މި މައްސަލާގައި ހައްޔަރުކުރި ހދ. ކުޅުދުއްފުށީ، ސީސަންވިލާ، އާދަމް މުހައްމަދު ފިލަން އަލަމާރި ތެރެއަށް ވަދެ އޮތީ ބޮލުގައި ކޮތަޅެއް އަޅައިގެންނެވެ. އެއީ، މިދިޔަ ނޮވެމްބަރު މަހު ތެރޭގައެވެ. ވައްކަމުގެ އެހެން މައްސަލައެއްގައި އޭނާ އަނެއްކާވެސް ހައްޔަރު ކުރީ މި ހަފްތާގައެވެ. މި ފަހަރު އޭނާ ހައްޔަރު ކުރީ، ޝަހީދު އަލީ ހިނގުމުގައި ހުންނަ އޭއެސް ޓްރޭޑާސް ފިހާރައިގެ ސީލިންގު ފަޅާލައިގެން ވަދެ ވައްކަން ކޮށްގެނެވެ. އޭނާގެ ބަންދަށްވަނީ 15 ދުވަސް ޖަހާފައެވެ.
ބަންދު އަމުރުން އެނގޭގޮތުގައި ފުލުހުން އާދަމް މުހައްމަދު ހައްޔަރު ކޮށްފައިވަނީ އިޖުރާއަތާއި އެއްގޮތަށެވެ. ފުލުހުންނަށް އޭނާ ފެނުނުއިރު އޭނާގެ އަތުގައި 2 ކޮތަޅު އޮތް ކަމަށާއި އެތަނުން އެއް ކޮތަޅު ޕިކަޕެއް ދަށުގައި ބެހެއްޓި ކަމަށް ފުލުހުންގެ ހާދިސާ ރިޕޯޓުގައި ބުނެފައިވެއެވެ.
އާދަމް މުހައްމަދުގެ އަތުގައި އޮތް ކޮތަޅާއި ގުޅިގެން ސުވާލު ކުރުމުން އެއީ އޭނާ ކުރިން މާރުކޭޓު ކައިރިން ބަހައްޓާފައި ހުރި އެއްޗެއް ކަމަށާއި ޕިކަޕު ކައިރީގައި ބެހެއްޓި ކޮތަޅާއި ގުޅިގެން ސުވާލުކުރުމުން ޕިކަޕު ކައިރީގައި އެއްވެސް އެއްޗެއް ނުބަހައްޓާކަމަށް ބުނެފައިވާ ކަމަށް ވެސް ފުލުހުންގެ ހާދިސާ ރިޕޯޓުގައިވާ ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ.
އެ ކޮތަޅު ބެލިއިރު މޯބައިލް ފޯނުތަކަކާއި، ހެޑް ފޯނަކާއި، އެހެން މީހެއްގެ ބީއެމްއެލް ކާޑަކާއި، ފައިސާގެ އިތުރުން ސުޕަ ގުލޫ ފުޅިތަކެއް ފެނިފައިވާ ކަމަށާއި އެވަގުތު އޭނާގެ ޖިންސުގެ ކަނާތު ފަހަތު ޖީބުން އެއްޗެއް ނަގާ ވައްޓާލިތަން ފެނިފައިވާ ކަމަށް ވެސް ފުލުހުންގެ ހާދިސާ ރިޕޯޓުގައި ބުނެފައިވެއެވެ. އެއާއެކު ވައްޓާލީ ކޮން އެއްޗެއްތޯ ބެލިއިރު ކަށިގަނޑުތަކަކާއި ރެންޗެއް ފެނުނު ކަމަށާއި އޭނާ ލައިގެން ހުރި ޖިންސުގެ ޖީބުތައް ޗެކްކުރިއިރު އެހެން މީހެއްގެ ވޮލެޓެއްގެ އިތުރުން 2 ފޯނު ފެނިފައިވާ ކަމަށް ފުލުހުންގެ ހާދިސާ ރިޕޯޓުގައި ބުނެފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ވެއެވެ.
އާދަމް މުހައްމަދުގެ އަތުން ފެނުނު ތަކެއްޗަކީ އޭއެސް ޓްރޭޑާސް ފިހާރައިގެ ސީލިންގު ފަޅާލައިގެން ވަދެ ވަގަށް ނަގާފައިވާ ތަކެތި ކަމަށް ފުލުހުންނަށް ކަށަވަރު ކުރެވިފައިވާ ކަމަށް އައިއޯ ބުނެފައިވާ ކަމަށް ބަންދު އަމުރުގައި ވެއެވެ.
އުމުރުން 33 އަހަރުގެ އާދަމް މުހައްމަދު ނޮވެންބަރު މަހު ހައްޔަރުކުރި ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާ ގެއަކަށް ވަދެ ވައްކަން ކުރީ ދަންވަރު ކަމަށެވެ. އޭނާ އެ ފަހަރު އެ ގެއަށް ވައްކަން ކުރަން ވަންނަ މަންޒަރާއި، ގޭތެރޭގައި ހަރަކާތްތެރިވާ މަންޒަރު ސީސީޓީވީ ސްނެޕްޝޮޓްތަކުން ފެންނަ ކަމަށާއި އަގުބޮޑު ދެ ފޯނު ވަގަށް ނެގި ކަމަށް ވެސް އެ އަމުރުގައިވެ އެވެ. އަމުރުގައި ބުނެފައި ވަނީ ފުލުހުން އޭނާ ހައްޔަރުކުރަން ދިއުމުން، އޭނާ ދިރިއުޅޭ ގޭގެ އަލަމާރިތެރެއަށް ވަދެ، ބޮލުގައި ކަޅު ކޮތަޅެއް އަޅުވައިގެން ފުލުހުންނަށް ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.