ads
ތިޔޭ މިހިތުގެ ވިންދަކީ ގެ ޕޯސްޓަރެއް…
ސިޓިންރޫމް ތަކުން "ތިޔޭ މިހިތުގެ ވިންދަކީ"ގެ ވިންދު އަދިވެސް ނުކެނޑޭ!
ދިވެހިންނަކީ ފެށުނީންސުރެ ފިލްމު ތަކާއި ޑްރާމާތައް ބަލަން ފޯރި ހުންނަ ބައެކެވެ. އިންޑިއާގެ ކުރީގެ ބަތަލް ދަރަމެންދުރާ ފަދަ އެކްޓަރުންގެ ފިލްމުތައް ރިލީޒްކުރުމާއި އެކި ކެސްޓް ރޯލުތައް ހިފައިގެން ގޭގޭ ޓީވީ ދޮށަށް ބައި ހަދާފައި އެއްވެ ތިބެ ފިލްމު ބަލާ ހަނދާން އަދިވެސް ހުންނާއެވެ. ދިވެހި ޑްރާމާތަކާއި ފިލްމުތައް ވުޖޫދުވާން ފެށި ދުވަސްވަރަށް ބަލައިލާނަމަވެ. "ކައްތިރި" ފަދަ ކާމިޔާބު ޑްރާމާ ތަކަކީ ދިވެހިން ފޯރި އަރުވާފައި ބެލި ޑްރާމާތަކެވެ.

އެދުވަސްވަރު ދިވެހި ރާއްޖޭގެ ގައުމީ ޓީވީ ޓެލެވިޒަން މޯލްޑިވްސް(ޓީވީއެމް) އިން ގެނެސްދިން "ތިޔޭ މިހިތުގެ ވިންދަކީ" އަކީ ބެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ ޑްރާމާއެކެވެ. 

ޑްރާމާ ދައްކާ ގަޑިއަށް ވަގުތު ހުސްކޮށް ޓީވީ ދޮށަށް އެއްވާނެއެވެ. ޑްރާމާގެ އަސަރު ގަދަ ކަމުން ބައެއް އެޕިސޯޑުތައް ބަލާފައި ރުއި ކުދިން ވެސް އުޅޭނެކަން ޔަގީނެވެ.

ދެހާސް ހަތަރު ވަނަ އަހަރުގެ ތެރޭގައި ޓީވީން ދައްކަން ފެށި  "ތިޔޭ މިހިތުގެ ވިންދަކީ"  އަކީ ދިވެހި ސިނަމާތަކަށް ބޮޑު އިންގިލާބެއް ގެނެސްދިން ޑްރާމާ ސިލްސިލާ އެކެވެ. 52 އެޕިސޯޑަށް ދިގު ދެމިގެންދިޔަ އެ ޑްރާމާ ވެގެންދިޔައީ ދިވެހިންގެ ތެރޭގައި ހިޓަކަށެވެ.

އަހަރުތަކެއް ފަހުން ޓީވީއެމް އިން އެ ޑްރާމާ ދައްކަން ފެށިއެވެ. 16 ވަރަކަށް އަހަރު ފަހުން އެ ޑްރާމާ އަލުން ދައްކަން ފެށުން ވެގެންދިޔައީ ކުރީގެ ހަނދާންތައް އާކޮށްލަން ލިބުނު ރަނުގެ ފުރުސަތަކަށެވެ. ސަބަބަކީ "ތިޔޭ މިހިތުގެ ވިންދަކީ"  އޭގެ ފަހުން ޔޫޓިއުބް އަދި އެހެން ޕްލެޓްފޯމް އަކުން ވެސް ބަލައިލަން ނުލިބުމެވެ.

your imageތިޔޭ މިހިތުގެ ވިންދަކީގެ މަންޒަރުތަކެއް…

މިހާރު ފިލްމީ ދާއިރާއަށް މުޅިން ދުރުގައި ހުރި ކުޅަދާނަ ޑައިރެކްޓަރު އަބްދުލް ފައްތާހުގެ އެ ޑްރާމާ އަކީ އާއިލާތަކެއްގެ ތެރޭގައި ހިނގާ ކަންތައްތަކެއް ވަރަށް ފުރިހަމައަށް ދައްކަދީފައިވާ ޑްރާމާއެކެވެ. 

