ads
ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ / މަޖިލިސް
"ދައުލަތް އޮރިޔާން ނުކުރާށެވެ."
ހިރުވަންޏާ ކަހާނެ އެވެ. ކޮންމެ މީހަކުވެސް ކަހާނެ އެވެ. އެކަމަކު އެކަހާތަން މާބޮޑަށް ކެހުމަކީވެސް މައްސަލައެކެވެ. އެހެންވެއްޖެނަަމަ އަމިއްލަ އަތުން، އަމިއްލަ ހަށިގަނޑުގެ ލޭ އޮހޮރުވޭތަން އާދެއެވެ. މިގައުމުގައި މިހާރު ފެންނަމުން މިދަނީ އެކަހަލަ މަންޒަރެކެ އެވެ.

މިސަރުކާރު ވެރިކަމަށް އައީ ކަރަޕްޝަނަށް ޒީރޯ ޓޮލަރެންސޭ ބުނަމުންނެވެ. ރައްޔިތުންނަށް ފޮނި އުންމީދުތަކަކާއި ހިތްވަރެއް ދެމުންނެވެ. ވެރިކަމުގެ ހަނީމޫން ދުވަސްވަރު ނުވަތަ ކުރީކޮޅު ވަރަށް އިހްލާސްތެރިކަމާއެކު ކަންކުރަން އުޅުނުހެން ހީވިއެވެ. ރައީސް އޮފީހަށް ކަރަޕްޝަނާ ބެހޭ މައްސަލަ ހުށަހެޅުމަށް ވަކި "އޮންލައިން ދޮރާއްޓެއް" ވެސް ހެދިއެވެ. ބަޔަކު މީހުން އެއަށް ވެސް މައްސަލަތަކެއް ހުށަހެޅި އެވެ. އެކަމަކު އެ މައްސަލަތަކަށް ވެސް ވީގޮތެއް ފަހުން ނޭނގުނެވެ. 

ހިތްފަޅާއިގެންދާވަރުގެ ވައްކަންތައް މިގައުމުގެ މަތީފަންތީގައި ތިއްބެވި ވެރިން ކޮށްފައިވާކަމީ ދުވާލުގެ އިރު ފެންނަފަދައިން އެނގޭ ކަމެކެވެ. އެކަމަކު މީހުންގެ ހައިބަތު ބޮޑުކަމުން އެމީހެއްގެ ގައިގައި ޖެހިފައި ބުރައިގެންދަނީ "މައްސަލަ" އެވެ. މައިތިރިވަނީ "ޝަރުއީ ނިޒާމެ"ވެ. އެމީހުންގެ ސައިޒު ބޮޑުކަމުންނެވެ. ސައިޒަށް ކަނޑާލެވޭ ވަރުގެ ހިތްވަރެއް ދައުލަތުގައި ނެތީމަ އެވެ. އެކަމަކު ގައުމުގެ ވީއްލިފައިވާ ޒުވާނުން އެފަދަ ކަމެއް ކޮށްފިނަމަ ވަގުތުން ފިޔަވަޅުއަޅައެވެ. ދައުލަތުން ވެސް ފިޔަވަޅު އަޅައެވެ. އަދި އާއްމުންވެސް އެމީހަކު ވީޑިއޯކޮށް އާންމު ކުރެ އެވެ. ރެޑްވޭވް ފިހާރައިން ސެންޓު ފުޅިއެއް ވަގަށް ނަގަން އުޅުމުގެ ކުށުގައި 18000 ރުފިޔާއިން މީހަކު ޖުރިމަނާ ކުރީ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ.

ގާނޫނު އަސާސީގެ ކުރިމަތީގައި އެންމެން ހަމަހަމަ ކަމަށް ބުނެއެވެ. ސިޔާސީ މީހުން ވެސް އެމީހުންނަށް މުހިއްމު ހާލަތު އައުމުން މިހެން ބުނަނީ ވަރަށް އަޑަށް ބާރުލާފަ އެވެ. ކެމްޕޭން ދުވަސްވަރާއި، އެމީހެއްގެ ބާރު ކެނޑިގެންދާ ވަގުތުތަކުގައި ހަރު އަޑުން އެފަދަ ވާހަކަތައް ރައްޔިތުންނާ އެއްކޮޅަށް އަރާތިބެ ދައްކަ އެވެ. އެހެން ނޫނަސް ގާނޫނުއަސާސީގައި ލިޔެފައި އޮންނަނީ އެހެންނެވެ. 

