ads
އަތުލައިގެން ޑްރަގް---
މަހެއްހާ ދުވަހު ހިނގާފައިވާ މަސްތުގެ މައްސަލަތައް!
ވަޅިޖެހުމާ، މީހަކު މަރާލުމާ، އޯވަޑޯޒްވުން ފަދަ ކަންކަމަކީ މިހާރު އާންމު ކަމެކެވެ. ރޭޕްކުރުމާއި، ކުޑަކުދިން މަސްތުވާތަކެތީގައި ބައިވެރި ކުރުމާއި، މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ޝަރީއަތަށް އެކި ގޮތްގޮތަށް ނުފޫޒު ފޯރުވުމަކީވެސް މިހާރު މާބޮޑުކަމަކަށް ނުވެއެވެ. ނަހަމަ މުއްސަނދިކަން ލިބި، އެ މުއްސަނދިކަމުގައި އުޅޭ މީހުން ވެސް މަދެއް ނޫނެވެ. މަސްތުވާ ތަކެތީގެ ވިޔަފާރީގައި ސަރުކާރުގެ އިސް މީހުންނާއި ރައްޔިތުންނަށް ހިދުމަތް ދޭންތިބޭ އިސް ބައެއް ފަރާތްތައް ވެސް ހިމެނޭ ކަމީ އެންމެނަށް އެނގޭ ބޮޑުސިއްރެކެވެ.

މަސްތުވާ ތަކެތީގެ ވިޔަފާރި އަކީ ދުނިޔޭގައި ވަރަށް ބާރަށް ފުޅާވަމުންދާ ވިޔަފާރިއެކެވެ. އޭގެ ބޭނުންކުރާ މީހުން އިންތިހާއަށް ދަނީ ގިނަވަމުންނެވެ. އެހެންކަމުން އެކަމަށް ހުރި ދޮރުތައް ބަންދުކުރެވޭ ގޮތެއް ނުވެއެވެ.

ބަންދުކުރެވޭ ދޮރުތައް ހުޅުވާލުމަކީ އަދިމާފަސޭހަކަމެކެވެ. ރާއްޖޭގައި މިކަން ހުއްޓުވުމަށްޓަކައި އަބަދުވެސް އެކި މުއައްސަސާތައް ހަދައިގެން އަންނަނީ މަސައްކަތް ކުރެވެމުންނެވެ. އެމަސައްކަތްތަކުގެ ނަތީޖާ ފެންނަމުން އެބަ ދޭހެއްޔެވެ؟ ނުވަތަ އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭހެއްޔެވެ؟

ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭ ސީއެންއެމް އިން ކަވަރު ކޮށްފައި ހުރި މަސްތުވާ ތަކެތީގެ މައްސަލަތަކަށް ބަލައިލާނަމެވެ. 

މީގެ މަހެއްހާ ދުވަސްކުރީން ފުލުހުން އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 176.55 ކިލޯގްރާމްގެ މަސްތުވާތަކެތި ނައްތާލައިފައި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ބުނެފައެވެ. އަދިހަމަ މީގެ މަހެއްހަ ދުވަސްކުރިން ވިލިމާލެ ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކުރިއެވެ. 

ވިލިމާލެއިން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި އޮޕަރޭޝަނަކީ ވިލިމާލޭގައި މީހަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި، އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިކުރުމުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 12 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫސިޓީ އާއި ނ. ކެނދިކުޅުދޫ އިން މަސްތުވާތަކެއްޗާއިއެކު ތިން މީހަކު ހައްޔަރުކުރީ 21 ޖުލައި ގައެވެ. ފުލުހުން ހައްޔަރުކުރީ އުމުރުން 51 އަހަރުގެ މީހަކާއި، އުމުރުން 44އަހަރުގެ މީހަކާއި އަދި އުމުރުން 35 އަހަރުގެ މީހެކެވެ. 

ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކެއްގެ ބެލުމުގެ ދަށުގައި "ގެރެންޓަ" އެއްގެ ގޮތުގައި ޕާކިސްތާނަށް ދިޔަ ހދ. ނޮޅިވަރަންފަރު، މޯނިންސަން، މިސްބާހް މުހައްމަދު ހައްޔަރުކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ފުލުހުން ބުނެފައިވަނީ ޕާކިސްތާނަށް އޭނާ ގޮސްފައިވަނީ ގެރެންޓައެއްގެ ގޮތުގައި ކަމަށް ބެލެވޭ ކަމަށެވެ. 

އައްސޭރި ޖަލުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ ޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި ހޯދައި ފުލުހުންނާއި ހަވާލުކޮށްފައި ވާނެކަމަށް ޖަލުތަކާބެހޭ އިދާރާއިން ބުނީ ޖުލައި މަހުގެ 28ވަނަ ދުވަހުއެވެ. 

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ކުރީ ރޭ ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ. އަދި ޖަލަށް ވެއްދުމަށް ޖަލުގައި ޕޮޓުކޮށްފައިވާ މަސްތުވާތަކެތި ހޯދީ ޖަލުގެ އޮފިސަރުން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އައްސޭރި ޖަލަށް މަސްތުވާތަކެއްޗާއި ފޯނުފަދަ ތަކެތި ވައްދަނީ ވަށާފާރު މަތިން ޖަލުގެ ތެރެއަށް އެއްޗެހި އުކައިގެންނެވެ. އެހެންވެ ޖުލައި މަހު 29 ގައި ޖަލުގެ ވަށައިގެންވާ ފާރު އުސްކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށް ޖަލުތަކާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ. 

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ބަލަހައްޓާ ހަތަރު ޖަލުގައި ބަންދުކުރެވިފައިވާ ގައިދީންގެ ތެރެއިން 70 އިންސައްތަ ގައިދީންނަކީ މަސްތުވާތަކެއްޗާ ކޮންމެވެސް ސިފައެއްގައި، ޝާމިލްވާ ގައިދީންކަމަށް ކޮމިޝަނަ އޮފް ޕްރިސަންސް އަހުމަދު މުހައްމަދު ވިދާޅުވީ 31 ޖުލައިގައެވެ. 

ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ނެޝަނަލް ލެވެލްގައި މަޝްވަރާތައް ކުރެވި، ގިނަ ކަންކަން ކުރެވެމުންދިޔަ ނަމަވެސް އެކަށީގެންވާ ހައްލުތަކެއް އަދި ނުފެންނަކަމަށާއި އޭގެ ސަބަބަކީ މުޖްތަމައުތެރޭގައި އަދި ޖަލުތަކުގެ ތެރޭގައިވެސް މިކަން ފެތުރިފައިވާލެއް ބޮޑުކަމުންނާއި އޭގެން ކުރާ ނޭދެވޭ އަސަރު ބޮޑުކަމުންކަމަށް  އޭނާ ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރީ މިމަހުގެ ދެވަނަ ދުވަހުއެވެ. 

އައްސޭރި ޖަލާއި މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަންތަކެއްގައި ވަޅި އާއި، ދަނގަނޑުބުރި ހިމެނޭގޮތައް ގިނަ އަދަދެއްގެ މަނާ ތަކެތި އަތުލައިގަތީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. އެ އޮޕަރޭޝަންތަކުގައި އެދުވަހު އަތުލައިގެންފައިވާ މަނާ ތަކެތީގެ ތެރޭގައި، ވަޅިއާއި، ދަގަނޑުބުރިތަކެއްގެ އިތުރުން، ޕެންޑްރައިވް ހިމެނެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ފޯނާއި، ހެޑްސެޓް އަދި ކޭބަލް ފަދަ ތަކެތިވެސް ވަނީ އަތުލައިގަންފައެވެ. އަތުލައިގަނެފައިވާ ފޯނުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ސްމާޓް ފޯނުވެސް ހިމެނެއެވެ. 

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އައްޑޫ ސިޓީން މީހަކު ހައްޔަރު ކުރީ މިމަހުގެ ނުވަވަނަ ދުވަހުއެވެ. އުމުރުން 20 އަހަރުގެ މީހެކެވެ. މަސްތުގެ ހާލުގައި ހުރެ، އިންޑިއާ މީހަކު ދިވެހި ޓެކްސީ ޑްރައިވަރެއް މަރާލަން އުޅުނީ މިމަހުގެ ދިހަ ވަނަ ދުވަހުއެވެ.

މަސްތުވާ ތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު ލީކު ކޮށްލާފައިވާ ކަމުގެ ތުހުމަތުގައި ގއ. ދާންދޫ ކައުންސިލް ރައީސްގެ ފޯނު، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފެހެއްޓީ މިމަހުގެ 11 ވަނަދުވަހުއެވެ. އޭނާގެ އިތުރުން އިތުރު ތިން މީހެއްގެ ފޯނުވެސް އެ އޮޕަރޭޝަންގައި ފުލުހުން ހިފެހެއްޓިއެވެ.

މަގުމަތީއަގު 15 މިލިޔަން ރުފިޔާ އަށް އަރާވަރުގެ މަސްތުވާތަކެއްޗާއެކު ރާއްޖެ އެތެރެވާން އުޅުނު އަންހެނަކު މޯލްޑިވްސް ކަސްޓަމްސްއިން ހިފެހެއްޓީ މިމަހުގެ 14 ވަނަދުވަހުއެވެ. ކަސްޓަމްސް އިން ބުނީ އެއީ ބްރެޒިލުން ދަތުރުކުރި މީހެއް ކަމަށެވެ. 

މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އެއީ ތަފާތު ކުށްތައް މިސްކިތަތަކުގައި ކުރުން އާންމު ވަމުން އަންނާތީ އެކަން ހުއްޓުވުމުގެ ގޮތުންނެވެ. 

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޅ. ނައިފަރުން ފަސް މީހަކު ހައްޔަރު ކުރީ މިމަހުގެ 14 ވަނަދުވަހުއެވެ. އެ އޮޕަރޭޝަނުގައި 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މިމަހުގެ 14 ވަނަދުވަހު ރ. އަތޮޅުގެ ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކުރިއެވެ.

ރަހީނު ކުރުމަށް ފަހު މަރާލާ، ފޮއްޓަކަށްލާ އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މައްސަލާގައި ހައްޔަރުކުރި ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންގެ މައްޗަށް ހަތް ބާވަތެއްގެ 13 ދައުވާއެއް އުފުލާފައިވާ ކަމަށް ޕްރޮސިކިއުޓަ ޖެނަރަލް އޮފީހުން ބުނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. 

އޭނާއަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ކުޑަކުއްޖަކަށް މަސްތުވާ އެއްޗެއް ދީގެން އެކުއްޖާއާއިއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ހިމެނެއެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ހުރިހާ ދައުވާއެއް ސާބިތު ވެއްޖެނަމަ 100 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. 

މިއީ އެންމެ މަހެއްހާ ދުވަހުގެތެރޭ އާންމު ވެފައިވާ މަސްތުވާތަކެތީގެ މައްސަލަތަކެވެ.

ފުލުހުން އާންމު ނުކުރާ މައްސަލަތައް ވެސް ހުންނާނެއެވެ. އެހެންކަމުން މިމައްސަލަ ބޮއްސުން ލާފައި އޮތް މިންވަރު އެނގެއެވެ. މިކަންކަމުގައި ކައުންސިލަރުންނާއި، ލަވަކިޔާ މީހުންނާއި އެނޫން ވެސް އެކި މީހުންގެ ހިއްސާ އޮވެއެވެ. ޖަލުތަކަށް ބޭނުން އެއްޗެއް އެވަންނަނީ ހުޅުވާލެވިފައިވާ ދޮރުތަކުންނެވެ. އެތާނގައި ހުރި ފާރެއްގެ މަތިން ކަމަށް ބެލެވޭ ހެއްޔެވެ؟ ދައުލަތުގައި ފައިސާ ހުރުމުން ފާރު އުސް ކުރެވިދާނެއެވެ. އެކަމަކު އެއީ މައްސަލައިގެ ހަގީގީ ހައްލު ހެއްޔެވެ؟ 

މަސްތުވާތަކެތީގެ މައްސަލައިގައި ގޮންޖެހުންތައް ހުރިކަން އެނގެއެވެ. އެކަމަކު އެމައްސަލަ މިހާރު މިއޮތް ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ނުގެނެވޭނެ ހެއްޔެވެ؟ ދުވަހެއް ދުވަހަކަށް ހަމަ ފެންނަންވީ މަސްތުވުން ގިނަވުން ހެއްޔެވެ؟ މަރަކަށް ފަހު މަރެއް ހެއްޔެވެ؟ ބަންދު ކުރެވޭނެ ދޮރެއް ނެތްހެއްޔެވެ؟  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް