ފުލުހުން ކޯޓުގައި ބުނީ އަންހެން މީހާއަކީ އިނގިރޭސި ބަހުން ވާހަކަ ދައްކަން ދަންނަ މީހެއް ނޫން ކަމަށާއި އޭނާ ވާހަކަ ދައްކާ ބަހުރުވައަކުން ވާހަކަދައްކަން އެނގޭ ފުލުހަކު އެވަގުތު ނެތުމުން ގާނޫނީ އިންޒާރު ދޭން ބޭނުން ކުރީ ގޫގުލް ޓްރާންސްލޭޓް ކަމަށެވެ.
ފުލުހުން ވިދާޅުވީ އެ އަންހެން މީހާއަށް ވާހަކަ ދައްކަން އެނގެނީ ސްޕެނިޝް ބަހުންނާއި ޕޯޗިގީޒް ބަހުން ކަމަށެވެ.
އުމުރުން 31 އަހަރުގެ މި އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ އިތުރު ދެ ދުވަސް ޖަހާފައެވެ. މި މައްސަލާގައި ކޯޓުގައި މިއަދު އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި ގާޒީ ވިދާޅުވީ ދެ ދުވަހުގެ މުއްދަތެއް ދޭން ނިންމީ އެ މީހާއަށް ތަރުޖަމާނަކު ހަމަޖެއްސިފައި ނެތުމުން، ތަރުޖަމާނެއްގެ ހާޒިރުގައި އޭނާގެ ބަންދުގެ މުއްދަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުން ރަނގަޅުވާނެ ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭތީ ކަމަށެވެ.
މަސްތުވާތަކެތި ފެނިފައިވަނީ 31 އަހަރުގެ މި އަންހެން މީހާއާ މެދު ޝައްކުކުރެވިގެން އޭނާގެ ލަގެންޖު ބަލާ ފާސްކުރުމުންނެވެ.
ކަސްޓަމްސްއިން ވިދާޅުވީ އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ކަމަށެވެ.
އަތުލައިގަތް މަސްތުވާތެކީގެ މަސްތުވާތަކެތީގެ މަގުމަތީ އަގު 15 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ކަސްޓަމްސްއިން ވިދާޅުވި އެވެ.