ކަރީނާގެ އިންސްޓާގްރާމްގައި ފިލްމުގެ ޕްރޮޑިއުސަރުގެ އިތުރުން ޑައިރެކްޓަރާއެކު ނަގާފައިވަަ ފޮޓޯ އެއް މިހާރު ވަނީ އާންމުކޮށްފައެވެ. އަދި ފޮޓޯގެ ކެޕްޝަންގައި “ނިއު ބިގިނިން” ޖަހާފައިވުމުން ފާހަގަ ކުރެވެނީ އެ ފިލްމުގެ މަސައްކަތަށް ކަރީނާ ކެތްކަމުވެފައިވާ ކަމެވެ.
އެ ފިލްމަކީ އެކްތާއާއެކު ކަރިީނާ ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ފިލްމެކެވެ. އެހެން ކަމުން އެ ފިލްމު ވާނީ ކަރީނާ އަލަށް ޕްރޮޑިއުސްކުރާ ފިލްމަށް ކަން ފާހަގަކޮށްލެވެއެވެ.
ހަންސަލް މެހްތާ އެ ފިލްމުގެ ޑައިރެކްޝަން ހަދާ ގޮތަށް ނިންމާފައިވާ ކަމަށް މީޑިއާގައި އާންމުވެފައިވާއިރު އެކްތާ ވެސް ވަނީ އެ ފޮޓޯ އިންސްޓާގްރާމްގައި ޝެއާ ކޮށްފައެވެ. އެ ހުނަރުވެރި ދެ މީހުންނާއި އެކު މަސައްކަތް ފަށަން ކެތްމަދުވެފައިވާ ކަމަށް އެ ފޮޓޯގެ ކެޕްޝަންގައި އެކްތާ ވަނީ ލިޔެފަ އެވެ.
ފިލްމުގެ ނަން އަދި ހާމަ ކޮށްފައި ނުވާއިރު މާގިނަ ތަފްސީލެއް ފިލްމާ ބެހޭގޮތުން އަދި މީޑިއާތަކުގައި ވެސް ހާމަކޮށްފައެއް ނެތެވެ. އެހެން ކަމުން ފިލްމުގެ އިތުރު ކާސްޓުންނާއި ފިލްމުގެ ޝޫޓިން ފެށޭނެ ތާރީހް ވެސް އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ.
ދެވަނަ ދަރިފުޅު ވިހެއި ފަހުން ކަރީނާ އަދި ފިލްމަކުން ފެނިފައި ނުވާއިރު އޭނާ އާމިރު ހާނާއެކު އެކު ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބައެއް މީޑިއާ ތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ކަރީނާ މިވަނީ މިފަހުން އޭނާގެ ބަނޑުބޮޑު ދުވަސްވަރުގެ ތަޖުރިބާގެ ވާހަކަ ހިމަނާ “ޕްރެގްނެންސީ ބައިބްލް” ގައި ފޮތެއް ނެރި މާކެޓްކުރަން ފަށާފައެވެ.
އެކްތާ ކަޕޫރު އަވަދި ނެތި ފިލްމީ މަސައްކަތް ކުރަމުން އަންނަ އިރު އޭނާ މިހާރު އަންނަނީ ކާތިކް އަރްޔަން ލީޑު ރޯލަށް ލައިގެން “ފްރެޑީ” ކިޔާ ފިލްމެއް ހަދަމުންނެވެ.