ads
ނައިބު ރައީސް ފައިސަލް ނަސީމް މާފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރތެއިން
ޓެލެމެޑިސިންގެ ޚިދުމަތާއެކު ފެންވަރު ރަނގަޅު ބޭސްފަރުވާގެ ޚިދުމަތް ލިބޭނެ: ނައިބު ރައީސް
މާފުށީ ޖަލުގައި ޤާއިމުކޮށްފައިވާ ޓެލެ މެޑިސިންގެ ޚިދުމަތާއެކު ބޭސްފަރުވާއަށް ޤައިދީން އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ފެންވަރު ރަނގަޅު ބޭސްފަރުވާގެ ޚިދުމަތް ލިބުމަށް މަގުފަހިވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި ޤާއިމުކޮށްފައިވާ މެޑިކަލް ސެންޓަރު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުން  ވިދާޅުވީ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށާއި މެޑިކަލް ސެންޓަރާއެކު ގައިދީންނަށް ރަނގަޅު ފެންވަރުގައި ޞިއްޙީ ޚިދުމަތް ދިނުމުގެ މަގުފަހިވެގެންދާނެކަމަށެވެ.

ޖަލުގައި ޤާއިމުކޮށްފައިވާ ޓެލެ މެޑިސިންގެ ޚިދުމަތާއެކު ބޭސްފަރުވާއަށް ޤައިދީން އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ފެންވަރު ރަނގަޅު ބޭސްފަރުވާގެ ޚިދުމަތް ލިބުމަށް މަގުފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ރިހިބިލިޓޭޝަންގެ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަން ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށާއި ޖަލުތަކާއި ރިހިބިލިޓޭޝަންގެ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުގެ ވެސް އަމާޒަކަށް ވާންވާނީ އަނބުރާ މުޖްތަމައަށް ނިކުންނަ ފަރާތްތަކަކީ އަމިއްލަ ދިރިއުޅުމައިގެން ކުރިޔަށްދެވޭނެ ފަދަ މަސައްކަތެއް ދަސްވެފައިވާ ހަރުދަނާ މީހަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މާފުށީ ޖަލުގައި ޤާއިމުކޮށްފައިވާ މެޑިކަލް ސެންޓަރުން ޖެނެރަލް އޯޕިޑީ، އެމެޖެންސީގައި ބަލި މީހުންނަށް ފަރުވާދިނުން، އެކްސްރޭގެ ޚިދުމަތާއި ފިޒިއޯތެރެޕީ އަދި މައިނަރ ސާރަޖަރީގެ ޚިދުމަތްފަދަ ޚިދުމަތްތައް ވެސް ފޯރުކޮށްދެއެވެ. މީގެ އިތުރުން މި ސެންޓަރުގައި 10 މީހުންގެ ޖާގައިގެ ރިހެބިލިޓޭޝަން ޔުނިޓެއްވެސް ޤާއިމުކޮށްފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ވަނީ މާފުށީ ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލް ބައްލަވައިލެއްވުމުގެ އިތުރުން ސްކޫލުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސްކޫލުގެ އިސްވެރިން ވަނީ ސްކޫލުގެ ހިންގުން ހަރުދަނާކޮށް ތައުލީމު ކުރިއެރުވުމަށް އިތުރަށް ބޭނުންވާކަންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްކޫލުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމުގައި މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މާފުއްޓަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މާފުށީ ޞިއްޙީ މަރުކަޒަށް ވެސް ޒިޔާރަތްކުރައްވައި އެމަރުކަޒުގެ ޙާލަތު ބައްލަވާލައްވާފައެވެ. މީގެ އިތުރުން މާފުށީ ފުޓްބޯޅަ ދަނޑަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތް ކުރިޔަށްދާގޮތްވެސް ރައީސުލްޖުމްހުރިއްޔާގެ ނައިބު ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މާފުއްޓަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި  ހެލްތު މިނިސްޓަރު އަޙްމަދު ނަސީމާއި ހޯމް މިނިސްޓަރު އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރުގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް