ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ މަށްސަލަތަކާއި އެކު އެރަށްތަކުގެ ރައްޔިތުން އަންނަނީ ވަރަށް ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލަމުންނެވެ. ހާއްސަކޮށް ތިމާވެށީގެ މައްސަލަތަކެވެ. ރަށްރަށުގެ މައްސަލަތަކަށް ހައްލު ގެނައުމުގެ ގޮތުން ސަރުކާރުން ހިންގާ އިނޑަސްޓްރިއަލް ހަރަކާތްތަކާއި ގުޅިގެން އުފެދޭ މައްސަލަތަކެއްވެސް މަދެއް ނޫނެވެ. އަދި މިފަދައިން އުފެދޭ މައްސަލަތަކަށް ހައްލު ގެނައުމުގައި ވަރަށް ބޮޑެތި ގޮން ޖެހުންތަކެއްވެސް ކުރިމަތިވެއެވެ.
އދ އޮމަދޫގައި 1999 ގައި ބަނދަރު ހެދުނުހިސާބުން، އުފެދެމުން އައީރަށްގިރުމުގެ މައްސަލައެވެ. ދުވަހެއް ދުވަހަކަށް ރަށުގެ ފަސްގަނޑުން އައީ މަދުވަމުންނެވެ. މިއަދާ ހަމައަށް އައިއިރު ވަނީ ރަށުގެ ދެބައިކުޅަ އެއްބައި ގިރާފައެވެ.
މިކަމާ ގުޅޭގޮތުން އެރަށުގެ ކަުންސިލް ރަޢީސް އިބްރާހިމް އާދިލް ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިކަން މިހެން ވާން ފެށުމާއެކު އެރަށުގެ ރައްޔިތުން އަންނަނީ އަމިއްލައަށް މިކަން ހުއްޓުވުމަށް މަސަތްކަތް ކުރަމުން ކަމަށެވެ.
"ނަމަވެސް މިހާރު ރަށުގެ ދެބައިކުޅަ އެއްބައި މިވަނީ ގިރާލާފައި. މީގެ އިތުރުން ދެން މި އަންނަ މޫސުމުގައި ގިރަން ފަށަައިފިނަމަ މިރަށުގެ ހުޅަނގު އުތުރު ފަރާތުން ފުރަތަމައަށް ޖެހޭ ގޭގެ އިންފާރު ވެއްޓޭނެ" އާދިލް ވިދާޅުވިއެވެ.
އެރަށުގެ ސިއްހީ މަރުކަޒު ވެސް ހުންނަނީ އެދިމާލުގައި ކަމުން އެހިސާބަށްވެސް ގިރާފާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތި ކަމާ ހުރެ އައު ސިއްހީ މަރުކަޒެއް އަޅާނެ ތަނެއްވެސް ނެތް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި މިކަމާ ހުރެ އެރަށުގައި ދެން އިތުރު ހަރާކާތެއް ވެސް ހިންގޭނެ ގޮތް ނުވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިހާރު ވަނީ އެރަށުގެ ހުޅަނގު އުތުރުގެ ތިން މަގެށް އެކީގައި ގިރާލާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދިމީގެ އިތުރުން މިހާރު ބަނދަރުގެ ބޭރުތޮށިވެސް އެކުގައި ވީރާނާ ވެގެން ވަނީ ގޮސްފައެވެ. އަދި އެއްގަމު ތޮށީގެ ދަށުން ވެލިގަނޑު ދެމިގެން ގޮސް ތޮށިގަނޑު މިހާރުވަނީ ފޫޓެއްހާތަން އަރިވެފައެވެ. އޭނާ ވިދާޅުވީ 2004 ގެ ސުނާމީއާއެކު ބަނދަރުގެ 95 އިންސައްތަ ވަނީ ހަލާކުވެފައި ވާކަމަށް ބުނެވިދާނެ ކަމަށެވެ.
މިކަންކަމާ ގުޅިގެން ކޮންމެ އަހަރަކުވެސް ރަށުކައުންސިލާއި އެންވަޔަރަންމެންޓް މިނިސްޓްރީއާއެކު އަންނަނީ ދެތިން ބައްދަލުވުން ބާއްވަމުންނެވެ. އެކަމަކު އެއްވެސް ކުރިއެރުމެއް ލިބިފައެއްނުވެއެވެ. އަނެއްކާ މިދިޔައަހަރު އެންވަޔަރަންމެންޓް މިނިސްޓްރީން ވަނީ ސާވޭ އެއްކޮށްފައެވެ. ދެޕްރޮޖެކްޓަކަށެވެ. ބަނދަރު ހެދުމުގެ ޕްރޮޖެކްޓާއި، ބިންގަނޑު ގިރާ މައްސަލަޢާ ގުޅިގެންނެވެ.
އާދިލް ވިދާޅުވީ އެންވާރަމެންޓް މިނިސްޓްރީން އެދެ ޕްރޮޖެކްޓް ހިންގުމަށް ޕްލޭނިން މިނިސްޓްރީއަށް ފޮނިުވާފައިވާ ކަމަށެވެ. ދެޕްރޮޖެކްޓު ހިންގުމަށް ހަމަޖެހިފައި ވަނީ އެކުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޮމަދޫ ކައުންސިލުން ބުނީ މިކާމާ ގުޅޭގޮތުން ޕްލޭނިން މިނިސްޓރީގެ ފަރާތުން މި ދެ ޕްރޮޖެކްޓާ ގުޅޭ އެއްވެސް ބޭފުޅަކާ ވާހަކަދެކެވިފައި ނުވާ ކަމަށެވެ. އަދި މައުލޫމާތެއްވެސް ލިބިފައި ނުވާކަމަށެވެ. އަދި ޕްލޭނިން މިނިސްޓަރު މުހަންމަދު އަސްލަމް އާއި ބައްދަލު ކުރެއްވުމަށް އެޕޮއިންޓްމެންޓަށް ވާނީ އެދިފައި ކަމަށާ ނަމަވެސް އަދި އެއްވެސް ކަހަލަ އިޝާރާތެއް މިނިސްޓަރުގެ ފަރާތުން ވެސް ލިބިފައި ނުވާ ކަމަށެވެ.
އޮމަދޫ ގިރައިގެން ދިއުމުގެ ސަބަބުން ރަށުގައި އިތުރު އިމާރާތް ކުރުމަށް ވެސް ވަނީ ހުރަސްއެޅިފައެވެ. އަދި ގިރަމުންދިއުމާއި ، ބިން ކުޑަ ވުމުގެ ސަބަބުން މިހާރު ރަށަށް ވަނީ އިތުރު ގޮތެއް ހޯދަން ޖެހިފައެވެ.