ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަހްލޫފް ކުރިމަތި ލާފައިވަނީ ކ، އއ. އދ. އަދި ވ. އަތޮޅު ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ. ނަމަވެސް އިންތިހާބަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފައިވާ ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގް ސޮއިކުރައްވައި، މަހްލޫފަށް މިމަހުގެ 17 ވަނަ ދުވަހު ފޮނުވި ސިޓީގައި ބުނީ، ގައުމީ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް އޭނާގެ ޝަރުތު ހަމަނުވާ ކަމަށެވެ. އެއީ، ކަމާގުޅުން ހުރި މުއައްސަސާތަކުން ހޯދި މައުލޫމާތުގައި، މަހްލޫފުގެ މައްސަލައެއް އޭސީސީން ބަލާ ކަމަށް އަންގާފައިވާތީ ކަމަށް ވެސް ސިޓީގައި ވެއެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިދިޔަ އޭޕްރީލް 24 ގައި ހުޅުވައިލުމާ ގުޅިގެން ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ލިސްޓު މިމަހުގެ 17 ވަނަ ދުވަހު އާންމު ކޮށްފައިވާއިރު ބުރާސްފަތި ދުވަހާ ހަމަައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ. މަހްލޫފްގެ ކެނޑިޑެސީ ބާތިލުކުރުމާއިއެކު އެނިންމުން އިންސާފުވެރި ކަމަށް ގަބޫލު ނުކުރެވޭތީ އެނިންމުން އިސްތިއުނާފުކޮށްދިނުމަށް މަހްލޫފު ވަނީ އިންތިޚާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަޑިޔާރުންގެ މަޖިލީހަށްވެސް ހުށަހަޅާފައި ކަމަށް މަހުލޫފް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ޝަކުވާއަށް އެއްވެސް ޖަވާބެއް ނުލިބި އިންތިހާބަށް އެންމެ 30 ދުވަހަށް ވެފައިވާތީ ސިޔާސީ ޕާޓީ ތަކުގެ ބެލެނިވެރިފަރާތް ކަމުގައިވާ އިލެކްޝަން ކޮމިޝަނަށް ވެސް ހުށަހަޅާފައިވަނިކޮށް މަހުލޫފަށް ވަނީ އޭނާގެ ކެންޑިޑަސީ ބާތިލްކުރީ ރަނގަޅަށް ކަމަށް އެމްޑީޕީން އަންގާފައެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ކެންޑިޑޭޓުންގެ ލިސްޓު އާންމުކުރުމަށްފަހު، ހުށަހެޅޭ ޝަކުވާތައް ޝަކުވާ ކޮމިޓީން ބެލުމަށް ފަހު ކެންޑިޑޭޓަކަށް އެކަން އަންގާނެކަމަށެވެ. އަދި ކޮމިޓީގެ ނިންމުމާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާނަމަ، އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ކޮންމެ ކެންޑިޑޭޓަކަށް ވެސް އޮންނާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަހުލޫފަށް ވެސް އެހެނިހެން ކެންޑިޑޭޓުންނަށް ވެސް އަދިވެސް އެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ އެ މަރުހަލާ އެގޮތަށް ކަޑައްތުކުރުމުން އެ ކަމުގައި ގާނޫނީ ގޮތުން އޮންނަ ގޮތް ސާފުވެގެންދާނެ ކަމަށެވެ.
ހަސަން ލަތީފް މިހެން ވިދާޅުވެފައިވާއިރު، އިސްތިއުނާފު ފަޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށް މަހުލޫފް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އިލެކްޝަންސް ކޮމިޝަނަށް މަހުލޫފް މައްސަލަ ހުށަހެޅުމާ ގުޅިގެން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީން މަހުލޫފްގެ ކެންޑިޑެސީ ބާތިލް ކުރުމަށް ނިންމި ގޮތުގެ ތަފްސީލް ހޯދުމަށް އެ ކޮމިޝަނުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ އިންތިހާބާ ގުޅިގެން 24 އޭޕްރިލް ވަނަ ދުވަހު ބޭއްވި އެމްޑީޕީ ގައުމީހިންގާ ކޮމިޓީގެ ޖަލްސާއިން ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ. އެގޮތުން އިންތިހާބުގައި ވާދަކުރެއްވޭނެ ބޭފުޅުންގެ ޝަރުތުތައް ވެސް އެދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ ތެރެއިން 69 މެންބަރުންގެ ވޯޓާއެކުގައި ކަމަށާއި އިންތިހާބަށް ޕާޓީން އިއުލާނުކުރީ ވެސް އެ ނިންމުންތަކާއެއްގޮތަށް ކަމަށް ވިދާޅުވިއެވެ.
ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނަށް، އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން އޮތީ އެ ދުވަހުގެ ޖަލްސާގައި ފާސްކޮށްފައެވެ. އެޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަ ނުކުރެވޭ މީހުންގެ ތެރޭގައި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޭސީސީން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައި ދިނުމަށް އެދި އެކިއެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނާއި ކޮރަޕްޝަނާއި ހިޔާނާތާއި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބަޔާން ކޮށްފައިވާ މީހުންނާއި މީހަކު މެރުމާއި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ކޮށްފައިވާ މީހުން ހިމެނެއެވެ.
އޭސީސީން މަހްލޫފުގެ މައްސަލައިގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައި ވާއިރު، އެ މައްސަލަ ދިގުލައިގެން ގޮސް، ގޮތެއް ނިންމުން ލަސްވެގެން ދާތީ، މިހާރު ވަޒީރުކަމުން ސަސްޕެންޑް ކޮށްފައިވާ މަހްލޫފު ވަނީ މައްސަލަ އަވަހަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންގެންފައެވެ. އަދި އެމައްސަލާގައި ދައުލަތަށްވެސް މަހުލޫފްވަނީ ފާޑު ވިދާޅުވެފައެވެ.
އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އެ ޕާޓީން ނިންމި ނިންމުން ރަނގަޅުކަމަށް ނިންމާ އެކަން މަހްލޫފަށް އެންގިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޮންނާނެ ކަމަށް 2017 ވަނަ އަހަރު ވިދާޅުވި ފަދައިން، މަހުލޫފްގެ ނަން ވެސް އެމްޑީޕީގެ އެތެރޭގެ ދާއިރާ އިންތިހާބުގައި އޮންނާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މަހްލޫފްގެ އިތުރުން އިންތިހާބުން ނަން އުނިކޮށްފައިވާކަން އަންގާ ސިޓީ ފޮނުވާފައިވަނީ، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަށެވެ. އޭނާވެސް އެމައްސަލަ މުރާޖާކޮށްދޭން ކޮމެޓީގައި އެދިފައިވާއިރު، ކޮމެޓީން ނިންމީ އޭނާއަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ.