
ފިނޭންސް މިނިސްޓްރީގެ ޢާއްމުކުރައްވާފައިވާ ގްރީންގެ ފަންޑުގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫންމަހު ގްރީން ފަންޑުން މުޅި ޖުމްލަ 29 މަޝްރޫއަކަށް ޚަރަދުކޮށްފަވެއެވެ. އޭގެ ތެރޭގައި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކާއި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ބަނދަރު ހެދުމުގެ މަސައްކަތުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަސައްކަތް ހިމެނެއެވެ.
ޖޫން މަހު މުޅި ޖުމްލަ 59،900،371 ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވެއެވެ. ގްރީން ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އާންމުދަނީއެއް ދައުލަތަށް ލިބިފައިވަނީ ކ. އަތޮޅުންނެވެ. ކ. އަތޮޅުން 21،115،083 ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވެއެވެ.
ޖޫންމަހު ގްރީން ފަންޑުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ރ.ވަންދޫ ބަނދަރު ހެދުމުގެ މަޝްރޫއަށެވެ. މި މަޝްރޫއަށް 2.5 މިލިއަން ވަނީ ހަރަދުކޮށްފައެވެ. 2 ވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފ.ނިލަންދޫ ވޯޓާ ސަޕްލައި މަޝްރޫއަށެވެ. އެއީ 2.2 މިލިއަން ރުފިޔާއެވެ.
ގްރީން ފަންޑުގައި މިވަގުތު ހުރީ 1.02 ބިލިއަން ރުފިޔާ އެވެ.
ގްރީން ފަންޑު ހަދައި މި ފަންޑަށް ފައިސާ ޖަމާކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.
ގްރީން ޓެކުހަކީ ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކާއި ރިސޯޓުތަކާއި އަންނަ ޓޫރިސްޓުންގެ އަތުން، އެމީހުން އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުން ނަގާ ޓެކުހެކެވެ. ގްރީން ޓެކްސް ނަގަން ފެށީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ފައިސާ ހޯދުމަށް ކަމަށް ބުނެ އެވެ.
1 އޮކްޓޫބަރު 2016 އިން ފެށިގެން ޓޫރިސްޓް ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ވެސް، އެ ތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް ތިން އެމެރިކާ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަ އެވެ.
ދިވެހިންނާއި ރެސިޑެންޓް ޕަމިޓް އޮންނަ ބިދޭސީންގެ އަތުން މި ޓެކްސް ނުނަގާނެ އެވެ. އެހެންކަމުން މިފަދަ ފަރާތްތައް އެއްވެސް ޓޫރިސްޓް ރިޒޯޓެއް، ހޮޓަލެއް، އުޅަނދެއް ނުވަތަ ގެސްޓްހައުސްއެއްގައި ތިބިކަމުގައިވީ ނަމަވެސް ގްރީން ޓެކްސް ނެގުން މަނާވާނެ އެވެ.