ads
އަލީ ޒާހިރު އިދިކޮޅު މެމްބަރުންނާއި ބައްދަލު ކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ލީކްވި އޯޑިއޯގެ މައްސަލަ ބަލަން ރައީސް އޮފީހުން ފުލުހުންނަށް އަންގައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވި ބައެއްގެ ނުފޫޒުގައި ކަމަށް ދޭހަވާ ގޮތަކަށް ބެންޗުގައި ހިމެނޭ ތިން ފަޑިޔާރަކު ވާހަކަ ދައްކަވާ އޯޑިއޯތަކެއް ކަމަށް ބުނާ އޯޑިއޯތަކުގެ މައްސަލަ ބަލަން ފުލުހުންނަށް އަންގަވާފައިވާ ކަމަށް ރައީސް އޮފީހުގެ ޗީފް އޮގް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

މިއަދު ޕީޕީއެމް-ޕީއެންސީ މެމްބަރުން ރައީސް އޮފީސް ކައިރީ އިހުތިޖާޖު ކުރުމަށް ފަހު ރައީސް އޮފީހަށް ވަދެވަޑައިގެންފައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާ ބައްދަލުކުރެއްވުމަށް އެދުމުން، އެ މެމްބަރުންނާއި ބައްދަލު ކުރެއްވީ އަލީ ޒާހިރު އެވެ. 

ރައީސް އޮފީހުން ބުނީ ކުރީގެ ރައީސް ޔާމީންގެ ޝަރީއަތާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށް ޕީޕީއެމްއާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖުލީހުގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ޓީމާއި އަލީ ޒާހިރު ބައްދަލުކުރައްވައި އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑު އައްސަވާފައިވާ ކަމަށެވެ.  

އެ ބައްދަލުވުމުގައި އިދިކޮޅު މެމްބަރުންގެ ފަރާތުން ހުރި މައިގަނޑު ކަންބޮޑުވުންތައް ހުށަހަޅުއްވާފައި ވަނީ ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖުލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް އެވެ.

 އެގޮތުން މިހާރު މީޑިއާގައި ފެތުރެމުންދާ އޯޑިއޯތަކަށް އިޝާރާތްކުރައްވައި އެއީ ރައީސް ޔާމީނުގެ ޝަރީއަތް ހިންގެވި ތިން ފަނޑިޔާރެއްގެ އޯޑިޔޯކަމަށާއި ރައީސުލްޖުމްހޫރިއްޔާއާ ސަރުކާރުން އަދި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޝަރީއަތަށް ނުފޫޒުފޯރުވާކަމަށް އިދިކޮޅު މެމްބަރުން ތުހުމަތު ކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ. 

މި ތުހުމަތުތަކަށް ރައްދުދެއްވައި އަލީ ޒާހިރު ވިދާޅުވީ ފެތުރޭ އޯޑިޔޯތަކާ އަދި ކުރެއްވި ތުހުމަތުތަކަށް ސަރުކާރުން ރައްދު ދެއްވައި ވާހަކަދައްވާފައި ނުވަނީ އެއީ އެއްވެސް އަސްލެއްނެތް ވާހަކަތަކަކަށް ވާތީކަމަށެވެ. އަދި ފެތުރެމުންދާ އޯޑިޔޯތަކުގެ މައްސަލަ ބައްލަވައިދެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިވަޑައިގަންނަވާފައި ވާނެކަމަށާއި އެ މައްސަލަ ބެލުމަށް ފުލުހުންގެ ކިބައިން ވެސް އެދިވަޑައިގަންނަވާފައި ވާކަމަށެވެ. 

ސަރުކާރުންނާއި، ރައީސުލްޖުމްހޫރިއްޔާއާއި ޗީފް އޮފް ސްޓާފް، ފަނޑިޔާރުންނަށް އަދި ވަކިން ހާއްސަކޮށް ރައީސް ޔާމީނުގެ ޝަރީއަތަށް ނުފޫޒުފޯރުވާކަމަށް ކުރެއްވި ތުހުމަތުތައް އަލީ ޒާހިރު ދޮގުކުރެއްވިއެވެ. 

މީގެ އިތުރުން އަލީ ޒާހިރުގެ އޯޑިޔޯ ހުރިކަމަށް ޝިޔާމް ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވައި އަލީ ޒާހިރު ވަނީ ޝަރީއަތް ވަކިގޮތަކަށް ގެންދިއުމަށް ނުވަތަ ފަނޑިޔާރަކަށް ނުފޫޒުފޯރުވުމަށް ނަމަވެސް އެއްވެސް މުއާމަލާތެއް ހިންގަވާފައި ނުވާނެކަމުގެ ޔަގީންކަން ދެއްވައި އެ ވިދާޅުވި ފަދަ އޯޑިޔޯއެއް އޮތްނަމަ މީޑިޔާއަށް ހާމަކޮށްދެއްވުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.

ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒުފޯރުވާކަމަށް ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވައި އަލީ ޒާހިރު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބައެއް ހުކުމްތައް ލިޔާކަމުގެ އަޑުތައް ފެތުރިގެން ގޮސްފައި ވާކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ މިނިވަން މުވައްސަސާތަކާއި ޖުޑިޝަރީ މިނިވަންކަމާއެކު ކުރިޔަށްގެންދިއުމަށް ފުރުސަތުދީފައި އޮންނަ ސަރުކާރެއް ކަމަށެވެ.

މި ސަރުކާރުން ފުރަތަމަ ވެރިކަމާ ހަވާލުވި ދުވަހެކޭ އެއްގޮތަށް މިހާރުވެސް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ޖޭއެސްސީ އިސްލާހުކޮށް މުޅި ޖުޑިޝަރީއަކީ ރައްޔިތުންގެ އިތުބާރު ލިބިފައި އޮންނަ ތަނަކަށް ހެއްދެވުންކަމުގައި އަލީ ޒާހިރު ވިދާޅުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް