ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ އެމަސައްކަތް ކުރަމުންގެންދަނީ މަޖިލީސް ކޮމިޓީއާއެކު އިސްލާމިކް މިނިސްޓްރީން ކަމަށެވެ.
އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހެޅީ ވޭތުވެދިޔަ މޭމަހުގެ 31 ވަނަ ދުވަހުއެވެ. ސަރުކާރު ފަރާތުން ގާނޫނުލްއުގޫބާތަށް މި އިސްލާހު ހުށަހަޅާފައި ވަނީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން އެވެ.
ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ މި ބިލުގައިވާ ގޮތުން އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމަކީ ކުށެވެ. އަދި އިސްލާމީ އަގީދާއާ ގުޅުވައި މުޖްތަމައުގައި މީހަކާ މެދު ނަފްތަރު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ވެސް ކުށެއް ކަމުގައި ވަނީ ކަޑައަޅާފަ އެވެ.
މީގެ އިތުރުން އެ ބިލުގައި މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުމަކީ ވެސް ކުށެއް ކަމުގައި ބުނެފައި ވެއެވެ. މީހެއްގެ ނަސްލަށް، އުފަންވީ ގައުމަށް، ކުލަޔަށް ބަލައި އެމީހަކާ މެދު ތަފާތު ކުރުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރު ދިނުމަކީ ވެސް ކުށެއް ކަމުގައި އެ ބިލުގައި ބުނެފައި ވެއެވެ. ބިލުގައިވާ ގޮތުން އެއީ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ކުޑަ ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އެ ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުމާއެކު އެކިފަރާތްތަކުން މިބިލާ ދެކޮޅަށް އަޑު އުފުލަން ފެށިއެވެ. ޚާއްސަކޮށް އިސްލާމްދީނުގެ އިލްމުވެރީންނެވެ. އެއަށްފަހު ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކުންނާއި، އެމްޑީޕީގެ އެތެރެއިން ވެސް ފާޑުކިއުންތައް އަމާޒުވެގެންދިޔައެވެ.
ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިއަ ޖޫން މަހުގެ 16ން 22 ވަނަދުވަހުގެ ނިޔަލަށެވެ. އޭރު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ގެންދިޔައީ އެބިލް ދިރާސާ ކުރަމުންނެވެ.