ފިލްމީ ދާއިރާގައި ދެގޮތެއް ނުވާ ޖޯޑު މުހައްމަދު މަނިކާއި ޝީލާ  ނަޖީބު ލީޑު ރޯލުން ފެނިގެންދިޔަ އެ ޑްރާމާ ދިވެހިންގެ ހިތްތަކުގައި އެތައް ގުނަ އަކުން ހާއްސަވީ ފިލްމީ ދާއިރާގެ މަަޝްހޫރު މޫނުތަކެއްގެ އިތުރުން ލެޖެންޑަރީ  ބޭފުޅުން އެކްޓުކޮށްފައި ވުމުންނެވެ.

ޝީލާ އާއި މަނިކުގެ އިތުރުން ދެން ފެންނަނީ މަރްހޫމާ ހާޖަރާ އަދި ޗިޅިޔާ މޫސާ އެވެ. އޭގެ އިތުރުން ޒީނަތު އައްބާސް އާއި އައިމިނަތު ރަޝީދާގެ އިތުރުން، ނިއުމާ މުހައްމަދު، އަހުމަދު ސައީދު، މަރިޔަމް ހަލީމް، މަރިޔަމް ޝަކީލާ، އާރިފާ، ނީނާ ސަލީމް، ޖަންބު ހަސަން އަފީފް އަދި ޝީރީން ފަދަ ހުނަރުވެރި  ތަރިން އެ ޑްރާމާއިން ފެނެއެވެ.

މީގެ ތެރެއިން މޮޅެތި އެކްޓަރުންތަކެއް މިހާރު ނުފެންނަަތީވެއާ އެކު "ތިޔޭ މިހިތިގެ ވިންދަކީ" ބަލާ މީހުން މިހާރުވެސް ގިނަކަން ފާހަގަކޮށްލެވެއެވެ. ސަބަބަކަށްވީ ދިވެހި ޑްރާމާ އަދި ފިލްމުތަކަށް ލޯބިކުރާ އާއިލާ ތަކުގައި ވެސް އޭރުންސުރެ އެ މަގުބޫލު ޑްރާމާގެ ވާހަކަ ދެކެވިފައި އޮތުމެވެ.

މިހާރުވެސް ރަށްފުށުގެ އިތުރުން މާލޭ ގޭގޭ ގެ ވެސް ސިޓިންރޫމްތަކުގައި އެ ޑްރާމާ ބަލަން ތިބޭ ޒުވާނުން ގިނަ އެވެ. އެހެން ޗެނަލެއް ބަލަން އިނދެފައި ވެސް ގަޑިން ރޭގަނޑު 11 ޖެހީމައި ޓީވީއެމް އަޅުވާ ޑްރާމާ ބަލަން ވަގުތު ހުސްކުރާ މީހުން ގިނަ ކަމުން އެނގެނީ އަދިވެސް "ތީޔެ މިހިތުގެ ވިންދަކީ"އަށް ބެލުންތެރިންގެ ހިތްތަކުގައި އޮތް ލޯތްބެވެ.

ހުސައިން ސޮބާހް ބެކް މިއުޒިކް ހަދާ ގެނެސްދިން މޮޅު ޑްރާމާގެ ވާހަކަ ދައްކާއިރު އޭގެ ލީޑު ރޯލުން ފެނިގެންދިޔަ މަނިކު އާއި ޝީލާގެ ބަހެއް ނުހިމަނާ މިލިޔުން ފުރިހަމަ ނުވާނެކަން ގަބޫލުކުރެވުނެވެ.


ވ.ފުލިދޫގެ އިތުރުން މާލެ އަދި ވިލިމާލޭގައި މަންޒަރުތައް ކުޅެފައިވާ "ތީޔެ މިހިތިގެ ވިންދަކީ" އާ ބެހޭ ގޮތުން މަނިކު ބުނީ އެއީ އޭނާގެ ފިލްމީ ހަޔާތުގައި ކުރެވުނު ފޮނި މަސައްކަތެއް ކަމަށެވެ. މަނިކު އެ ޑްރާމާގައި ފެނިގެންދިޔައީ ޑަބަލް ރޯލަކުންނެވެ. ޑްރާމާގައި އެއީ އަޔާޒް އެވެ. އެއީ އަދީލް އެވެ.

އިތުރަށް މަނިކު ބުނީ "ތީޔެ މިހިތުގެ ވިންދަކީ" އަކީ ވަރަށް ހާއްސަ ޑްރާމާއެއް ކަމަށާއި ބެލުންތެރިންގެ ފަރާތުން މެދުނުކެނޑި  ޑްރާމާ އަށް ލިބެމުން ދިޔަ ތަރުހީބާއި ތައުރީފަށް ހިތްހަމަޖެހުން ކަމަށެވެ. 

މަނިކު ބުނީ އެ ޑްރާމާގެ 30 ވަރަކަށް އެޕިސޯޑު ދެއްކި އިރު އޭނާ ހުންނާނީ އަތޮޅު ތެރޭގައި ކަމަށާއި ރަށް ރަށުން ވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަަށެވެ. އަދި ޑްރާމާގައި މަނިކަށް އެންމެ މީރު މުގު ބޮނޑިބަތް ކައްކާފައި ކާން ދައުވަތު ދޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެއީ ޝީލާ ބައްޕަ ދުނިޔޭގައި އަހަރުމެން ކުރީ ކެންޕެއިން ދަތުރެއް. އެ ދަތުރުން ވެސް އެނގުން ދިވެހިން ގެ ތެރޭގައި ޑްރާމާ މަގުބޫލުކަން. ޑްރާމާގައި އަހަންނަށް އެންމެ މީރު ކާ ތަކެތި ކާން ވެސް ހަދާފަ ބުނާނެ ކާން އަންނަން" މަނިކު ބިންޏެވެ.

ޝީލާ ބުނީ، "ތީޔެ މިހިތުގެ ވިންދަކީ" އަކީ ހުދު އޭނާ އަށް ވެސް ވަރަށް ރީތި ޑްރާމާއެއް ކަމަށާއި އެހާ މަޝްހޫރުވި ޑްރާމާއެއްގެ ލީޑު ރޯލު ކުޅެވުނީތީ ވަރަށް ހިތްހަމަޖެހުން ކަމަށެވެ.

your imageގެޔެއްގައި ތީޔެ މިހިތުގެ ވިންދަކީ ބަލަނީ….

އިތުރަށް ޝީލާ ބުނީ ޑްރާމާގައި ކުޅުނު ނާދިޔާ ގެ ކެރެކްޓަރ ވަރަށް ގިނަ ބަޔަކު ބަލައިގަން ކަމަށާއި ރަށްރަށުން ވެސް އެކަން ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ ކަމަށެވެ. އަދި އެ ދުވަސްވަރު ރަށް ރަށަށް ދިޔުމުން ކަރުގައި މާފަތި އަޅުވައި ކެއުމަށް ދައުވަތު ދީ ހެދި ކަމުންވެސް ފާހަގަވެގެންދިޔައީ "ތިޔޭމިހިޔުގެ ވިންދަކީ"ގެ ކާމިޔާބު ކަން ކަމަށް ޝީލާ ބުންޏެވެ.

ތެދެކެވެ. އޭރުވެސް މިހާރުވެސް އެ ޑްރާމާ ރީއްޗެވެ. ދެހާހުގެ ކުރީ ކޮޅު ބެލުންތެރިންގެ މެދުގައި ވައިގަ ހިފާލި "ތީޔެ މިހިތުގެ ވިންދަކީ"ގެ ވިންދު ގޭގޭ ސިޓިންރޫމްތަކުން އަދި ދިވެހިންގެ ހިތްތަކުން އަދިވެސް ކެނޑިގެނެއް ނުދެއެވެ.

79%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް