“ގިރިދާ” އަކީ ތާކުން ތާކުން ނުޖެހޭ ވާހަކަ އެވެ.
އެ ސީރީޒްގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލީ އައިސްޓީވީން ގެނެސްދިން “ވަރަށް ވާހަކ”ޕްރޮގްރާމްގެ ތެރެއިންނެވެ. މިހާރު އެ ޓްރެއިލާ ޔޫއްޕެ ޕްރޮޑަކްޝަންގެ ފޭސްބުކް ޕޭޖުން ވެސް ބަލައިލެވޭނެއެވެ.
ކުޅަދާނަ އެކްޓަރ/ޑައިރެކްޓަރ ޔޫސުފް ޝަފީއު(ޔޫއްޕެ) އޭނާގެ އަމިއްލަ ސްކްރީންޕްލޭ އަކަށް ހަދާފައިވާ އެ ސީރީޒްގެ ޓްރެއިލާ ފެށިގެން އަންނަނީ ފިލްމީ މަސައްކަތްތަކެއް ކުރަން އުޅޭ ބައެއްގެ ވާހަކަ ދައްކަމުންނެވެ. އެހެން ނަމަވެސް އެމީހުން އެންމެ ވެގެން އެ ކުރަން އުޅޭ މަސައްކަތް ތާކުން ތާކުން ޖެހޭނެ ހެނެއް ސީރީޒްގެ ނަމަށް ބަލައިލުމުން ހިއެއްނުވެއެވެ.
ސީރީޒްގެ ލީޑު ރޯލުންވެސް ފެންނާނެ އަދި ޔޫއްޕެ ޕްރޮޑަކްޝަންގެ ޕްރޮޑަކްޝަން މެނޭޖަރު އަލީ އުސާ(ދޮނާ) ބުނީ، ސީރީޒް ބަލާފައި ނުހީ ނީންދެވޭނެ ވަރުގެ މަޖާ މަންޒަރުތައް ހުންނާނެ ކަމަށެވެ.
ދޮނާ އާއެކު ދެން “ގިރިދާ” ގެ ލީޑުން ފެންނާނީ އަލީ އާޒިމް(ދޮން އައްޔަ)،އަހުމަދު ޒިޔާ އަދި އިބްރާހީމް ޖިހާދު(ޖިމީ) އެވެ.
ފިލްމީ ދާއިރާގެ ސީނިއަރ ތަރިންގެ އިތުރުން އާ ތަރިންވެސް ފެންނާނެ ސީރީޒާ ބެހޭގޮތުން ދޮނާ އިތުރަށް ބުނީ ކޮންމެ އެޕިސޯޑެއްގައި ވެސް އެ ހަތަރު މީހުންނާއެކު އާ ބަތަލާއެއް ފެންނާނެ ކަމަށެވެ.
އެ ސީރީޒްގެ ކެމެރާ ކުރަނީ ޝިވާޒް(މާސްކޭ)އެވެ. އެޑިޓްކުރަނީ ޔޫއްޕެ އާއި ޝަފީގް އެވެ.
މާލޭގައި ޝޫޓްކުރާ “ގިރިދާ” ދައްކާނީ މީޑިއާނެޓުގެ މަލްޓި ސްކްރީން އެޕުންނެވެ.