އެ ދެ ތަރިން އެކުގައި ކުޅެން ނިންމާފައިވަނީ ކުޅަދާނަ ޑައިރެކްޓަރު އާރް ބަލްކީ ގެ ކުރިޔަށް އޮތް ފިލްމެވެ.
ބަލްކީގެ އެ ފިލްމު ވެގެންދާނީ އޭނާ އަލަށް ހަދާ ތްރިލާ ޖޯންރާގެ ފިލްމަކަށެވެ. ފިލްމުގެ ކާސްޓުން ވެސް އިއުލާންކޮށްފައިވާ އެ ފިލްމުގެ މަސައްކަތް ފަށަން ބަލްކީ އަންނަނީ ތައްޔާރު ވަމުންނެވެ.
ނަން ހާމަކޮށްފައިނުވާ އެ ފިލްމުގެ މެއިން ކާސްޓުންގެ ތެރޭގައި ސަނީ އާއި ޕޫޖާގެ އިތުރުން އަރަމުން އަންނަ ބަތަލާ ޝްރެޔާ ދަންވަންތަރީ އަދި ދަލްގޫރް ސަލްމާން ފެންނާނެ ކަމަށް ބޭރުގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.
ހަބަރުތައް ބުނާ ގޮތުގައި ބަލްކީ ހުރީ އެ ފިލްމުގެ މަސައްކަތް ފަށަން ކެތް މަދުވެފައެވެ. ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ބަލްކީ ބުނެފައި ވަނީ މީގެ ކުރިން ތްރިލާ ފިލްމެއް ހަދާފައި ނުވާނެ ކަމަށާއި އެހެން ކަމުން ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތަށް ގިނަ ވަގުތު ނަގާ ކަމަށެވެ. އަދި އެ ފިލްމު ހަދަން ހިތުލައިގެން އުޅޭތާ އަހަރުތަކެއް ވެއްޖެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ސްކްރީންޕްލޭ ފުރިހަމަ ކުރުމުގެ މަސައްކަތް މިވަގުތު ކުރަމުން އަންނަ އިރު ބަލްކީގެ އުންމީދަކީ ފިލްމުގެ މަސައްކަތް އަވަހަށް ނިންމައި އަންނަ އަހަރު ސިނަމާތަކަށް ގެނައުމެވެ. އެހެން ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނުކޮށްފައެއް ނުވެއެވެ.
ކާމިޔާބު ފިލްމުތައް ކަމަށްވާ “ޕާ” އަދި “ޗީނީ ކަމް” ހެދި ބަލްކީ އެންމެ ފަހުމް ގެނެސްދިން ފިލްމަކީ އަކްޝޭގެ “ޕެޑްމޭން” އެވެ.
ގިނަ އަހަރު ތަކެއްގެ މެދު ކެނޑުމަކަށްފަހު ޕޫޖާ އާއި ސަނީ އެކުގައި ސްކްރީނަށް އަންނަން އުޅޭ އިރު މީހުންގެ މަގުބޫލުކަން އިންތިހާ އަށް ލިބުނި ފިލްމު“ބޯޑާ”އަކީ އެ ދެތަރިން އެކުގައި ފެނިގެންދިޔަ ކާމިޔާބު ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.