ރާއްޖޭގަައި ދެމަފިރިން ހޭދަކުރަމުން އަންނަ ވެކޭޝަންގެ ވީޑިއޯތަކާއި ފޮޓޯތައް އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާއިރު، އިންސްޓަގްރާމުގައި އޭނާވަނީ ރާއްޖެއަށް ފެށި ވެކޭޝަންގެ ވީޑިއޯއެެއްވެސް ހިއްސާކޮށްފައެވެ.
އެވީޑިއޯގަައި އެއާޕޯޓުން ފެށިގެން ޗުއްޓީ ހޭދަކުރަމުންދާ ފިނޮޅު މޯލްޑިވްސް ރިސޯޓަށް ދެމަފިރިން ދިއުމާއި ހަމަޔަށް ކަން ހިނގާފައިވާގޮތުގެ އެ ވީޑިއޯގައި ފެންނަނީ އެއާޕޯޓުގައި ދެމީހުން ނަމާދުކުރަނިކޮށެެވެ. މުސައްލައެެެެެއް ބާއްވައިގެން ފިރިމީހާގެ ފަހަތުގައި ސަނާ ނަމާދުކޮށްފައިވާއިރު، އޭނާ ބުނީ ނަމާދެއް ވައްޓާލުމަކީ އެދެމީހުން ކުރަން ބޭނުންވާ ކަމެއް ނޫންކަމަށެވެ. އެހެންކަމުން އެއަޕޯޓުގައި ހުއްޓާ ނަމާދު ވަގުތު ޖެހުމުން ނަމާދު ކުރީ ކަމަށް އޭނާ ބުނެފައިވެއެވެ.
އުމުރުން 33 އަހަރުގެ މަޝްހޫރު ފިލްމީ ތަރި ސަނާ ހާން، ފިލްމީ ދާއިރާއިން ދުރަށް ދިޔަ ސަބަބެއްގެ ގޮތުގައި ބުނީ ދީނަށްޓަކައި ކަމަށެވެ. އެއަށްފަހު ބުރުގާ ވެސް އަޅާފައިވާއިރު، ދެން އިވުނީ ކައިވެނީގެ އަޑެވެ.
އެކްޓު ކުރުމާ ދުރަށް ގޮސް ސަނާ ހާން މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ކައިވެނިކޮށްފައި ވަނީ ގުޖަރާތްއަށް ނިސްބަތްވާ މުފްތީ އަނަސް އާ އެވެ. ސަނާ ކައިވެނި ކުރުން ވެގެންދިޔައީ ގިނަ ބަޔަކަަށް ހައިރާންކަން ގެނުވި ކަމަކަށެވެ. އަދި ކުއްލިގޮތަކަށް ބުރުގާ އަޅާ މުފްތީ އަކާއި ކައިވެނި ކުރުމުން ފާޑުކިޔުންތައް އަމާޒުވީއިރު އެ ކައިވެންޏާ ގުޅިގެން ތަފާތު ވާހަކަތައްވެސް އޭރު ދެކެވުނެވެ.
މިފާޑު ކިޔުންތަކަށް ފަހު، އިންޑިއާގެ ޓީވީ ޗެނަލްއަކަށް ދިން އިންޓަވިިއުއެއްގައި ސަނާ ބުނެފައިވަނީ، އޭނާ އާއި އަނަސް އާއި ދިމާވަނީ 2017 ވަނަ އަހަރު މައްކާއިން ކަމަށެވެ. އެ ދުވަހު ބައްދަލުވީ ޝެއިހެއްގެ ހައިސިއްޔަތުން ކަމަށާއި އޭގެ ފަހުން 2018 ވަނަ އަހަރު ދީނީ ބައެެއް ކަންކަން އޮޅުންފިލުވުމުގެ ގޮތުން އަނަސްއަށް ގުޅައިގެން ވާހަކަ ދައްކަމުންދިޔަ ކަމަށް ސަނާ ބުންޏެވެ. އެއަށް ފަހު ދެން ބައްދަލުވީ 2020 ވަނަ އަހަރު ކަމަށް ސަނާ ކިޔަައިދިނެވެ. ސަނާ ބުނީ އޭރު ވެސް ދިޔައީ ދީނީ ކަންކަން ދަސްކުރަމުން ކަމަށާއި އަނަސް އަކީ މުފްތީއެއް ނޫން ކަމަށެވެ. ސަނާ ބުނީ އެއީ އާލިމެއް ކަމަށެވެ.
ކުއްލިއަކަށް ކައިވެނިކުރަން ނިންމި ނިންމުމާއި ގުޅިގެން ވާހަކަ ދައްކަމުން ސަނާ ބުނެފައިވަނީ، އަނަސް އާއި ކައިވެނި ކުރުން އެއީ "އޯވަނައިޓް" ނިންމުމެއް ނޫންކަމަށެވެ. އަނަސް ކަހަލަ ރަނގަޅު ފިރިއެއް ބޭނުންވެ ވިސްނަމުންދާތާ އަހަރުތަކެއް އޭރު ވެފައިވާ ކަމަށެވެ.
ސަނާ ބުނީ އަނަސް އަކީ ލަދުރަކި ރަނގަޅު ހިތެއްގެ ވެރިއެއް ކަމަށެވެ. އަދި މީހަކަށް ރީތި ނުވިޔަސް އޭނާއަށް އޭނާގެ ފިރިމީހާ ވަރަށް ރީތިކަމަށާއި ދެމީހުން ނުގުޅޭހެން މީހުންނަށް ހީވިޔަސް ދެމީހުން އެކަކު އަނެކަކާ ދެމެދު އޮތް ފުރިހަމަ ލޯތްބާ ގުޅުން އެނގޭނީ އެދަމަފިރިންނަށް ކަމަށް ސަނާ ބުންޏެވެ.
އަދި އެދެމަފަރިން އެކަކު އަނެކަކުދެކެ ވާ ލޯތްބަކީ ﷲ އަށް ޓަކައި ވާ ލޯތްބެތް ކަމަށްވެސް ސަނާ ބުނެފައިވެއެވެ. ސަނާ ކުއްލިއަކަށް ބުރުގާ އަޅާ ފިލްމީ އިންޑަސްޓްރީ އާއި ވެސް ދުރުވީ އަނަސްގެ ސަބަބުން ކަމަށް ދެކެެވޭ ވާހަކަތަކަށް ރައްދުދެމުން ސަނާ ބުނީ އޭނާ އެކަން ކުރީ އަމިއްލައަށް ބޭނުންވެގެން ކަމަށާއި އަނަސްގެ ބުނުމަކަށް ނޫން ކަމަށެވެ.
މިފަދަ އެތައް ފާޑު ކިޔުންތަކެއް އަމާޒުވި ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އޭނާ ފިލްމީ ދާއިރާ އާ ދުރަށް ޖެހުމަށް ފަހު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، ކައިވެންޏަށް ފަހު ސަނާ ހާންގެ ހުރިހާ ވަގުތުތެއް ހުސްކުރަމުން ދަނީ ދީނީ ކަންކަމަށް މީހުން ލޯބި ޖެއްސުމަށް ނަސޭހަތް ދިނުމާއި އޭނާގެ ދިރިއުޅުމުން މިސާލު ނަގާ މީހުންނަށް ދީނީ ކަންކަމަށް އިސްކަން ދިނުމަށް ނަސޭހަތް ދިނުމުގައެވެ.
ފިރިމީހާއާ އެކު ފަސް ވަގުތު ނަމާދުކުރުމާއި، ގުރުއާން ކިޔެވުމުގެ އިތުރުން ކޮންމެ ދުވަހަކު ވަކި ވަގުތެއް ޒިކުރު ކުރުމުގައި ވެސް އޭނާ ހޭދަކުރެއެވެ. ދެން ވަގުތު ހޭދަކުރަނީ އަމިއްލަ ހިތްހަމަޖެހުމަށް ކުރާ ބައެއް ކަންކަމުގައެވެ.
މިހުރިހާ ކަމެއް ސަނާ ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. ދީނީ އަޅުކަންތަށްކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރުމަކީ ދެއްކުންތެރިކަމެއްކަމަށާއި މީހުންގެ ސަމާލުކަން ހޯދަން އޭނާ ކުރާ ކަމެއް ކަމަށް ބުނެ ބައެއް މީހުން ފާޑު ކިޔަމުންދިޔަ ނަމަވެސް އޭނާ ބުނީ އެކަން އެގޮތަށް ކުރަނީ ދީނަށް މީހުން ލޯބިޖެއްސުމަށްޓަކައި ކަމަށެވެ.
ސަނާ ފާހަގަކުރާ ގޮތުން އަނަސް އަކީ ﷲ ގެ ރަަހުމަތުން އޭނާ ހެޔޮ މަގަށް އަޅުވާ، ދީނުގެ ކަންކަމަށް ލޯބި ޖެއްސުމަށް ދެއްވި އަގު ހުރި ނިއުމަތެކެވެ.