
"ރޭރޭ" އަކީ މުޖުތަމައުގައި ހިނގާ ގިނަ ކަންތައްތަކެއްގެ މައްޗަށް އަލިއަޅުވާލައިގެން ތައްޔާރުކުރާ ފަސް އެޕިސޯޑުގެ ޑްރާމާ ސީރީޒް އެވެ.
ފޯޑްގެ ކޮއްކޮ އަހުމަދު ފުއާދު ލިޔެ ޑައިރެކްޝަން ހަދާ އެ ޑްރާމާ އާ ބެހޭގޮތުން ސީއެންއެމް އަށް ވާހަކަ ދައްކަމުން ފޯޑު ބުނީ، ޝޫޓިން ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށާއި ކާސްޓުންގެ ފަރާތުން ވެސް ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ.
"ރޭރޭ" ގެ މެއިން ކާސްޓުންގެ ތެރޭގައި ހިމެނެނީ ހަމްދޫން ފާރޫގާއި ފާތިމަތު އާޒިފާ(އަޒޫ) ގެ އިތުރުން އަހުމަދު އީސަ(އާނަންދު) އާއި އަހުމަދު ސައީދުގެ އިތުރުން ނާޝިދާ މުހައްމަދު(ނާއްކޮ) އެވެ.
ފޯޑު އިތުރަށް ބުނީ މިހާރު ހަތަރު އެޕިސޯޑުގެ ޝޫޓިން އެއްކޮށް ނިމިފައިވާ ކަމަށާއި މަންޒަރުތައް ނަގާ ނިމޭ ވަރަކުން އެޑިޓިންގެ މަސައްކަތްތައް ވެސް ނިންމަމުންދާ ކަމަށެވެ.
ސްޕެޝަލް ގެސްޓެއްގެ ގޮތުގައި އަރަމުން އަންނަ ބަތަލާ ޝިފާ ފެނިގެންދާނެ "ރޭރޭ" ކެމެރާ ކޮށް އެޑިޓް ކުރަނީ ކާމިޔާބު ގިނަ ފިލްމުތަކާއި ވީޑިއޯ ލަވަ ތަކެއްގެ މަސައްކަތްކޮށްފައިވާ ކުޅަދާނަ ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.
މީޑިއާނެޓްގެ މަލްޓި ސްކްރީން އެޕްގައި މިހާރު ދައްކަމުން އަންނަ "ނަފްސު" ގެ ވެސް ޕްރޮޑިއުސަރ ފޯޑް ބުނީ "ރޭރޭ" ގެ މަސައްކަތް ނިމި ބެލުންތެރިންނަށް ދޫކޮށްލެވޭނެ ތާރީހު އަދި ބުނަން ދަތި ކަމަށާއި ކޮންމެވެސް އޮންލައިން ޕްލެޓް ފޯމް އަކަށް ޑްރާމާ ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން މަރިޔަމް ހަލީމް އާއި އަލީ ޔޫސައުގެ އެކްޓިން ވެސް މިފިލްމުން ފެނިގެން ދާނެއެވެ.