އެކަމަކު ކަންހިނގާ ގޮތް ތަފަތެވެ. ސަރުކާރުގެ މަގާމުތަކަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އާދެވުމުން ތަފާތު ބާރުތަކެއް ލިބެއެވެ. ގާނޫނުން ލިބިދޭ ބާރުތަކުގެ އިތުރުންވެސް ބާރުތަކެއް ލިބިފައިވާ ކަމުގެ އިހްސާސް ކުރެވޭހެން ހީވެއެވެ. އެކަމުގެ ސަބަބުން ބައެއް ފަހަރު ގާނޫނުތަކަށްވުރެ މަތީގައި ބައެއް މީހުން އުޅޭހެން ހީވެ އެވެ. މިހާރު އެކަންކަން އެއަށްވުރެ ބޮޑަށް ފާޅުވަމުން އާދެއެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބު ރައީސް ކަން ކުރެއްވި އަހުމަދު އަދީބާއި، މިސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި މިސަރުކާރުން މިހާރު ސަސްޕެންޑް ކޮށްފައި ހުރި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަކީ ޑިމޮކްރަސީއަކަށް ރާއްޖެ ބަދަލުވުމުގެ މިމަރުހަލާގައި ޒުވާނުންގެ ގޮތުގައި ޕާޓީތަކާއި ގުޅުނު ބޭފުޅުން ކޮޅެކެވެ. އަދި ސަރުކާރުގެ މަތީ މަގާމުތަކާއި ސިޔާސީ ބާރުވެރިކަން އެކި ގޮތްގޮތުން ހޯދަވަމުން ގެންދެވި އެވެ. މިއަދުވެސް ފެންނަ މަންޒަރަކީ މިފަދަ ބޭފުޅުންގެ ހަށިކޮޅުގައި ޖެހުމުން ދައުލަތް ވެއްޓޭ ތަނެވެ. ބައެއް ފަހަރު ދައުލަތް "އޮރިޔާން" ވާނެކަމަށް ވިދާޅުވެ ޗެލެންޖް ކުރައްވާ މަންޒަރެވެ. 

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި ކޯޓަށް ފޮނުވައިފިނަމަ، ދައުލަތް "އޮރިޔާން ވާނެ" ކަމަށް ޔޫތު މިނިސްޓަރު މަހުލޫފް ވަނީ ވިދާޅުވެފައެވެ.

މަހުލޫފުގެ މައްޗަށް ކުރެވެނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހުލޫފު ހުންނެވި އިރު އޭރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު މަހުލޫފަށް ދީފައިވާކަން ތަހުގީގަށް ހާމަވާ ކަމަށެވެ. އަދި އެ ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން 27 އޮގަސްޓް 2014 ގައި މަހްލޫފް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައިވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށްކަމަށް ވެސް ބުނެފައިވެއެވެ.  

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ އިރު, އޭނާ މިވަގުތު ހުރީ މިނިސްޓަރުކަމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައެވެ. އިދާރީ ބައެއް ކަންކަން ހުރުމުން ޕީޖީ އޮފީހުން ވަނީ އެކަންކަން ރަނގަޅު ކުރުމަށް އޭސީސީގައި ދެ ފަހަރު އެދިފައެވެ. މީގެ މަހެއްހާ ދުވަސް ކުރިން ޕީޖީން ބުނި ގޮތުގައި މަހުލޫފަށް ދައުވާ ކުރާނީ ޕީޖީން މައްސަލަ ދިރާސާކުރުމަށް ފަހުގަ އެވެ.

"ކްލަބް ހައުސް" މެދުވެރިކޮށް އޮންލައިން ނޫހަކަށް ދިން އިންޓަވިއުއެއްގައި މަހުލޫފް ވިދާޅުވީ އޭނާގެ މައްޗަށް އެ މައްސަލައިގައި ހަގީގަތުގައި ތުހުމަތު ވެސް ނުކުރެވޭނެ ކަމަށެވެ. މަހުލޫފް ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ލާރި ދީގެން މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށް ގެނައި މައްސަލަ ނަމަވެސް އޭނާ އެއިރު ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ކަމަށާއި އޭނާ ވޯޓު ދީފައިވާނީ ވެސް ޕީޕީއެމްގެ ވިޕްލައިން އާ އެއްގޮތަށް ކަމަށެވެ. އަދި ސުވާލު އުފެދުމުގެ ޖާގަ އޮންނާނީ އޭނާ ވިޕްލައިން އާ ހިލާފަށް ވޯޓު ދިންނަމަ ކަމަށް ވަނީ ބުނެފައެވެ.

މިކަން ހިނގައިދިޔަ ގޮތް ކިޔައިދެމުން މަހުލޫފް ވިދާޅުވީ ކޮމިޝަނުން އެ ބުނާ ދަތުރަކީ އޭނާ ވަރަށް ހަނދާން ހުންނަ ދަތުރެއް ކަމަށާއި އެ ދަތުރަކީ އޭނާގެ ދަރިފުޅު ވަރަށް ކުޑައިރު އެނދުން ވެއްޓިގެން ކުރި ދަތުރެއް ކަމަށެވެ. އޭނާ އެ ދަތުރަށް ފުރުމުގެ ކުރިން މަޖިލީހުގެ އޭރުގެ ރައީސް މަސީހަށް ގުޅުއްވާ ވޯޓު ނަގަން ހަމަޖެހިފައި އޮތް ބިލެއް އޮތްތޯ ވެސް އެހި ކަމަށް މަހުލޫފް ވިދާޅުވިއެވެ. 

