެކޮޅު ހަދައިފި
އަފްގާނިސްތާނަށް އިތުރު ސިފައިން ފޮނުވަން ޖަރުމަނުގެ ޑިފެންސް މިނިސްޓަރު އެނެގްރެޓް ކްރަމްޕް-ކެރެންބައުއާ ދެކޮޅު ހައްދަވައިފިއެވެ.

އެމެރިކާއަށްފަހު ދެ ވަނައަށް އެންމެ ގިނަ ސިފައިން އަފްގާނިސްތާނުގައި ތިބީ ޖަރުމަނު ސިފައިންނެވެ. ޖަރުމަނުގެ 150،000 ސިފައިން އެ ގައުމުގައި އެބަތިއްބެވެ. 

އޭނާ ނިސްބަތްވާ ޖަރުމަނުގެ ކޮންޒަވޭޓިވް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ވަނީ އަފްގާނިސްތާނަށް ޖަރުމަނުގެ އިތުރު ސިފައިން ފޮނުވުމަށް ހުށަހަޅާފައެވެ. 

އެ ހުށަހެޅުމާއި ދެކޮޅު ހައްދަވަމުން ޖަރުމަނުގެ ޑިފެންސް މިނިސްޓަރު މިއަދު ވިދާޅުވީ، ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެންމެ ގިނަ އަދަދަކަށް ޖަރުމަނު ސިފައިން މަރުވަމުން އަންނަނީ އަފްގާނިސްތާނުގައި ކަމަށެވެ. 

"އާއިލާތަކަށް ލިބޭ ހިތާމަ އިތުރަށް ބޮޑުކުރުމަށް ބޭނުމެއް ނޫން،" ކަމަށް އޭނާ ވިދާޅުވިއެވެ. 

އެމެރިކާގެ ސިފައިން އަންނަ ސެޕްޓެމްބަރު އަފްގާނިސްތާނުން ބޭލުމުގެ ނިންމުމާއެކު އެ ގައުމުގައި ވަނީ ހަމަނުޖެހުންތައް ބޮޑުވެފައެވެ. އަދި ތާލިބާނުން އަންނަނީ ބާރު ގަދަކުރުމަށް މަސައްކަތް ކުރަމުންނެވެ. 

ނޭޓޯ އިން ވެސް ވަނީ އަފްގާނިސްތާނުގައި ތިބި އެ ގައުމުގެ ސިފައިން ބާލާނެ ކަމަށް ބުނެފައެވެ. 

އަފްގާނިސްތާނުން އެމެރިކާ ސިފައިން ބާލަން ނިންމާފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ. ނަމަވެސް އެ ނިންމުން ތަންފީޒު ކުރައްވަނީ މިހާރުގެ ރައީސް ޖޯ ބައިޑެން އެވެ. 

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބާނީ މިއަަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް