ކުރީގެ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަކީ ގާޒީންއަށް ނުފޫޒު ފޯރުވައިގެން ނުހައްގުން އިއްވި ހުކުމެއް ކަމަށް ދޭހަވާފަދަ މޭރުމަކުން ލީކުވެފައިވާ އޯޑިއޯއެއްގައި އެ ހުކުމް އިއްވި ބެންޗުގައި ހިމެނޭ ތިން ގާޒީއަކު ވާހަކަދައްކަވާފައި އޯޑިއޯއެއް ލީކުވުމާއި ގުޅިގެން މިއަދު އިދިކޮޅު މަޖިލިސް މެމްބަރުން ވަނީ މަޖިލީހުގައި އަޑު އުފުލުމަށް ފަހު ރައީސް އޮފީސް ކައިރީ އިހުތިޖާޖުކޮށްފައެވެ.
ރައީސް އޮފީސް ކައިރީ ކުޑައިރުކޮޅެއް ވަންދެން އިހުތިޖާޖު ކުރުމަށް ފަހު މެމްބަރުން ވަނީ ރައީސް އޮފީހަށް ވަދެވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް އެ މެމްބަރުންނާއި ބައްދަލު ކުރެއްވީ އަލީ ޒާހިރު އެވެ.
ބައްދަލުވުމުގެ ތެރެއިން އަލީ ޒާހިރުގެ އޯޑިއޯ ވެސް ހުރިކަމަށް ޝިޔާމް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި އަލީ ޒާހިރު ވިދާޅުވީ ޝަރީއަތް ވަކިގޮތަކަށް ގެންދިއުމަށް ނުވަތަ ފަނޑިޔާރަކަށް ނުފޫޒުފޯރުވުމަށް ނަމަވެސް އެއްވެސް މުއާމަލާތެއް ހިންގަވާފައި ނުވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެ ވިދާޅުވި ފަދަ އޯޑިޔޯއެއް އޮތްނަމަ މީޑިޔާއަށް ހާމަކޮށްދެއްވުމަށް ވެސް އަލީ ޒާހިރު އެދިވަޑައިގެންފަވެއެވެ.
ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒުފޯރުވާކަމަށް ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވައި އަލީ ޒާހިރު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބައެއް ހުކުމްތައް ލިޔާކަމުގެ އަޑުތައް ފެތުރިގެން ގޮސްފައި ވާކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ މިނިވަން މުވައްސަސާތަކާއި ޖުޑިޝަރީ މިނިވަންކަމާއެކު ކުރިޔަށްގެންދިއުމަށް ފުރުސަތުދީފައި އޮންނަ ސަރުކާރެއް ކަމަށެވެ.
މި ސަރުކާރުން ފުރަތަމަ ވެރިކަމާ ހަވާލުވި ދުވަހެކޭ އެއްގޮތަށް މިހާރުވެސް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ޖޭއެސްސީ އިސްލާހުކޮށް މުޅި ޖުޑިޝަރީއަކީ ރައްޔިތުންގެ އިތުބާރު ލިބިފައި އޮންނަ ތަނަކަށް ހެއްދެވުންކަމުގައި އަލީ ޒާހިރު ވިދާޅުވެފައިވެއެވެ.