ތާލިބާނުންނާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި ތާލިބާނުން ވަނީ މިވަގުތު ކަބުލް ވަށާލައިފައެއެވެ، ނަމަވެސް މަޝްވަރާތައް ކުރިއަށްދާއިރު ކަބުލްއަށް ހަމަލާ ނުދޭން ތާލިބާނުން ވަނީ ނިންމާފައެވެ.
ތާލިބާނުން ވަނީ ސުލްހަވެރިކަމާއެކު ބާރުތައް ދޫކޮށްލާނަމަ ހަމަލާ ނުދޭނެ ކަމަށް ވައުދުވެފައެވެ. އަދި އެ ގްރޫޕުން ބުނީ ކަބުލް ދޫކޮށްދާ މީހުންނަށް ރައްކާތެރިކަމާއެކު އެ ސިޓީ ދޫކޮށްދެވޭނެ ގޮތް ހަމަޖެއްސުމަށް އެ ގްރޫޕަށް ނިސްބަތްވާ ހަނގުރާމަވެރިންނަށް އަންގާފައިވާ ކަމަށެވެ.
އަދި ސަރުކާރު ބަދަލުވާ އިންތިގާލީ މަރުހަލާ ނިމެންދެން ކަބުލްގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ އަފްގާން ސަރުކާރުން ކަމަށްވެސް ތާލިބާނުން ބުނެއެވެ.
އަފްގާން ސަރުކާރުން ވެސް ވަނީ ލޭ އޮހޮރުމަކަށް ނުގޮސް ބާރުތައް ދޫކޮށްލަން މަޝްވަރާ ކުރަމުން އަންނަ ކަމުގެ ސިގްނަލެއް ދީފައެވެ.