ޕްލޭ އޮފް މެޗުގައި ބެންގަލޫރުން ޖެހި ހަމަ އެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ އެ ޓީމާ އަލަށް ގުޅުނު ކުޅުންތެރިއެއް ކަމަށްވާ ޖަޔޭޝް ރަނޭއެވެ. މިއީ މެޗުގެ ފުރަތަމަ ހާފުގައި އޭނާ ޖެހި ލަނޑެކެވެ.
އާދިއްތަ ދުވަހުގެ ރޭގެ މެޗުގައި ކުޅޭނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަޝްފާގު ނުކުޅެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަޝްފާގު ނުކުޅުނީ އެންމެ ފަހުވަގުތު ލިބުނު އަނިޔާތަކަކާ ގުޅިގެންނެވެ. މި މެޗުގައި އަޝްފާގު ނުކުޅުނު ނަމަވެސް މި މެޗަށް އީގަލްސްއާ ގުޅުނު އެހެން ކުޅުންތެރިން ކުޅުނެއެވެ. އޭގެ ތެރޭގައި މޮޅު ކުޅުމެއް ދެއްކި އަލީ ފާސިރު އަދި އަކްރަމް އަބްދުލްޣަނީއާ އިސްމާއިލް އީސާ ފާހަގަ ކޮށްލެވެއެވެ. މި މެޗުގައި އީގަލްސް ޓީމުގައި ބިދޭސީ އެއްވެސް ކުޅުންތެރިއެއް ނުހިމެނެއެވެ.
އޭއެފްސީ ކަޕް ގްރޫޕް ޑީގެ މެޗުތައް ފެށޭނީ ބުދަ ދުވަހުއެވެ. ފުރަތަމަ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ހަވީރުއެވެ. ބުދަ ދުވަހު ހަވީރު ބައްދަލުކުރާނީ މިރޭ އީގަލްސް އަތުން މޮޅުވި ބެންގަލޫރާ، އިންޑިޔާގެ އޭޓީކޭ މޯހަން ބަގާންއެވެ. އެއަށް ފަހު އެރޭ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސްއާ ދެކޮޅަށެވެ. އެއަށް ފަހު ދެން ކުޅުން އޮންނާނީ ދެ ދުވަހުގެ ބްރޭކަށް ފަހު ހޮނިހިރު ދުވަހު އެވެ. ހޮނިހިރު ދުވަހުގެ ހަވީރު ބެންގަލޫރާ ބަޝަންދުރާ ކިންސްގް ކުޅޭ އިރު އެރޭ ކުޅޭނީ މާޒިޔާއާ މޯހަން ބަގާންއެވެ.