ads
ބޮޑުގޭގައި ބިނާކުރާ މިސްކިތުގެ ކުރެހުމެއް——
ތުރުކީވިލާތުގެ ކޮންސެޕްޓަށް މާފަންނު ބޮޑުގޭގައި މިސްކިތެއް!
އެއް ބައި ޕާކިން ޒޯނަކަށް ހަދަން ނިންމައި، އެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައިވާ، މާފަންނު ބޮޑުގޭގައި ތުރުކީވިލާތުގެ ކޮންސެޕްޓަށް މިސްކިތަކާއިއެކު އިސްލާމީ މަރުކަޒެެއް ހަދަން އެ ކައުންސިލުގެ ތަސައްވުރެއް މާފަންނު ރައްޔިތުންނަށް ހުށަހަޅައި ހިޔާލު ހޯދައިފި އެވެ.

ބޮޑުގެއަކީ މިވަގުތު ވަގުތީ މިސްކިތެއް ހުރި ތަނެކެވެ. އަދި މިފަހުން އެ ބިމުގެ އެއް ބައި ޕާކިން ޒޯނަކަށް ހަދަން ނިންމައި، އެ މަސައްކަތް މޭޔަރު މުއިއްޒު ފައްޓަވާ ދެއްވާފައިވަނީ، މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު އެވެ.

ސިޓީ ކައުންސިލުން އޭރު މައުލޫމާތު ދިން ގޮތުގައި، ޕާކިން ޒޯނު ހަދާނީ އެ ގޯތި ތެރޭގައި ހަދާފައިހުރި ވަގުތީ މިސްކިތަށް ދާ މީހުންނަށް ޕާކްކުރަން ފަސޭހަވާނެ ގޮތަށް ބޮޑުގޭގެ އުތުރު ފަރާތުގަ އެވެ.

އޭގެފަހުން ސިޓީ ކައުންސިލުން ސިލްސިލާކޮށް ބާއްވަމުންދާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި ރޭ މާފަންނު ރައްޔިތުންނާއި ބައްދަލުކުރައްވާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ފަރާތުން އައިސްފައިވާ ހުށަހެޅުންތަކަށް ބަލާއިރު، އެތަނުގައި ހުންނަން ރައްޔިތުން ބޭނުންވަނީ މިސްކިތަކާއި، އިސްލާމީ އިލްމް އުގެނެވޭނެ މަރުކަޒެއް ކަމަށެވެ. 

އެހެންކަމުން އެމަސައްކަތް އެމަގުން ކުރުމަށް ކައުންސިލުން ކޮށްފައިވާ ތަސައްވަރުގެ ކުރެހުންތަކެއް ރޭގެ އެ ބައްދަލުވުމުގައި ވަނީ ދައްކާލާފައެވެ. އަދި އެކަމަށް ރައްޔިތުން އެދޭގޮތް ހުށަހެޅުމުން ސަރުކާރުގައި ދަންނަވައިގެން އެކަންކަން ކުރުމަށް މަސައްކަތް ކުރާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ، ހަތަރު ބުރިއަށް، ރީތި ޑިޒައިނަކަށް އެތަން ތަރައްގީކުރެވިއްޖެނަމަ މުސްތަގުބޮލުގައި އެބިމުގެ ބޭނުން އެންމެ ރަނގަޅަށް ހިފިގެންދާނެ ކަމަށް ކައުންސިލަށްވެސް ގަބޫލުކުރެވޭ ކަމަށެވެ. 

އެގޮތުން އެއިމާރާތުގައި ގްރައުންޑު ފްލޯއާއިއެކު ތިން ފްލޯ ބޭނުންކުރާނީ، ނަމާދުކުރުމަށް ކަމަށާއި، އެންމެ މަތީ ފްލޯ ހާއްސަކުރާނީ، ޤުރުއާން އާއި ބެހޭ މައުލޫމާތާއި، އިސްލާމިކް ލައިބްރަރީގެ އިތުރުން ޒަމާނާއި ގުޅޭ ގޮތަށް މެއިން ސްޓްރީމްކޮށް ދީނުގައި އޮންނަ ގޮތަށް އިސްލާމް ދީން ކިޔަވައިދޭ އިސްލާމީ މަރުކަޒައް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެތަނުގެ މިސްކިތް ބިނާކުރެވޭނީ ތުރުކީ ކޮންސެޕްޓަކަށް ކަމަށް ވިދާޅުވިއެވެ.

“އަދި ރީތި މިސްކިތެއްގެ ގޮތަށް. ތުރުކީ ވިލާތުގައި ހުންނަ ކަހަލަ އެ ކޮންސެޕްޓުގައި ބިނާކުރެވޭނީ. ރީތި މިސްކިތެއް ހަދާދޭނެ ފަރާތެއް ހޯދައިގެން އެތަނުގައި މިސްކިތެއް އެޅުމަކީ ފަހަރުގަ ރައްޔިތުން ބޭނުންވާ ގޮތްކަމުގައި ވާނަމަ އަޅުގަނޑުމެންގެ ޕްލޭންގައި ހިމަނާފަ ސަރުކާރަށް ހުށަހަޅަން” މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، އެއީ އަދި ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމެއް ނޫންްކަމަށާއި، ނަމަވެސް ރައްޔިތުންނަށް ހުށަހަޅާ ހިޔާލެއް އަދި ހުށަހެޅުމެއް ކަމަށެވެ. ރައްޔިތުން ބޭނުންވަނީ އެބިމުގެ ބޭނުން އެހެން ގޮތަކަށް ހިފަން ކަމުގައި ވާނަމަވެސް އެގޮތެއް ހުށަހެޅުމުން މަސައްކަތް ކުރިއަށް ގެންދާނީ އެމަގުން ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެެވެ.

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް