ads
ގާޒީ ހަސަން ފާއިޒު
ނުފޫޒުފޯރުވި ވާހަކަ ދޮޅު އަހަރު ވަންދެން ސިއްރުކުރީ ޑީލެއް ހޯދަންތަ!
އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނަތްތެރިވިކަމުގެ ކުށް ސާބިތުވެގެން ރައީސް އަބުދުﷲ ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ 28 ނޮވެމްބަރު 2019 ދުވަހު އެވެ. ޖިނާއީ ކޯޓުގެ ފަސް ފަނޑިޔާރުންކަމަށްވާ އަލީ ރަޝީދާއި މުހައްމަދު ޝަކީލާއި މުހައްމަދު ސަމީރު އާއި އަލީ އާދަމާއި ހުސައިން ފާއިޒު ރަޝާދު ހިމެނޭ ބެންޗަކުން ހުކުމް އިއްވިތާ އެއް އަހަރަށްވުރެ ގިނަ ދުވަސް ފަހުން ގާޒީ ފާއިޒު މިވަނީ ރައީސް ޔާމީނަށް އިއްވި ހުކުމަކީ ރަހީނުކޮށްގެން އިއްވި ހުކުމެއްކަމަށް ވިދާޅުވެފަ އެވެ.
Advertisement

ފާއިޒުގެ އެވާހަކައަކީ ކުޑަ ވާހަކައެއް ނޫނެވެ. އެއީ ވަރަށް ބޮޑު ވާހަކައެކެވެ. އެ ދައްކަވަނީ މުޅީ ޝަރުއީ ނިޒާމުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު ކުރެވޭ ވާހަކައަކަށްވުރެ ބޮޑަށް ހުކުމް އިއްވި ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެއްދޭނޭ ވަހަކަތަކެކެވެ.

ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމް އިއްވި ފަހުން ހަމަ ޖެހިގެން ނުދިދޭކަމަށް ގާޒީ ފާއިޒު ވިދާޅުވާ އޯޑިއޯ ލީކްވެ ރަށުތެރޭގައި ހެސްކިޔާފައި އެ އޯޑިއޯ ދައުރުވާއިރު އުފެދޭ ސުވާލަކީ ހުކުމް ކުރިތާ އެއް އަހަރާއި ނުވަ މަސް ފުރުނު ދުވަހާ ދިމާކޮށް ފާއިޒުގެ އޯޑިއޯ ލީކްވުމުން މިއީ ސުވާލުތައް ފުނިފުންޏަށް އޮއްސާލަންޖެހޭ ސަބަބެއްކަމަށް ފެނެ އެވެ. ސަބަބުތައް ގިނަ ނަމަވެސް ކޮންމެ މީހަކު ވެސް އެ މީހަކު ކަމެއް އެކުރާނީ އޭނާ ބޭނުންވާ ވަގުތެއްގަ އެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވަނީ ބެންޗުގައި ތިއްބެވި ގާޒީން "ރަހީނުކޮށްގެން" ކަމަށް އެމައްސަލަ ބެއްލެވި ފަސް ގާޒީންގެ ބެންޗްގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވާ އޯޑިއޯ އާއެކު ވަރަށް ގިނަ ސުވާލުތަކާއި ޝައްކުތައް އުފެދުނެވެ. ސަބަބަކަށްވީ އެ އޯޑިއޯގައި ފާއިޒު ދައްކާފައިވާ ވާހަކަތަކުގެ ސީރިޔަސްކަމުންނެވެ.

ގާޒީ ފާއިޒް އޭނާގެ ރަހުމަތްތެރިއަކާއި ދެއްކެވި ކަމަށް ބެލެވޭ ވާހަކަތަކެއްގެ އޯޑިއޯއެއް ލީކުވެފައިވާއިރު، ރައީސް ޔާމީންއަށް އިވުނު ހުކުމަކީ ގާޒީ ތަކެއް ރަހީނުކޮށްގެން ބޭއިންސާފުން އިއްވާފައިވާ ހުކުމްތަކެއް ކަމަށް އެއޯޑިއޯގައި އޭނާ އެއްބަސްވެ ވާހަކަ ަދައްކާ އަޑުއިވެއެވެ.

އެފަދަ ހުކުމެއް އިއްވުމަށް ގާޒީއަކަށް މަޖުބާރު ވާނެ ގޮތެއްގެ ގޮތުގައި ރަހުމަތްތެރިޔާ ބުނާ އަޑުއިވެނީ އެއްގޮތަކީ "ވިކިފައި ހުރުން" ކަމަށެވެ. ނުވަތަ "ވަޒީފާގެ ބިރުވެރިކަން" ކަމަށެވެ. އެކަމަށް ގާޒީ ފާއިޒު ވިދާޅުވެފައިވަނީ އޭގައި ތިން ވަނަ ގޮތެއް ވެސް އޮންނަ ކަމަށެވެ. އެއީ "ގާޒީން ރަހީނުކުރުން" ކަމަށް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ "ރަހީނު ކުރެވޭނެ ބައިވަރު ގޮތްތައް" ހުންނަ ކަމަށެވެ.

އެގޮތުން ރަހީނުކުރުމުގެ އަމަލެއް ހިންގުމަށް އޭނާ ގެ ގައިގައި އަތް ނުލިކަމުގައި ވީނަމަވެސް އެހެން މީހަކުވެސް ރަހީނުކޮށްގެން އެފަދަ އަމަލެއް ހިންގިދާނެ ކަމަށް ގާޒީ ފާއިޒު ވިދާޅުވިއެވެ.

"މިސާލަށް މަގޭ ގައިގާ އަތް ނުލިޔަސް އެހެން މީހުންވެސް ތިބެއޭ" ގާޒީ ފާއިޒް ވިދާޅުވެފައި ވެއެވެ.

އެ "އެހެން މީހުންނަކީ" އަންހެނުންތޯ ރަހުމަތްތެރިއާ ސުވާލުކުރުމުން، "އަންހެނުންވެސް" ބުނާ އަޑު އިވުމާ އެކު އެ ހުރިހާ އެއްޗެއް ކިޔާ ނުދެވޭނެ ކަމަށް ގާޒީ ވިދާޅުވާ އަޑުވެސް އިވެއެވެ.

އޯޑިއޯގައި ގާޒީ ފާއިޒް ވިދާޅުވީ، ސިޔާސީ މީހުންނަށް ހުކުމް ކުރުމަކީ ވަރަށް ފާޑެއްގެ ކަމެއް ކަމަށެވެ. އެ ހުކުމަކީ ރަނގަޅަށް ކުރި ހުކުމެއް ނަމަ ރަނގަޅަށް ނިދާލެވެން ޖެހޭނެ ކަމަށާއި، އެ ހުކުމް އިއްވީ ނުބައިކޮށް ކަމަށް ވާނަމަ "ނުވެސް ނިދޭނެ" ކަމަށް ވެސް ފާއިޒް ވިދާޅުވިއެވެ.

"ސިޔާސީ މީސް މީހުންގެ މައްސަލަ ބެލުމަކީ ވަރަށް ފާޑެއްގެ ކަމެއް. އޭގެ ފަހުން އެމީހަކަށް ނުވެސް ނިދޭނެ. ގޯސްކޮށް ނިންމާފިނަމަ. މަ ނުނިދަމޭ އޭގެ ފަހުން" ގާޒީ ފާއިޒު ވިދާޅުވިއެވެ.

