ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ދުވާފަރު މަގުމަތި.. ފޮޓޯ/ސޯޝަލް މީޑިއާ
ކޮވިޑުން ސަލާމަތްނުވެވި ދުވާފަރު ކަސްތޮޅުގައި!
ކޮވިޑް 19ގެ ބަލިމަޑު ކަމާއެކު ރާއްޖޭގެ ބައެއް ރަށް ރަށުން ވެސް މި ބަލި ފެންނަ ވަރަކުން އެ ރަށަކަށް އަރާ ފޭބުން މަނާކޮށް މޮނިޓަރިންގެ ހާލަތަށް ގެނެއެވެ. މިވަގުތު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން 16 ވަރަކަށް ރަށް މޮނިޓަރިންގައި އެބަ އޮތެވެ. ކޮވިޑްގެ ބަލިމަޑު ކަމުން އަރައިގަންނަން އުނދަގޫވެ މޮނިޓަރިންގެ ހާލަތުގައި އެންމެ ގިނަ ދުވަސްވީ ރަށަކީ ރ. ދުވާފަރެވެ.
Advertisement

ކޮވިޑްގެ އެކްޓިވް ކޭސް އެއް ފެނި އެޗްޕީއޭ އިން އެރަށަށް އަރާ ފޭބުން މަނާ ކުރީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެރަށް ބަނދުވެފައި އޮންނަތާ ތިން މަސް ފުރިގެންދިޔަ އިރު އަދިވެސް އެރަށުން އަވަހަށް މި ބަލި ފިލައިގެން ގޮސް ރަށް އާންމު ހާލަތަށް އަންނާނެ ދުވަހެއް ބުނާކަށް އެކަކަށް ވެސް ނޭންގެ އެވެ. 

ޖުމްލަ 5000 މީހުންގެ އާބާދީ އެއް އޮންނަ ދުވާފަރުގައި މިވަގުތުވެސް 152 އެކްޓިވް ކޭސް އުޅޭ އިރު މި ބަލީގައި އެރަށުން ހަ މީހަކު ވަނީ މަރުވެފަ އެވެ. އަދިވެސް ރަަށުން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ މައްޗަށެވެ. ރަށުގެ ރައްޔިތުން ރަށުގައި ބަނދުވެފައި ތިބި އިރު މި ބިރުވެރި ކަމުގެ ސަބަބުން އެމީހުން އަވަސް މުސްތަގުބަލެއްގައި ސަލާމަތްތުގެ އައްސޭރި އަކަށް ވާސިލްވާނެ ކަމުގެ އުންމީދު އަދިވެސް ކުޑައެވެ.

ރަށުގެ ރައްޔިތުން މިވަނީ މާޔޫސް ވެފައެވެ. ބިރުވެރި ކަމެއްގެ ތެރޭގައި ކަސްތޮޅު އެޅުވިފައެވެ. ކޮވިޑް ބަލި ރަށުން ފިލައި ރަށް ކުރީގެ އާންމު ހާލަތަށް އަންނާނެ ދުވަހަކަށް އިންތިޒާރު ކޮށްކޮށް އެމީހުން ވަރުބަލި ވެއްޖެއެވެ.

your imageދުވާފަރު މަގުމަތި…ފޮޓޯ/ސޯޝަލް މީޑިއާ

ރަށުގެ ހާލަތާއި ބެހޭގޮތުން އެރަށު ކައުންސިލުން ބުނީ މި ބަލިން އަވަހަށް ސަލާމަތްވާން ރަށުގެ އެންމެންވެސް މިއަދު ފެންބޮވައިގަންފައިވާ ކަމަށާއި ކައުންސިލުން ވެސް ބަލި ކޮންޓްރޯލް ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރަށުގެ ކައުންސިލުން ވެސް އަދި ބައެއް އާންމުންގެ ވެސް އެދުނީ 14 ދުވަހުގެ މުއްދަތަކަށް ރަށް އެއްކޮށް ލޮކްޑައުން ކޮށްލުމަށެވެ. އެހެން ނަމަވެސް އެކަމަށް އެޗްޕީއޭ އިން ހުއްދަ ދެއްވާފައިނުވާ ކަމަށް އެރަށު ކައުންސިލުން ފާހަގަކުރިއެވެ.

ކައުންސިލްގެ ފަރާތުން ވާހަކަދެއްކި ބޭފުޅަކު ވިދާޅުވީ ލޮކްޑައުންއަކަށް ގޮސްގެން ނަމަވެސް ރަށުގައި ބަލި ފެތުރޭ މިންވަރު ބޮޑު ތަނުން ދަށް ކުރެވޭނެ ކަމަށް ގަބޫލުކުރެވޭތީ ރަށް ދެ ހަފްތާއަށް ނަމަވެސް ފުރަބަންދު ކުރުމަށް އެޗްޕީއޭގައި އެދުމުން އެމީހުން އެކަމަށް ހުއްދަ ދެއްވާފައި ނުވީ ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ހައި ރިސްކު މީހުންގެ އަދަދު މަދު ވުމުންނާއި ރަަށު ތެރެއިން ނަގާ ރެންޑޮމް ސާންޕަލްތަކުން ވެސް ޕޮޒިޓިވާ މީހުންގެ އަދަދު މަތި ނުވާތީކަން ފާހަގަކޮށް ކަމަށް ބުނެފައިވާ ކަމަށެވެ.

އޭގެ އިތުރުން އަންނަ މަހުގެ ތެރޭގައި ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 65 ޕަސެންޓަށް ވުރެ މަތި ވާނެ ކަމަށް އެޗްޕީއޭއިން ލަފާކޮށް ލޮކްޑައުން ކުރަން ބޭނުން ނުވާ ކަމުގައި ދެންނެވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

ކައުންސިލުން ބުނީ މި ބަލި މަޑު ކަމުން އަރައިގަންނަން ކައުންސިލްގެ ފަރާތުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ބަލިން ރައްކާތެރިވުމަށް އާންމު ފަރުދުން މިހާރަށް ވުރެ ވެސް ބޮޑު ސަމާލު ކަމެއްދީ ރައްކާތެރިކަމުގެ ވިޔަފަޅުތައް އިތުރުކުރަންޖެހޭ ކަމަށް ގަބޫލުކުރާ ކަމަަށެވެ.

your imageދުވާފަރު…ފޮޓޯ/ސޯޝަލް މީޑިއާ

ކައުންސިލްގެ ފަރާތުން ވާހަކަ ދެއްކި ބޭފުޅަކު  ފާހަގަކުރެއްވީ މިހާރުވެސް ރަށުގައި ކޮންމެ ދުވަހަކުވެސް ކާފިއު ހިންގާ ކަމަށާއި އަދިވެސް ކާފިއު ނޫން ވަގުތުތަކުގައި އާންމުން ރަށުތެރޭ ހަރަކާތްތެރިވުން ތަންކޮޅެއް ގިނަ ކަމަށެވެ. ނަމަވެސް ފުލުހުންގެ ޕެޓްރޯލް ކުރަން ފެށުމާއެކު އެކަމަށް ވެސް ހައްލު ލިބިގެން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކޮވިޑް ފެތުރޭ އަދަދު ކޮންޓްރޯލް ކުރުމަށް ދަތިވާ އަނެއް ސަބަބަކީ ސާންޕަލް ނެގުމަށް ފަހު ވަކިން އައިސޮލޭޓްވާން ޖެހޭ ޖެހުން މިހާރު ބަދަލުވެފައި އޮތުމުން ކަމަށާއި އެކަމުގެ ސަބަބުން ބަލިޖެހޭ މީހުން ވެސް އަމިއްލަ ގޭގައި ކަރަންޓީނުވާން ޖެހޭތީ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"މިހެން އަސްލު މި އުސޫލަށް ބަދަލުވީމަ ސާމްޕަލް ނަގާފައި ދެން ނަތީޖާ ލިބެންދެން ވެސް ގިނަ ބޭފުޅުން އެކި ބޭފުޅުންނާއި ދިމާވުމުގެ ފުރުސަތު ބޮޑުވާނެކަމަށް ގަބޫލު ކުރެވޭ. އެހެން ވީމަ އެންމެން ވެސް އެބަ ޖެހޭ ވިސްނަން މި ބަލި އިތުރަށް ފެތުރުނަ ނުދޭން. ހުރިހާ ފިޔަވަޅުތަކަކަށް ބޯލަނބައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން، ވިސްނާ ނުލާ ފަރުވާ ކުޑަ ކުރެވިއްޖެ ނަމަ މި ބަލީގެ ނުރައްކާ ގިނަ ބަޔަކަށް އަދިވެސް ފޯރަފާނެ؛" ކައުންސިލުން ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވިއެވެ.

މިވަގުތު ވެސް އެ ރަށުގައި އަންނަނީ ފޯރީގައި ވެކްސިން ދެމުންނެވެ. އެގޮތުން ވެކްސިންގެ ފުރަތަނަ ޑޯޒް ޖެހި މީހުންގެ އަދަދު 2193 އަކަށް އަރާފައިވާއިރު ދެވަނަ ޑޯޒް 1074 މީހުން ފުރިހަމަކޮށްފި ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. ނަމަވެސް ސުވާލަކީ ދުވާފަރު ރައްޔިތުން ތިން މަސް ދުވަހު ރަށު ބަންދުގައި ތިބެންޖެހުނީ ކީއްވެގެންތޯ އެވެ. އެރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުނުކުރަނީތޯ އެވެ. ނުވަތަ މީހުންގެ ފަރުވާ ކުޑަކަން އިންތިހާއަށް ބޮޑީތޯ އެވެ. ކޮވިޑު ޖެހިގެން އެ ރަށުން ހަ މީހުން މަރުވެގެންދިޔަ އިރު ވެސް ބަލީގެ ނުރައްކާ ހިތައް ވެސް ނުގެނެވެނީ ބާއްވަ އެވެ. ކޮންމެ ސަބަބެއް އޮތް ނަމަވެސް އެނގޭހާ ވެސް ކަމަކީ ފަސްހާހެއްހާ މީހުން ދިރިއުޅޭ ދުވާފަރު އޮތީ ކޮވިޑުގެ ނުރައްކަލުގައި މުޅިރަށް ކަސްތޮޅު އެޅިފަ ކަމެވެ.

8%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
58%
ވަރަށް ސަލާމް
ކޮމެންޓްސް