ads
މިއަދުގެ އަޑުއެހުމުގެ ތެރެއިން ނިހާން———
ލިޔެ ކިޔުންތައް ނުސާފުވެ ކިޔަން ނޭނގިގެން ނިހާންގެ ޝަރީއަތް ކުރިއަކަށް ނުދިޔަ
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކުރާ ދައުވާތަކާއި ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ލިޔެކިޔުންތައް ނުސާފުކަމުން ކިޔަން ނޭގިގެން މިއަދުގެ ޝަރީއަތުގެ އަޑުއެހުން ހުއްޓާލަން ޖެހިއްޖެ އެވެ.
Advertisement

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކޮށް ރިޝްވަތު ނަގައި، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ތުހުމަތަށް، ނިހާންގެ މައްޗަށް ކުރާ ދައުވާތައް އިއްވުމަށާއި ޖަވާބުދާރީވުމަށް މިއަދު ކުރިމިނަލް ކޯޓުގައި ތާވަލުކުރި އަޑުއެހުން ފައްޓަވައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ނިހާންގެ މައްޗަށް ކުރާ ދައުވާތައް އިއްވުމަށް ދައުލަތުން ފުރުސަތު އަރުވާފައެވެ. 

ނަމަވެސް، އޭގެ ކުރިން ނިހާންގެ ވަކީލް ހުސްނީމުބާރަކު އަތްޕުޅު ނަންގަވައި ފުރުސަތަކަށް އެދުމުން އެ ފުރުސަތު ގާޒީ ދެއްވިއެވެ. އެފުރުސަތުގައި ވަކީލް ހުސްނީމުބާރަކު ވިދާޅުވީ ނިހާންގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ލިޔުންތައް ސާފު ނޫންކަމަށާއި، އޭގައި ހުރި އެއްޗެއް ކިޔަން  ނޭނގޭ ކަމަށެވެ.

ދައުލަތުން މީގެ ކުރިން ލިޔުންތަކުގެ ހާޑް ކޮޕީތައް ނިހާންއަށް ރައްދުކުރުމުން އެ ލިޔުންތައް ނުސާފު ކަމަށް އޭރުވެސް ނިހާންގެ ވަކީލުންގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ފަހުން އެ ލިޔެކިޔުންތައް ދައުލަތުން ސިޑީއަކަށް އަޅާފައި ދީފައިވާއިރު، ވަކީލް ހުސްނީމުބާރަކު ވިދާޅުވީ ސޮފްޓް ކޮޕީ ހޯދަން އެދުނު ހުރިހާ ލިޔެކިޔުމެއް ސީޑީގައި ނުވާ ކަމަށެވެ.

އެކަމަށް ރައްދުދެއްވައި ދައުލަތުގެ ވަކީލާ ޝާމާ ނަސީރު ވަނީ ނިހާންގެ ފަރާތުން އެދިފައިވާ ހުރިހާ ލިޔުމެއް ސީޑީގައި ހުންނާނެ ކަމަށާއި، އެ ފަރާތުން އަދިވެސް އެދޭނަމަ، ސޮޕްޓް ކޮޕީތައް ފޯރުކޮށްދެވިދާނެ ކަމަށެވެ. 

ވަކީލާ ޝާމާގެ  ވާހަކަތަކަށް ރައްދުދެއްވަމުން ނިހާންގެ ވަކީލް އަހުމަދު ޝާފިއު ވިދާޅުވީ، ދައުވާތަކަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތާއި ވަސީލަތްތައް ލިބުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްފައިވާ ހައްގެއް ކަމުން، އެ ލިޔުންތަކެއްގެ މައްޗަށް ބިނާކޮށް ދައުވާއަށް ޖަވާބުދާރީވާން ޖެހޭ ލިޔުންތަކެއް ވާންވާނީ ސާފު، ކިޔަން އެނގޭ ލިޔުންތަކަކަށް ކަމަށެވެ. އަދި ދައުލަތަށް ވެސް ޔަގީން ނުވާ ލިޔުންތަކެއް ހުށަހަޅައިގެން ދިފާއުވާން ޖެހުމަކީ އެންމެ ބޮޑު ހައްގު ނިގުޅައިގަތުން ކަމަށް ޝާފިއު ވިދާޅުވި އެވެ.

ހާޑް ކޮޕީތައް ވެސް ނުސާފީތޯ ގާޒީ އަލީ އާދަމް ދައުލަތާ ސުވާލެލުކުރެއްވުމުން ދައުލަތުގެ ފަރާތުން ވިދާޅުވީ ލިޔުންތަކުގައި ހުރި އެއްޗެއް ކިޔަން އެނގޭ ކަމަށާއި ކިޔަން ނޭނގޭ ވަރަށް ހުރި ލިޔުމެއް ނެތް ކަމަށެވެ. 

"ދައުލަތަށް ހުށަހަޅޭނީ ދައުލަތަށް ލިބިފައިވާ ލިޔުންތަކެއް. ލިބިފައިވާ ލިޔުންތަކެއް އިތުރަށް ސާފުކޮށް ނުދެވޭނެ" ދައުލަތުގެ ވަކީލާ ޝާމާ ވިދާޅުވިއެވެ.

އެހެންނަމަވެސް ނިހާންގެ ފަރާތުން ވަކާލާތުކުރައްވާ ވަކީލް ހުސްނީމުބާރަކު ވަނީ ލިޔުންތައް ނުސާފުކަމުގެ ބަހާނާ ދައްކާގެން ޝަރީއަތް ލަސްކުރުމުގެ ނިޔަތެއް ނެތްކަމަށާއި ލިޔެކިޔުންތައް ނުސާފުކަމާއި ކިޔަން ނޭނގޭ ކަމަށް ވިދާޅުވީ ހަގީގަތުގައި ވެސް ލިޔުންތަކުގައި ހުރި އެއްޗެއް ސާފުނުވާތީ ކަމަށެވެ.

އެޔަށްފަހު ގާޒީ އަލީ އާދަމް ނިންމެވީ މިއަދުގެ އަޑުއެހުން އިތުރަށް ކުރިއަށް ނުގެންގޮސް ނިންމާލުމަށެވެ. އަދި ތިން ދުވަހުގެ ތެރޭ މައްސަލާގެ ހުރިހާ ލިޔެކިޔުމެއްގެ ހާޑް ކޮޕީ ނިހާންއަށް ފޯރުކޮށްދިނުމަށް އަންގަވާފައިވެއެވެ. 

ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަ ދައުވާއަކީ، ރިޝްވަތު ހިފުމުގެ ދައުވާ، މަނީ ލޯންޑަރިންގެ ދައުވާ، ރިޝްވަތު ލިބިގަތުމަށް އެދުނު ކަމުގެ ދެ ދައުވާއެއް އަދި ރިޝްވަތުގައި ހިފުމުގެ ދެ ދައުވާ އެކެވެ. 

ނިހާންގެ މައްޗަށް ހަ ދައުވާ އުފުލާ، ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު ޕީޖީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ނިހާން ހުރިއިރު، މަގާމުގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކި ގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގާތު ރިޝްވަތަށް އެދި، އަދި އަދީބު ދީފައިވާ ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް މައުލޫމާތު ދީފައެވެ. 

އަދި ނިހާން އަށް ލިބިފައިވާ މިފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާ ކަމަށާއި މި މައްސަލާގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން އޭނާ ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ވަކި ގޮތެއް އަންގަންދެން އޮތީ ނިހާންގެ ޕާސްޕޯޓް ހިފަހައްޓާފަ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް