ސަނާއިން ރިޕޯޓްކުރާ ގޮތުގައި ސީރިއާގެ އެއާ ޑިފެންސް ސިސްޓަމްތަކުން ވަނީ އިޒްރޭލުން ފޮނުވި މިސައިލްތައް ވައިގެ ތެރެއިން މައިތިރިކޮށްފައެވެ.
ސީރިއާގެ އަސްކަރިއްޔާގެ ފަރާތްތަކާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި ހަމަލާތައް އައީ ބެއިރުޓް އާ ދިމާލުންނެވެ.
ސީރިއާއަށް އަމާޒުކޮށް ފޮނުވި ގިނަ މިސައިލްތައް ހުއްޓުވާފައިވާކަމަށާއި މިހާރު ދަނީ ހަމަލާގައި ލިބުނު ގެއްލުންތައް ބަލަމުން ކަމަށް އަސްކަރިއްޔާގެ އޮފިޝަލުން ބުނެއެެވެ.
ލެބަނަންގެ މީޑިއާތަކުން ވަނީ ވެރިރަށް ބެއިރުޓް މަތިން އިޒްްރޭލުގެ ފައިޓާ ޖެޓްތައް ވަރަށް ތިރިން ދަތުރުކޮށްފައިވާކަމަށް ރިޕޯޓްކޮށްފައެވެ.
އިޒްރޭލުގެ އޮޕަރޭޝަންގެ ސަބަބުން ބެއިރުޓް އަށް ދަތުރުކުރި ދެ ފްލައިޓެއް ވަގުތީ ގޮތުން ޑައިވާޓްކޮށްފައިވާ ކަމަށް ލެބަނަންގެ ސިވިލް އޭވިއޭޝަން ޗީފް ފަދީ އަލް-ހަސަން އަލްޖަދީދު ޓީވީއަށް ބުނެފައިވެއެވެ.
އިޒްރޭލުން އަންނަނީ ތަގުރާރުކޮށް ހެޒްބުﷲ ސީރިއާ ސަރުކާރުގެ އަމާޒްތަކަށް ބޮމުގެ ހަމަލާދެމުންނެވެ.
ފަހަކަށް އައިސް އިޒްރޭލުން އަންނަނީ ސީރިއާގައި ހަރަކާތްތެރިވާ ރަޝިޔާގެ ވައިގެ އަސްކަރިއްޔާ އާ ކުރިމަތިލުމަކަށް ނުދާންވެގެން ލެބަނަންގެ ވައިގެ މަގު ބޭނުން ކުރަމުންނެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޮ ހިއުމަން ރައިޓްސް އިން ބުނީ އިޒްރޭލުގެ ތިން މިސައިލް ހެޒްބުﷲ ސީރިއާ ސަރުކާރުގެ ހަތިޔާރު ރައްކާކުރާ ގުދަންތަކަކަށް އަރާފައިވާކަމަށެވެ. އެ ހަމަލާތަކުގައި މީހަކަށް ގެއްލުމެއް ވެފައިވާކަން އަދި ސާފު ނުވާކަމަށް އެ ގްރޫޕުން ބުނެއެވެ.
އިޒްރޭލުން މި ހަމަލާތައް ދީފައި މިވަނި އިޒްރޭލާއި ލެބަނަން ގުޅޭ ބޯޑަރުކައިރީ ހެޒްބުﷲ އާ އިޒްރޭލާއި މެދު ހަމަލާތައް ބަދަލުކޮށް މަސްރަހް ހޫނުވެފައިވަނިކޮށެވެ.
ހެޒްބުﷲ ގެ ޗީފް ހަސަން ނަސްރަﷲ ވަނި އިޒްރޭލުން ދޭ ކޮންމެ ހަމަލާއަކަށް ރައްދު ދޭނެ ކަމަށް ބުނެފައެވެ.
"އަހަރުމެން ނޫޅެން ހަނގުރާމައެއް ހޯދާކަށް އަދި ހަނގުރާމައަކާ ދިމާލަށް ދާން، އެކަމަކު އަހަރުމެން މިތިބީ އެއަށް ތައްޔާރަށް." ނަސްރަﷲ ބުނެއެވެ.