ބުދަ ދުވަހު ހަވީރު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގައި ބެންގަލޫރު ކޮޅަށް މޯހަން ބަގާން އިން ޖެހި ދެ ލަނޑު ޖަހާފައިވަނީ ދެ ހާފުގައެވެ. ފުރަތަމަ ލަނޑު ބިދޭސީ ފޯވާޑު ރޯއީ ކްރިޝްނާ ޖެހިއިރު ދެވަނަ ލަނޑު ޖެހީ ކުރިން ބެންގަލޫރަށް ކުޅުނު ސުބާސިޝްއެވެ.
ބުދަ ދުވަހު ހަވީރު މޮޅުވި އޭޓީކޭގެ ދެވަނަ މެޗުގައި ނުކުންނާނީ ރާއްޖޭގެ މާޒިޔާއާ ދެކޮޅަށެވެ. ބެންގަލޫރު ނުކުންނާނީ ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސްއާ ދެކޮޅަށެވެ. މި މެޗުތައް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އަދި ރޭގަނޑުއެވެ. ހަވީރު ކުޅޭ މެޗުގައި ބެންގަލޫރާ ބަޝަންދުރާ ކިންގްސް ވާދަކުރާއިރު މާޒިޔާ މެޗު އޮންނާނީ ރޭގަނޑުއެވެ.
ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއް މެޗު ކުޅުމަށް ފަހު އެންމެ މޮޅުވާ ޓީމަކަށް ގްރޫޕުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން އިންޓަރޒޯނަލް ސެމީ ފައިނަލުން ފުރުސަތު ލިބޭއިރު، ފުރަތަމަ މެޗު ގެއްލުމާ އެކު ބެންގަލޫރު އެފްސީވަނީ ޕްރެޝަރަށް ވެއްޓިފައެވެ. ބެންގަލޫރު ގްރޫޕް ސްޓޭޖަށް ކޮލިފައިވީ މި ހަފުތާގައި ކުޅުނު ޕްލޭ އޮފް މެޗުން ރާއްޖޭގެ އީގަލްސް ބަލިކޮށްގެނެވެ.