ތާލިބާން އޮފިޝަލަކާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި ކަބުލް އިންޓަނޭޝަނަލް އެއާޕޯޓް ބޭރުގައި ބާރުގަދަ ދެގޮވުމެއް ގޮއްވާލައިފައި ވެއެވެ. އެ ދެ ހަމަލާގައި މިހާތަނަށް 13 މީހަކު މަރުވެފައިވާ ކަމަށް ތާލިބާނުން ބުނެއެވެ.
ބުރާސްފަތި ދުވަހު ދިން މިހަމާލާގައި އެމެރިކާގެ އަސްކަރިއްޔާގެ ބައެއް އޮފިސަރުން ވެސް މަރުވެފައިވާ ކަމަށާއި އެތައް އޮފިސަރުންނެއް ޒަހަމްވެފައިވާ ކަމަށް ޕެންޓަގަންއިން ބުނެއެވެ.
މަރުވި 13 މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަމަށް ތާލިބާންގެ އޮފިޝަލު ބުނެއެވެ.
ކަބުލްގެ މައި އެމަޖެންސީ ހޮސްޕިޓަލުން ކުރި ޓްވީޓެއްގައި ބުނީ މިހާތަނަށް ޒަހަމްތަކާއެކު 60 މީހުން އެ ފެސިލިޓީއަށް ގެނެސްފައިވާ ކަމަށެވެ.
ދެ ގޮވުން ގޮވާފައިވާއިރު އެތަނުން އެއް ގޮވުން ގޮވާފައިވަނީ އެއާޕޯޓްގެ އައްބޭ ގޭޓް ކައިރީ ކަމަށާއި ދެން ގޮވި ގޮވުން ގޮވާފައިވަނީ އެއާޕޯޓް ކައިރީ ހުންނަ ބަރޮން ހޮޓެލް ކައިރީ ކަމަށް ޕެންޓަގަންގެ ސްޕޯކްސްޕާސަން ޖޯން ކާބީ އަލްޖަޒީރާއަށް ބުނެފައިވެއެވެ.
މިހާތަނަށް ބެލި ބެލުމުން ބޮޑަށް ބެލެވެނީ ހަމަލާއަކީ ޖާނުފިދާއުވެގެން ދިން ހަމަލާއެއް ކަމަށް އޭނާ ބުނެއެވެ.
ކަބުލް އެއާޕޯޓް ކައިރީ ހަމަލާތަކެއް ދީފައި މިވަނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އެއާޕޯޓް ކައިރިއަށް އެގައުމުތަކުގެ މީހުން އެއް ނުވުމަށް ގޮވާލައިފައިވަނިކޮށެވެ. ހަމަލާ ދިނުމުގެ ކުރިން އިސްލާމިކް ސްޓޭޓް (އައިއެސް) އިން އެފަދަ ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އެގައުމުތަކުން ބުނެފައިވެއެވެ.