ads
އަތުލައިގެން މިޔަރު އުރަހަތަށް
ލޮނުއެޅި މަހުގެ ނަމުގައި ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ އަތުލައިގެންފި
ލޮނުއެޅި މަހުގެ ނަމުގައި ރާއްޖެއިން ބޭރުކުރަން އުޅުނު 243 ކިލޯގެ މިޔަރު އުރަހަ އަތުލައިގެންފި އެވެ.

ވައިގެ މަގުން ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އަތުލައިގެންފައި ވަނީ 14 ފޮޓެއްގައި ބަންދުކޮށްފައި ހުރި 243 ކިލޯގެ މިޔަރު އުރަހައެވެ. 

ކަސްޓަމްސްއިން ބުނީ، އެތަކެތި ބަންދުކޮށް ރާއްޖެއިން ބޭރުކުރުމަށް މަސައްކަތް ކޮށްފައިވަނީ ސާލްޓް ފިޝް(ލޮނުއެޅި މަސް) ގެ ނަމުގައި ކަމަށެވެ. ނަމަވެސް އެތަކެތި ބޭރުކުރަން އުޅުނުބަޔަކާއި ގުޅޭ މައުލޫމާތުތަކެއް ކަސްޓަމްސްއިން އަދި ސާފުކޮށްދީފައެއް ނުވެއެވެ. ކަސްޓަމްސްއިން ބުނީ އެކަމާއި ގުޅޭ ތަހުގީގުތައް މިހާރު ދަނީ ކަމާއި ގުޅޭ ފަރާތްތަކާއި ގުޅިގެން ހިންގަމުން ކަމަށެވެ. 

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި އެއާ ކާގޯ ކޮންޓެއިނަރެއް ފުރާ މިޔަރު އުރަހަ ހުރި މަންޒަރު ފެނެ އެވެ.

މީގެ ކުރިން ވެސް މިގޮތަށް މިޔަރު އުރަހަ ބޭރުކުރަން އުޅެނިކޮށް އަތުލައިގެންފައިވާއިރު، ދިވެހިރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތްކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތާއި ކަނޑުމަހުގެ މަސްވެރިކަމުގެ ސިނާއަތަށް ނުހަނު މުހިއްމު ބާވަތެއްކަމުގައިވާ މިޔަރުގެ މަސްވެރިކަން 2010 މަނާކުރެވުނީ މިޔަރުގެ އާބާދީ ހީނަރުވެ އެކަމުގެ ސަބަބުން ރާއްޖެއިން ފެންނަ މިޔަރުގެ އަދަދު މަދުވެފައިވާކަމަށް އެދުވަސްވަރު ކުރެވުނު ދިރާސާތަކުން ދެއްކުމާއި ގުޅިގެންނެވެ. އަދި މަސްވެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން މިޔަރު މަސްވެރިކަން ކުރުމުގެ އިތުރުން މިޔަރު ޕްރޮސެސްކުރުން އަދި އެކްސްޕޯޓްކުރުމަކީ މަނާ ކަންތައްތަކެއްގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ގަވާއިދާ ހިލާފަށް މިޔަރުގެ މަސްވެރިކަމުގައި، އަދި ޕްރޮސެސްކުރުމުގައި ނުވަތަ އެކްސްޕޯޓްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށް ފިޝަރީސް މިނިސްޓްރީން ވަނީ މާޗު މަހުގެ ތެރޭގައި ބުނެފައެވެ. 

އެ މިނިސްޓްރީން ބުނީ ގަވާއިދާ ހިލާފަށް މިޔަރުގެ މަސްވެރިކަން ކުރުމާއި، މިޔަރު މަހާއި އުރަހަ ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ކަޅުބާޒާރެއް ދިވެހިރާއްޖޭގައި މިހާރު ހިނގަމުންދާކަމަށް މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފަ ކަަމަށާއި، ކަޅުބާޒާރެއްގެ ތެރެއިން މިޔަރުގެ ބާވަތްތައް ގަނެ އެކްސްޕޯޓްކުރަމުންދާކަމުގެ މައުލޫމާތު ވެސް މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. އެމައްސަލައިގައި ކަމާގުޅޭ ދަޢުލަތުގެ އެކި އިދާރާތަކުގެ މެދުގައި މަޝްވަރާކުރެވި ވަގަށްކުރާ މިޔަރުގެ މަސްވެރިކަން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް މިހާރުވެސް ވާނީ އަޅާފަ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން، މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭ މަރުހަލާގައި ވަކި ބާވަތްތަކެއް އެކްސްޕޯޓްގެ ހުރިހާ ފޮށިތަކެއް ބަލައި ފާސްކުރުމާއި، އަދި މިޔަރު މަސްވެރިކަން ކުރާ ކަމަށް ބެލެވިފައިވާ ސަރަހައްދުތަކަށް އަމާޒުކޮށް މޯލްޑިވްސް ޕޮލިސް ސާވިސްގެ އަދި ކޯސްޓްގާޑްގެ ފަރާތުން އެސަރަހައްދުތަކުގެ ޕެޓްރޯލްތައް ވަރުގަދު ކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ، މިޔަރުގެ މަސްވެރިކަން ކުރާކަމުގެ ރިޕޯޓް ލިބޭ ރަށްރަށަށް އަދި ސަރަހައްދުތަކުގެ މައުލޫމާތު ކަމާގުޅޭ އިދާރާތަކާ ހިއްސާކުރުމާއި، އެފަދައިން ހިފެހެއްޓޭ އުޅަނދުފަހަރާއި ފަރާތްތަކުގެ މައްސަލަތައް ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ތަހުގީގުކުރުމަށް މިނިސްޓްރީގެ ފަރާތުން މިހާރުވާނީ އިންތިޒާމުތައް ހަމަޖައްސާފަ ކަމަށެވެ.

އެގޮތުން ކުރެވުނު މަސައްކަތްތަކުން ތެރެއިން، ވޭތުވެ ދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މިޔަރު އުރަހައިގެ ޝިޕްމަންޓެއް އެކްސްޕޯޓްކުރުމުގެ މަރުހަލާގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ގުޅިގެންވަނީ ހިފަހައްޓާފައެވެ. އަދި އެމައްސަލަ ތަހްގީގކޮށް ނިމި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ފަރާތުން އަދި މިނިސްޓްރީގެ ފަރާތުން ފިޔަވަޅު އެޅުމުގެ މަރުހަލާ ދަނީ ފުރިހަމަކުރަމުންނެވެ.

އޭގެ އިތުރުން، 22 މާރިޗު 2021 ގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި އދ. އަތޮޅުން މިޔަރު މަސްވެރިކަން ކުރާ އުޅަނދެއް ގިނަ އަދަދެއްގެ މިޔަރާއެކު ވަނީ އަތުލައިގަނެފައެވެ. އަދި އެމައްސަލަވެސް ފުލުހުން ދަނީ ތަހްގީގްކުރަމުންނެވެ. 

މިނިސްޓްރީން ބުނީ ފުލުހުންނާއި ގުޅިގެން އެމައްސަލައިގައި ޝާމިލުވާ ފަރާތްތަކާއި މެދު މަސްވެރިކަމުގެ ގާނޫނާއި އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ފިޔަވަޅު އެޅިގެންދާނެ ކަމަށެވެެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް