އައިޑެންޓިޓީ ސްޓޫޑިއޯ އާއި މާސްކޭ ސްޓޫޑިއޯގެ އިތުރުން ޔޫއްޕެ ޕްރޮޑަކްޝަން އަދި ޝައި ޕްރޮޑަކްޝަން ގުޅިގެން ހަދަން ނިންމާފައިވަަ ވެބް ސީރީޒްގެ ނަން އަދި ހާމަކޮށްފައެއް ނުވެއެވެ.
ސީއެންއެމް އަށް ވާހަކަ ދައްކަމުން ޔޫއްޕެ ބުނީ، އެ ސީރީޒަކީ 52 އެޕިސޯޑް ހިމެނޭ ސީރީޒްއެއް ކަމަށާއި މިވަގުތު ކާސްޓުން ހޯދަމުން އަންނަ ކަމަށެވެ. ޔޫއްޕެ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ކާސްޓުން ހޯދަމުން އަންނަ ކަން ޕޯސްޓަކުން އިއުލާންކޮށްފައެވެ.
ފިލްމީ ދާއިރާގެ ސީނިއާ ކާސްޓުން ވެސް ފެންނާނެ އެ ސީރީޒްގައި އެކްޓުކުރުމަށް މިހާރުވެސް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަން ފާހަގަކޮށް ޔޫއްޕެ ބުނީ ވީހާ ވެސް ގިނަ ކުދިންނަށް ފުރުސަތު ދޭނެ ކަމަށެވެ.
އެ ސީރީޒްގެ ޝޫޓިން މި މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ޔޫއްޕެ ބުނާއިރު ޝޫޓް ކުރަން ހަމަޖެހިފައިވަނީ އދ ދަނގެތީގައެވެ.
ޔޫއްޕެ އިތުރަށް ބުނީ ފިލްމީ ކަންކަމަށް ވަރަށް ޝައުގުވެރިކަން ހުންނަ އުޝާމަތު ކިޔާ ފަރާތެއްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށާއި އެހެން ކަމުން އުޝާމަތު އަށް ހާއްސަ ޝުކުރެއް ރައްދު ކުރާކަމަށެވެ.
އެ ސީރީޒް އަކީ މުޖުތަމައިގައި ހިނގާ ގިނަ ކަންކަންތަކެއްގެ މައްޗަށް އަލިއަޅުވާލައި ލިޔެފައިވާ ވާހަކަތަކެއްގެ މައްޗަށް ހަދާ ވެބް ސީރީޒެކެވެ.
އެ ސީރީޒަކީ ދިގު ސީރީޒަކަށް ވުމުން އެ ސީރީޒުން ފިލްމީ ކަންކަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކި ކަހަލަ ފުރުސަތު ފަހިވެގެންދާނެ ކަމަށް ޔޫއްޕެ ވަނީ ބުނެފައެވެ. އެގޮތުން ވާހަކަ ލިޔުމަށް ޝައުގުވެރިކަން ހުންނަ މީހުންނަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށާއި ޑައިރެކްޝަންގެ މަސައްކަތަށް ލޯބިކުރާ ފަރާތްތަތަކަށް އެ މަސައްކަތް ކުރަން ވެސް ދަސްކޮށްދެވޭނެ ކަމަށެވެ.
ސީރީޒާއި ބެހޭ އިތުރު މައުލޫމާތުތައް މީޑިއާ ތަކަށް ވަރަށް އަވަހަށް ހާމަކުރާނެ ކަމަަށް ޔޫއްޕެ ބުނާއިރު ސީރީޒްގެ މަސައްކަތް އެެއްކޮށް ނިމި ބެލުންތެރިންނާއި ހަމައަށް އަންނާނީ ކޮން އިރަކުން ކަމެއް ވެސް އަދި ނުބުނެއެވެ.