ރައީސް ޔާމީން މައްސަލާގައި ހުކުމްކުރިއިރު އޭނާގެ އަމިއްލަ ރައްކާތެރިކަމަށްއަށްވެސް ވިސްނަން ޖެހުނު ކަމަށް ބުނާ އަޑުވެސް އެއޯޑިއޯއިން އިވެއެވެ. ހުކުމެއް ކުރުމަށްފަހު ވެރިކަން ކުރާ މީހުން ދަނީ ޖަލަށް ކަމަށް އަހަރެމެންނަށް ހީވިނަމަވެސް އެމީހުން ޖަލަށް ނުދާނެކަން ފާހަގަކުރައްވާ ފާއިޒު ވިދާޅުވީ އެހެންނަމަވެސް އެކަން އެނޫން ގޮތަކަށް ކުރެއްވިނަމަ "އަހަރެމެން" ދާނީ ޖަލަށް ކަމަށް އޭނާ ވިދާޅުވެ އެވެ.

ޔާމީނަށް ހުކުމް ކުރީ ނުހައްގުން ނަމަވެސް އެކަން ކުރީ ރަނގަޅަކަށް ކަމަށް ވެސް ގާޒީ ފާއިޒް ވިދާޅުވިއެވެ. ވެރިކަން ކުރާ ފަރާތްތަކުން ލަނީ ޖަލަށް ނޫންކަން ފާހަގަކުރައްވަމުން ގާޒީ ފާއިޒު ވިދާޅުވީ، އެކަން ކުރާ ބައެއްގެ ގަސްތަކީ "ރައީސް ޔާމީން ސިޔާސީ ރޭހުން ބޭރުކޮށްލުން" ކަމަށެވެ. އެއީ އަނިޔާއެއް ކަމަށް އަހަރެމެންނަށް ހީވިނަމަވެސް އެއީ ރައީސް ޔާމީންނަށް ލިބޭ ކާމިޔާބީއެއްގެ ގޮތުގައިވެސް ގާޒީ ވަނީ ސިފަކުރައްވާފައެވެ. އަދި ރައީސް ޔާމީނަށްވެސް ހުރިހާ ކަމެއް އެނގޭނެ ކަމަށް ގާޒީ ފާއިޒް ވިދާޅުވިއެވެ.

ގާޒީ ފާއިޒް ވިދާޅުވީ އޭނާ ދައްކަވަނީ ރަނގަޅު ވާހަކަތަކެއްކަން 2023 ވަނަ އަހަރު އެނގޭނެ ކަމަށެވެ.

ގާޒީ ފާއިޒު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލާގައި އޭނާ ކުރިކަމެއް ކުރީ ރައީސް ޔާމީންގެ މަސްލަހަތުގައި ކަމަށެވެ. އަދި އެއަށްވުރެ ބޮޑަށް ބުނެދެވެންނެތް ކަމަށް ގާޒީ ވިދާޅުވެއެވެ.

ގާޒީ ފާއިޒް އިތުރަށް ވިދާޅުވީ އޭނާ ވާހަކަ ދެއްކެވީ "އެކިތަންތަނުން އެކިތަންތަންކޮޅު" ކަމަށާއި އެހުރިހާ ވާހަކައެއް ގުޅުވާލުމުން އިތުރު ކަންކަން އެނގިގެންދާނެ ކަމަށެވެ.

އެއީ ގާޒީ ފާއިޒު ދެއްކެވި ވާހަކަތަކެވެ. އެ ވާހަކަތަކުގެ  ސީރިޔަސްކަން ބޮޑު އިރު ގާޒީ ފާއިޒުގެ އެވާހަކަތައް 19 މަސް ދުވަސް ވަންދެން ސިއްރުކޮށްގެނ ގެންގުޅުނު ސަބަބަކީ ކޮބައިތޯ އެވެ. ރަށުތެރޭގައި އަޑު އިވޭގޮތަށް ބަލާއިރު އެކަމުގައި ނުރަނގަޅު ބޭނުމެއް އޮވެދާނެ އެވެ. އެގޮތުން ގާޒީ ފާއިޒު އާއި އަދި ފަހުން ލީކްވި އޯޑީއޯތަކުގައި ވާހަކަ ދައްކާފައިވާ އަލީ އާދަމް އާއި ސަމީރުގެ ބޭނުމަކީ ކޮބައިކަން އާންމުންނަށް ނޭނގުމަކީ އެކަށީގެންވާ ކަމެކެވެ.

