މިއަހަރަށް ރައްޔިތުން މަޖިލިސް ހުޅުވުން ތާވަލްުކޮށްފައިވަނީ އަންނަ ބުރާސްފަތި ދުވަހެށެވެ. އެ ދުވަހު ރައީސް ޑރ. މުހައްމަދު މުިއއްޒު އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާން އިއްވަވާނެއެވެ.
ރައްޔިތުން މަޖިލީހުން ބުނީ އަދި ހަމަޖެހިފައިވާ ގޮތުން އެދުވަހުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގައި ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށެވެ.
ރައިސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނާއި އެންމެ އަރިސްކޮށް ހުންނެވި އަބްދުއްރަހީމްގެ ގުޅުން ގޯސްވެފައިވާކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. އަދި މި ކަންތަކުގެ ތެރެއިން އަބްދުއްރަހީމާއި ގުޅުން ހުރި ބައެއް ބޭފުޅުން ވަނީ ސަރުކާރުގެ މަގާމުތަކުން ވަކިކޮށްފައެވެ.
އެގޮތުން ޓްއަރިޒަމް މިނިސްޓާރިކަމުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަނީ ކުއްލި ގޮތަކަށް މިދިޔަ އަންގާރަ ދުވަހު މަގާމުން ވަކިކޮށްފައެވެ. އަދި ފައިސަލް މަގާމުން ވަކިކުރިތާ ހަފްތާއެއް ނުވަނީސް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހީމްވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. ވަޖީހަކީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަނބަލުންގެ ބަފާބެއެވެ. ވަޖީހުގެ ދަރިކަލުން އަހުމަދު ހިޝާމް ވަޖީހު ހުންނެވި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައެވެ.
މި ދެބޭފުޅުން މަގާމުން ވަކިކުރި ސަބަބެއް ސަރުކާރަކުން ހާމައެއް ނުކުރެއެވެ.