މަހުލޫފް ވިދާޅުވީ އޭނާ މެލޭޝިއާގައި ހުންނަވަނިކޮށް، އެ ވޯޓު ނެގުމަށް ހަމަޖެހުމުން، "ތިމަންނާ އައީ ބިޒިނަސް ކްލާހުގެ ޓިކެޓު ނަގައިގެން ކަމަށާއި، ބިޒިނަސް ކްލާހުން ޓިކެޓު ނަގައިދިނީމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ބުނިން" ކަމަށް މަހުލޫފް ވިދާޅުވިއެވެ. މަހުލޫފް ވިދާޅުވީ ވޯޓަށް ރާއްޖެއައީ އަނބިމީހާ އާއި ދަރިފުޅު ވެސް މެލޭޝިއާގައި ބަހައްޓާފައި ކަމަށާއި އެ ދަތުރަށް އޭނާއަށް ޕާޓީން ލިބުނު ހާ ވެސް އެއްޗަކީ ބިޒިނަސް ކްލާހުގެ ޓިކެޓް ކަމަށެވެ.

މަހުލޫފް ވިދާޅުވީ މައްސަލައިގައި އަދީބު އާ ވާހަކަ ދައްކާފައިވާ ކަމަށް ބުނާ ޗެޓްލޮގް އަކީ އެކަކު އަތުން އަނެކަކު އަތުން މުޅި ރަށުތެރޭގައި ފެތުރިފައިވާ، އަދި ޗެއިން އޮފް ކަސްޓަޑީއެއްނެތް އެއްޗެއް ކަމަށެވެ. އަދި އެ ޗެޓްލޮގް އެނެލެސިސް ހެދި ކަމަށް ބުނާ ފަރަޑޭ ފޮރެންސިކަށް ކޯޓަށް ހާޒިރުކުރަން މަސައްކަތް ކުރީ ވެސް ލާރި ދީގެން ކަމަށް މަހުލޫފް ވަނީ ފާހަގަ ކުރައްވާފައެވެ.

އޭސީސީގެ ރައީސް  މަރިޔަމް ޝައުނާއަށް ކުރައްވާ ފާޑުކިޔުން ތަކުރާރު ކުރައްވާ މަހުލޫފް ވިދާޅުވީ ޝައުނާ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު، އާ ދެބޭފުޅުން ވަނީ މައްސަލައެއް ނެތް ކަން އެނގޭއިރު ވެސް ވަކި ބަޔަކު ބުނި ގޮތަކަށް ކަން ކޮށްފައިވާ ކަމަށެވެ. އެގޮތުން މަހުލޫފްގެ މައްޗަށް ރިސިޓެއް ހެދިކަމުގެ ތުހުމަތު ފާހަގަކޮށްފައިވެއެވެ. 

"މިހާ ސާފުކޮށް ހުރި ކަމެއްގައި މިހާ ޒާތީވެގެން އުޅޭތީ. އަޅުގަނޑު މި ހިސާބުން އަދި މިކަން ދުލެއް ނުކުރާނަން އެނގޭތޯ. އަޅުގަނޑަށް މި މީހުން ހަގީގަތުގައި މިދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް އަނިޔާތަކެއް ދީފި. ގެއްލުންތަކެއް ދީފި. އަޅުގަނޑުގެ މިޒާޖުގެ ގޮތުން ވެސް މިހެން ޖަހާލާފައި މާ ފަސޭހައިން ކޮންމެ މީހަކަށް ނުދެވޭނެ އެނގޭތޯ،" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފުގެ ވާހަކަތައް ތެދެކޭ ނުވަތަ ދޮގެކޭވެސް ބުނާކަށް ނެތީމެވެ. އެހެން ނަމަވެސް އޭނާގެ ވާހަކަތައް ވަރުގަދަ ނޫން ހެއްޔެވެ؟ މަހުލޫފުގެ ވާހަކަތައް މިހެން ހުރިއިރު، މިއަހަރުގެ އެޕްރީލް 13 ވަނަދުވަހު ރެއިންބޯ ސްޓާފް އެކޮމޮޑޭޝަނުން ތިން މޯބައިލް ފޯން ވަގަށް ނެގި މީހަކު ނުފެނިގެން އެމީހާގެ ވީޑިއޯ އާންމުކުރިއެވެ. ފުލުހުންނާ ގުޅަންޖެހޭ ފޯން ނަމްބަރުވެސް އާންމުކޮށްފައިވެއެވެ. ރިހާކުރު ފުޅި ވަގަށް ނެގި މީހާގެ ވާހަކަ ދައްކާކަށް ނެތީމެވެ.

ދައުލަތުގެ މަގާމެއްގައި ހުރި މީހެއްގެ ކަންކަން ބަލަން ހާދަ ފުރުސަތުތައް ހަންޏެވެ. ކުރަން ޖެހޭ ދަތުރު ހާދަ ދިގެވެ. ތުހުމަތު ކުރެވޭ މީހާ އަށް ހުންނަ ފުރުސަތުތައް ވެސް ހާދަ ގިނަ އެވެ. އެކަމުގެ ޝިކާރަވެރިންނަށް ލިބޭ ކެކުޅުންތައް ވެސް ހާދަ ބޮޑެވެ. އެމީހުންނަށް އަދިވެސް އޮތީ ދިރިއުޅުމުގެ އެހެން ކަންކަން ބަހައްޓާފައި އެކަމަށް ހުސްވުމެވެ. ނޫނީ ބަސް އަހައިގެން އަޅާވެސް ނުލައި ތިބުމެވެ. 

މީގެ އަހަރެއްހާ ދުވަސްކުރިން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވި އެވެ. ރައީސް އެމުވައްޒަފުންނާ ބައްދަލު ކުރެއްވިއެވެ. ކީރިތިވެސް ކުރެއްވިއެވެ. އެކަމާގުޅިގެން ބައެއް މީހުންގެ ލޯތަކުން އުފަލުން ކަރުނަ ފާއްދާލިއެވެ. ދެން އިވުނީ އަލީ ވަހީދު ރާއްޖެއިން ފިލިކަމުގެ ތުހުމަތެވެ. އެއީ ވެސް ތުހުމަތެކެވެ. ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްލީ ޑޮކްޓަރު ހާޒިރުކޮށް ސިއްހީ ކަންކަމާ ގުޅޭ މައުލޫމާތު ސާފު ކުރުމަށް ފަހު އެވެ.

އޭނާގެ ޕާސްޕޯޓު ދޫކޮށްލުމާ ދެކޮޅަށް ދައުލަތުން ވަކާލާތުކޮށްފައެއް ނުވެއެވެ. އޭނާ ދޫކޮށްލީ އޭނާ އަންނާނެ ކަމުގެ ގެރެންޓީ ދިނީމަ އެވެ. އެމައްސަލައަށް ވެސް އެއްމަސްވީއެވެ. ބައެއްމީހުން ބުނެ އެވެ. އިންސާފު ލިބުން ލަސްވާނަމަ އެއީ ނުލިބޭ އިންސާފެކޭ އެއްފަދަ އެވެ. އަލީ ވަހީދުމެން ފަދަ ބޭފުޅުން ގަދަ އެވެ. ދައުލަތް އެބޭފުޅުން ކުރިމަތީ އެޖަހަނީ ކުޑަކަކުލެވެ. މަހުލޫފުމެން ފަދަ ބޭފުޅުން ހަމަ ގަދަ އެވެ. އެތިއްބެވީ ދައުލަތް "އޮރިޔާން" ކޮށްލަން ތައްޔާރަށެވެ. 

އެޕްރީލް 18 ވަނަދުވަހު ގެއަކުން ޓްރެއިނިން ޝޫޒެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އެމީހާގެ ވީޑިއޯ އާންމު ކުރިއެވެ. އިންސިޑެންޓު ނަމްބަރުވެސް އާންމުކުރިއެވެ.

މިހާރު ގިނަ ބައެއް ވާހަކަ ދައްކާ މިދެމައްސަލައަށް ބަލާލުމުން ވެސް ސަރުކާރުގެ ބާރު އޮތް މިންވަރު އެނގެއެވެ. ޖުޑީޝަރީގައި މައްސަލަތައް ހުރި މިންވަރު އެނގެ އެވެ. ދައުލަތް ރޮމުންދާ ރުއިމުގެ އަޑު އެހުމުގެ ބަދަލުގައި ދައުލަތް "އޮރިޔާން" ކޮށްލަން ފައިވިއްދާލުމަކީ ދެރަކަމެކެވެ. އެހެން ނަހަދާށެވެ. ދައުލަތުގެ ގަދަރާއި ކަރަމާތް ނެގެހެއްޓުމަށް އަޒުމު ކަނޑައަޅަމާ ހިނގާށެވެ. ދައުލަތެއްވުރެ ބާރު ގަދަ މީހަކު މިގައުމުގައި އުޅެވޭނެ ހެއްޔެވެ. އުޅެވޭ ނަމަ އެއީ އަސްލު ވެސް ދައުލަތް "އޮރިޔާން" ކޮށްލަނީ އެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް