އޭޓީކޭ އަަތުން މާޒިޔާ ބަލިވީ ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް އެ ޓީމުން ފަހަތުން އަރައި ޖެހި ތިން ލަނޑާއެކުއެވެ. މި ނަތީޖާއާއިއެކުު ގްރޫޕުގެ ފުލުގައި މާޒިޔާ އޮތީ ކުޅުނު ދެ މެޗުންވެސް ބަލިވެ އެންމެ ޕޮއިންޓެއްވެސް ނުލިބިއެވެ. ގްރޫޕުގެ އެއްވަނައިގަ އޮތީ މާޒިޔާ މައްޗަށް ކުރި ހޯދި އޭޓީކޭ މޯހަން ބަގާންއެވެ. އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ބެންގަލޫރު އަތުންވެސް މޮޅުވެފައިވާތީ އެއްވަނައިގަ އޮތީ ހަ ޕޮއިންޓާ އެކުއެވެ. އަނެއް ބުރަށް ކޮލިފައިވާނީ އެންމެ ޓީމެކެވެ.
ދެވަނައިގަ ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސް ހަތަރު ޕޮއިންޓާ އެކު އޮތް އިރު ތިންވަނައިގަ އޮތީ ބެންގަލޫރު އެފްސީއެވެ. ބެންގަލޫރަށް ދެ މެޗުން އެންމެ ޕޮއިންޓެއް ލިބިފައިވާއިރު އެ ޓީމުވެސްވަނީ މުބާރާތުން ކަޓައިފައެވެ. މި ގްރޫޕުން އެއްވަނަ އަށް އަންނަ ޓީމެއް އެނގޭނީ އަންގާރަ ދުވަހު ބަޝަންދުރާއާ މޯހަން ބަގާން މެޗުގެ ނަތީޖާއިންނެވެ. އެ މެޗު އެއްވަރު ކޮށްލައިގެންވެސް މޯހަން ބަގާންއަށް ގްރޫޕުގެ އެއްވަނަ ހޯދިދާނެއެވެ. ބަޝަންދުރާއަށް އޮތް ހަމަ އެކަނި ފުރުސަތަކީ މެޗުން މޮޅުވުމެވެ. ގްރޫޕުގެ ފަހު މެޗަކީ ބެންގަލޫރާ މާޒިޔާގެ މެޗެވެ. ނަތީޖާތައް މިހާރު ނުކުމެފައިވާ ގޮތުން ބެންގަލޫރާ މާޒިޔާގެ މެޗަކީ ބޭކާރު މެޗެކެވެ.