ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ނިޒާމަށް ބަދަލު ގެންނަ ވާހަކައަކީ އެމްޑީޕީ މެނިފެސްޓޯގައި އޮތް ވާހަކައެއް ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ކުރިމަތިލީއިރު ގިނަ ޕާޓީތަކެއްގެ މެނިފެސްޓޯތައް ހުރި ކަމަށާއި އަދާލަތު ޕާޓީގެ މެނިފެސްޓޯއެއްވެސް އޮތް ކަމަށެވެ.
މަބްރޫކް ވިދާޅުވީ ފުރަތަމަ އޮތް ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި އޮތް އިބާރާތުން، ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި އެވާހަކަތައް ނެތްކަމަށެވެ. އަދި ވެރިކަންކުރުމުގެ ނިޒާމަށް ބަދަލެއްގެންނަ ކަމަށްވާނަމަ އެކަން ކުރާނެ ގޮތް ވަރަށް ސާފުކޮށް ރައީސް ވިދާޅުވެދެއްވާފައި ވާކަމަށެވެ.
" ދެން މިކަމާގުޅިގެ އަޅުގަމޑު ހިތުން ރައީސް ވަރަށް ސާފުކޮށް އެވާހަކަ ވިދާޅުވެފައި އެބައޮތް. ރައީސްދެކެވަޑައިގަންނަވާ ގޮތުގައި ނިޒާމަށް ބަދަލު ގެންނަކަމަށްވާނަމަ އެއީ މިހާރުވެސް ރެފަރެންޑަމަކުން ނިންމިފައިވާ ކަމަކަށްވާތީ ދެން ކުރިއަށް އޮތްތާނގައިވެސް ނިންމަންވާނީ ރެފަރެންޑަމަކުން ކަމަށް ރައީސް ވަރަށް ސާފުކޮށް ވިދާޅުވެފައ އޮތީ" މަބްރޫކް ވިދާޅުވިއެވެ.
އެމްޑީ ޕީން މިހާރު ގެންދަނީ ރާއްޖޭގެ ވެރިކަންކުރުމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެމަސައްކަތުގައި ރައީސުލް ޖުމްހޫރިއްޔާއަށް ހުށަހެޅުމަށްޓަކައި ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މިމަސައްކަތް ފަށާފައިވަނީ ރަށްދެބައި މަގުގައި ހުންނަ ތޫމް ރެސްޓޯރެންޓުގައި އެމްޑީޕީގެ އާންމު މެމްްބަރުންތަކެއް އިސްވެ ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ބައިވެރިވެ ޕެޓިޝަނުގައި ވަނީސޮއިކުރައްވާފައެވެ.
މި މަސައްކަތް ފަށާފައި މިވަނީ އެމްޑީޕީގެ މެމްބަރުންތަކެއް ކްލަބް ހައުސްގައި ދުވަސްކޮޅެއްވަންދެން ހިޔާލު ފާޅުކުރުމަށްފަހުއެވެ.
މެމްބަރު ބޮންޑޭ ވިދާޅުވީ، ހަގީގީ ލާމަރުކަޒީ ނިޒާމަކުން ގައުމު ހިންގޭނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްގެން ކަމަށެވެ. ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމުން، ރައީސް ބަޔަކު ހޮވައިގެން ކެބިނެޓެއް އެކުލަވާލުމަކީ "އޮލިގާކީ"ގެ ސިފައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮންޑޭ ވިދާޅުވީ ރައްޔިތުން ބޭނުންވެއްޖެ ނަމަ ވެރިކަން ބަދަލުކުރުމުގެ ބާރު ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށާއި އެކަން ކުރެވޭނީ ބަރުލަމާނީ ނިޒާމެއް އޮވެގެން ކަމަށެވެ.
ބަރުލަމާނީ ނިޒާމު ގެންނަން އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަަދު ނަޝީދެވެ. ރައީސް ނަޝީދު އަބަދުވެސް ވަކާލާތު ކުރައްވަނީ ރާއްޖެއަށް އެންމެ ރަނގަޅު ވެރިކަން ކުރުމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށް ވިދާޅުވެއެވެ.