އެބޭބޭފުޅުންނަކީ ވަރަށް ދުރުވިސްނޭ އިންސާފުވެރި ގާޒީންނެވެ. އިންސާފުން ނޫން ގޮތަކަށް ކަމެއް ކުރެވިއްޖެ ނަމަ ހަމަނިދި ވެސް ނުނިދޭ ވާހަކަ އެ ވިދާޅުވަނީ ގާޒީ ފާއިޒު އަމިއްލަފުޅަށެވެ. އެބޭބޭފުޅުން ހަމަ އެހާ ތެދުވެރިވެފައި އިންސާފުވެރި އެވެ. ނަމަވެސް ސުވާލަކީ މި ރާއްޖޭގައި ފަހަކަށް އައިސް ހިނގި އެންމެ ސީރިޔަސް އަދި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ރައީސް ޔާމީނުގެ ޝަރީއަތުގެ ކަންކަން އެ ހިސާބަށް ދިޔައިރު އެ ބޭބޭފުޅުން ހިމޭނުން ތިއްބެވީ ކީއްވެތޯ އެވެ.

ގާނޫނާއި ގަވާއިދާ ހިލާފަށް ފަނޑިޔާރަށް ނުފޫޒު ފޯރުވައިގެން މައްސަލައެއް ބަލައި ނިންމާ ހުކުމް ކުރި އިރު ވެސް އެ  ތިން ގާޒީން ހިމޭނުން ތިއްބެވި ތިއްބެވުމަކީ އަދަލުވެރިވުމަށްޓަކައި ކުރެއްވިކަމެއްތޯ އެވެ. އިންސާފު ގާއިމު ކުރުމަށް ވެވަޑައިގެންނެވި ގުރުބާނީއެއްތޯ އެވެ. ގާނޫނު ނެހެގެއްޓުމަށް އަމިއްލަ އިއްޒަތް ގުރުބާން ކުރެއްވި ކުރެއްވުމެއްތޯ އެވެ. ނޫނީ މަގާމުގެ ދަހިވެތިކަމުގައި ކުރެއްވިކަމެއްތޯ އެވެ.

މުޅި ޝަރުއީ ނިޒާމު ހަރާބުވެގެންދާ ވަރުގެ ނުފޫޒަކާއެކު ރައިސް ޔާމީނަށް ހުކުމް އިއްވުމަކީ އެ ތިން ގާޒީންނަށް ފަހުން ލިބެން އޮތް މޮޅެއްގެ ސަބަބުން ހަނުހުންނެވީތޯ މިއީ ވެސް ކުރަން ރަނގަޅު ސުވާލެކެވެ. ނުވަތަ އެ ބޭބޭފުޅުންގެ ސިޔާސީ ވިސްނުން މޮޅުކަމުން މޮޅެތި ސިޔާސީ ލީޑަރުން ހައްދަވާގޮތަށް ރަނގަޅު ވަގުތުގައި ކަންކަންކޮށްލާގޮތަށް ކޮށްލުމަށް ތިން ގާޒީ ވެސް ހިމޭނުން ތިއްބެވީތޯ އެވެ. ނުވަތަ އާންމު ބަހުރުވައިން ބުނާ ނަމަ ރަނގަޅު ނުވަތަ މޮޅު ނުވަތަ އެންމެ ފައިދާ ހުރި ޑީލެއް ލިބެންދެން މަޑު ކުރެއްވީތޯ އެވެ. އެހެން ވެއްޖެނަމަ ގާޒީންނާ މެދު ކުރެވޭ ނުރަނގަޅު ތަސައްވަރު ދުވަހަކު ވެސް ރަނގަޅު ކުރެވޭނެގޮތެއް ނޯންނާނެ އެވެ. މުޅިންވެސް ތިއްބަވާނީ އެންމެ ރަނގަޅު ޑީލެއް ލިބޭނެ ވަގުތެއް ބައްލަވާ ބައްލަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް