
އެޗްޑީސީގެ ގޯތި މައްސަލައާ ގުޅިގެން މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކްރަމް ވިދާޅުވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް އިންނެވީ ސިޔާސީ މައިދާނެއްގައި ކަމަށެވެ. އަދި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ރައީސް މުއިއްޒު އާއި އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު އެކަން ފޮރުވުމަށް ކުރި މަސައްކަތެއް ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ ކުރީގެ ސަރުކާރަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ލިޔުންތަކުގެ ސައްހަކަން ބެލުމަށް ފޮރެންސިކް ތަހުލީލެއް ހަދަން ޖެހޭ ކަމަށެވެ. އެކަމަކު އެފަދަ އެއްވެސް މަސައްކަތެއް ނުކޮށް، ތުހުމަތު ކުރެވޭ މީހާ ބުނާ އެއްޗެއް ހާމަކޮށް، ކުރީ ސަރުކާރު ބަދުނާމުވާ ގޮތަށް ފުލުހުން ވާހަކަދެއްކީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް އަކްރަމް ވިދާޅުވި އެވެ.
އަކްރަމް އިތުރަށް ވިދާޅުވީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން އަދި ގަވާއިދާ ހިލާފަށް ދޫކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ ސިސްޓަމްގެ ތެރެއިން އެގޮތަށް މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.