އެ އޮޑިޝަން ބާއްވަން ނިންމާފައިވަނީ މާދަމާ ރޭ ސީޑްބައި ބީސީސީގެ އޮފީހުގައެވެ. އެ ތަނަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކާއި ފްރީލޭންސް ވޯކާރސް އިންނަށް ހާއްސަކޮށް ހުޅުވާފައިވާ ތަނެއްކަން ފާހަގަކޮށްލެވެއެވެ. އެތަނުގައި ކާސްޓިކް ކޯލް ތަކާއި ހުރިހާ އިންޑަސްޓްރީ އެއްގެ މަސައްކަތްތައް ވެސް ކުރެވޭނެއެވެ.
ޔޫއްޕެ ޕްރޮޑަކްޝަންގެ ޕްރޮޑަކްޝަން މެނޭޖަރ އަލީ އުސާމް(ދޮނާ) ސީއެންއެމް އަށް ބުނީ، ފިލްމީ ދާއިރާއަށް ވަންނަން ޝައުގުވެރިކަން ހުންނަ މީހުންނަށް ހުޅުވާލައިގެން މާދަމާ ރޭ އޮޑިޝަނެއް ކުރިޔަށް ގެންދާނެ ކަމަށާއި އުންމީދަކީ ޝައުގިވެރިކަން ހުރި ވީހާ ވެސް ގިނަ ކުދިން ބައިވެރިވުން ކަމަށެވެ. އޮޑިޝަން ކުރިއަށް ގެންދާނީ މާދަމާ ރޭ ހަތަކުން ފެށިގެން ދިހައެއް ޖަހަންދެންނެވެ.
އިތުރަށް ވާހަކަ ދައްކަމުން ދޮނާ ބުނީ ، އަންހެން އަދި ފިރިހެން ކާސްޓިން ކޯލެއް ހުޅުވާލައި މިގޮތަށް ބޮޑު އޮޑިޝަނެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އިންޑަސްޓްރީއިން އާ މޫނުތަކަށް ފުރުސަތު ދިނުން ކަމަށެވެ.
“އެކްޓުކުރަން ބޭނުންވާ އަންހެން ފިރިހެން އެކި އުމުރުގެ މީހުންނަށް މިއީ ރަނގަޅު ފުރުސަތެއް. އެބަ ތިބި މި ދާއިރާ އަށް ވަންނަން ބޭނުންވާ ބައިވަރު ކުދިންވެސް، އެކުދިންނަށް ފުރުސަތުތައް ފަހިކޮށްދެން އަޅުގަނޑުމެން ބެނުންވަނީ” ދޮނާ ބުންޏެވެ.
މާދަމާ ރޭ ބާއްވާ އޮޑިޝަން އަކީ ނަން ހާމަ ކޮށްފައިވާ ނުވާ ޔޫއްޕެގެ ކުރިއަށް އޮތް ބޮޑު ވެބް ސީރީޒްގެ އިތުރުން ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަންގެ ކުރިއަށް ހުރި ޕްރޮޖެކްތަކަށް ކާސްޓުން ހޯދުމުގެ މަގުސަދުގައި ބާއްވާ އޮޑިޝަނެކެވެ.
ދޮނާ އިތުރަށް ވާހަކަ ދައްކަމުން ބުނީ، ފިލްމުތަކަށާއި ޑްރާމާތަކަށް ވާހަކަ ލިޔަން ބޭނުންވާ ފަރާތްތަކަށާއި މޭކަޕް އާޓިސްޓުންގެ އިތުރުން ފެޝަން ޑިޒައިނަރުންނަށް ހުޅުވާލައިގެން ވެސް ކައިރި މުސްތަގުބަލެއްގައި އޮޑިޝަނެއް ބާއްވަން ވާހަކަދެކެވެމުން އަންނަ ކަމަށެވެ.
ޔޫއްޕެ ޕްރޮޑަކްޝަންގެ ޑްރާމާ ސިލްސިލާ “ހުވާކޮށްފާ ބުނަން” ގެ ފުރަތަމަ ސީޒަން މި އަހަރުގެ ތެރޭގައި ދައްކާފައިވާއިރު އެ ދެ ޕްރޮޑަކްޝަން ހައުސްގެ ކުޑައިގެ ދަށުން ހަދާފައިވާ ފިލްމު “ހެހެސް” ރިލީޒްކުރަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.