ads
އޯޑިއޯގައި ވާހަކަ ދައްކާކަމަށް ބުނާ ފަނޑިޔާރުން
ދައުރުވަމުން ދަނީ ސައްހަ އޯޑިއޯއެއް ނޫން: ފަނޑިޔާރުން
ރައީސް ޔާމީންނަށް އިއްވި ހުކުމަކީ ނުހައްގުން ގާޒީން ތަކަކަށް މަޖުބޫރުކޮށްގެން ކޮށްފައިވާ ހުކުމެއް ކަމަށް ދޭހަވާ ގޮތަކަށް ބެންޗުގައި ހިމެނޭ ތިން ފަޑިޔާރަކު ވާހަކަ ދައްކަވާ އަޑު އިވޭ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދު އާއި އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ އާދަމްގެ އިތުރުން ޑްރަގް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
Advertisement

މީގެ އެއް އަހަރާއި ނުވަސް މަސް ދުވަސް ކުރިން 2019 ވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހު ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަސް ގާޒީންގެ ބެންޗުން ވަނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވާ ކަމަށް ނިންމާ އެ ކުށުގެ އުގޫބާތެއްގެ ގޮތުން އެމަނިކުފާނު ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ހުކުމްކޮށްފައިވާ މައްސަލައިގައި ހިމެނޭ ތިން ފަނޑިޔާރުންގެ އޯޑިއޯތަކެއް އާދިއްތަ ދުވަހު ވަނީ ލީކްވެފައެވެ. 

ރައީސް ޔާމީނަށް ހުކުމް އިއްވި ބެންޗުގައި ތިއްބެވީ ފަސް ފަނޑިޔާރުންނަކީ އަލީ ރަޝީދާއި މުހައްމަދު ޝަކީލާއި މުހައްމަދު ސަމީރު އާއި އަލީ އާދަމާއި ހުސައިން ފާއިޒު ރަޝާދު އެވެ. މި ފަސް ފަނޑިޔާރުންގެތެރެއިން ލީކްވެފައިވާ އޯޑިއޯގައި ވާހަކަ ދަައްކަވާކަމަށް ވަނީ މުހައްމަދު ސަމީރު އާއި އަލީ އާދަމާއި ހުސައިން ފާއިޒު ރަޝާދު އެވެ.

ލީކުވެގެން އުޅޭ އޯޑިއާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ބެލި މައްސަލައެއްގައި ހުކުމް ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަނޑިޔާރުންނަށް އެ މައްސަލަ ވަކި ގޮތަކަށް ނިންމުވުމަށް ނުފޫޒު ފޯރުވިކަމަށް އެ ފަނޑިޔާރުން ވިދާޅުވާކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ފަނޑިޔާރުންނާ ސުވާލުކޮށްފައެވެ. 

ޖޭއެސްސީން ބުނީ މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ފާއިޒު ރަޝާދު އާއި އެ ކޯޓުގެ ފަނޑިޔާރު ޢަލީ އާދަމް އާއި ޑްރަގް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަމީރާ މިއަދު ސުވާލުުކުރެވުނުއިރު، ދައުރުވަމުންދާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއް
ނޫންކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް އެ ފަނޑިޔާރުން ވިދާޅުވެފައިވާ ކަމަށެވެ. 

މީގެ އިތުރުން މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނެވި ދެ ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އާއި ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލު އާ ވެސް ސުވާލުކުރެވިފައިވާ ކަމަށާއި އެ އޯޑިއޯތަކުގައިކޮށްފައިވާ ތުހުމަތުތައް މި ދެ ފަނޑިޔާރުންވެސް ދޮގުކުރައްވާފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ޖޭއެސްސީން އިތުރަށް ބުނީ ދައުރުވަމުންދާ އޯޑިއޯތަކުގެ ސައްހަކަން ބެލުމަށް އޯޑިއޯތަކުގެ އެނަލިސިސް ހެދުމަށް ފުލުހުންގެ އިދާރާގައި ވެސް އެދިފައިވާނެ ކަމަށާއި މި ތަހުލީލަށް އޯޑިއޯ ސާމްޕަލް ދިނުމަށް އޯޑިއޯތަކުގައި ވާހަކަދައްކަވާ ކަމަށް ބުނާ ފަނޑިޔާރުން ރުހުން ވެސް ދެއްވާފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް