
މިކަން ހިނގާފައިވަނީ ޖަރުމަނުގެ އުތުރު އަވަށެއް ކަމަށްވާ ފްރައިސްލޭންޑްގައެވެ.
އެތައް ބައެއްގެ ގަޔަކަށް ކޮވިޑް ވެކްސިނުގެ ބަދަލުގައި ލޮނު ފެން ނުވަތަ އައިވީގެ ގޮތުގައި ބޭނުންކުރާ 'ނޯމަލް ސަލައިން' ޖެހިކަމަށް ތުހުމަތު ކުރެވެނީ ނަރުހެއްގެ މައްޗަށެވެ.
މިގޮތުން 8،600 މީހެއްގެ މީހަކު އަލުން ވެކްސިން ފުރިހަމަ ކުރުމަށް ވަނީ އަންގާފައެވެ.
ޖަރުމަނުގެ ފުލުން ވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައެވެ.
ވެކްސިނުގެ ބަދަލުގައި ލޮނުފެން ހަށިގަނޑުގެ ތެރެއަށް ފޮނުވާފައިވަނީ އުމުރުން ދުވަސްވީ ހައި ރިސްކު ކެޓަގަރީގެ ބައެއްގެ ގަޔަށެވެ.
ވެކްސިނުގެ ބަދަލުގައި ލޮނުފެން އިންޖެކްޓު ކުރި ނަރުހަކީ ސޯސަލް މީޑިއާގައި ވެސް ވެކްސިނާއި ދެކޮޅަށް ވާހަކަދައްކަމުން ގެންދާ މީހެއްކަމަށް ޖަރުމަނު ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވެއެވެ.