ބާގީ މިހެން ވިދާޅުވީ ތާލިބާނުންގެ މެދުގައި ބޭއްވުނު ބައްދަލުވުމެއްކަމަށްވާ ލޯޔާ ޖިރްގާގައެވެ. ލޯޔާ ޖިރްގާއަކީ އަފްޣާންގެ އެކި ގަބީލާތަގުގެ ތެރެއިން ހަމައެކަނި ފިރިހެން ލީޑަރުން ބައިވެރިވެ ގޮތް ނިންމާ ބައްދަލުވުމެކެވެ.
އެހެން ނަމަވެސް، އޭނާ ވިދާޅުވީ އަންހެނުންނާއި ފިރިހެނުން އެއްވެ ކުލާސްތަކުގައި ތިބުން މަނާވާނެކަމަށެވެ. އަފްޣާނިސްތާނުގެ ވެރިކަން ކުރާ ރަށް ކާބުލް މިދިއަ އޮގަސްޓް މަހުގެ 15ވަނަ ދުވަހު ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާނުން ހިފުމާއެކު އެގައުމުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހާއްސަކޮށް އަންހެނުންނެވެ. މީގެ ކުރިން 1996 ވަނަ އަހަރުން 2001 ވަނަ އަހަރާއި ހަމައަށް އެގައުމުގައި ތާލިބާނުންގެ ވެރިކަން އޮތް އިރު އަންހެނުން ސްކޫލްއަށް ދިއުމާއި މަސައްކަތަށް ނިކުތުން ވަނީ މަނާކޮށްފައެވެ. ތާލިބާނުން ބުނެފައިވާ ގޮތުން މިކަން ކޮށްފައިވަނީ އިސްލާމްދީނުގެ ގާނޫނާއި އެއްގޮތަށް ކަމަށެވެ. މިކަން އެގޮތަށް އޭރު އެޖަމާއަތުން ކޮށްފައި ވުމުން އެގައުމުގެ އަންހެންނުންނަށް އެމީހުންގެ އަސާސީ ހައްގު ތަކާއި ދިރިއުޅުމުގެ މިނިވަންކަން ގެއްލި އަނެއްކާވެސް އަލުން އެހިންގި ވެރިކަމުގެ ނުފޫޒު އެމީހުންނަށް ފޯރާނެކަމަށް ގޮވާލަމުން އަންނަ އެގައުމުގެ އަންހެނުން ދަނީ ބިރުވެރިކަން އިންތިހާއަށް ތަހައްމަލު ކުރަމުންނެވެ. މިކަން މިހެން އޮތް އިރު މިފަހަރު ތާލިބާނުން ޔަގީންކޮށްދެމުން ވައުދުވެފައިވަނީ އަންހެނުންނަށް މިނިވަންކަން މިފަހަރު އޮންނާނެކަމަށެވެ. ނަމަވެސް ރައްޔިތުން ތާލިބާނުންނަށް ކުރި އިތުބާރު ގެއްލުނީ އޭރު އަންހެނުންނަށް ހައްގު އަދަބު ދިނުމުގެ ގޮތުން އެމީހުންގެ ގާނޫނާ އެއްގޮތަށް އަމަލުނުކުރެއޭ ބުނެ ބައެއްމީހުން އޮށްގަލުންތަޅާ މަރާ، ދަން ޖެއްސުމާއި މިފަދަ ނުހައްގު އަދަބު އެމީހުންގެ ގަނޫނުގެ ތެރޭގައި ހިންގާފައިވާތީއެވެ.
އޮގަސްޓް 19ވަނަ ދުވަހު އެގައުމުގެ މިނިވަންދުވަހު ބައެއް ހިތްވަރުގަދަ އަންހެނުންތަކެއް ތޯލިބާނުންނާ ދެކޮޅަށް އަންހެނުންގެ ހައްގުތަކަށް ގޮވާލާ ދިދަ އުފުލާ މުޒާހަރާކޮށްފައިވެސް ވެއެވެ. އޭގެ ދުވަސްކޮޅެއްގެ ތެރޭގައި އަފްޣާންގެ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އޭނާގެ ޓީމަށް ގޮވާލީ ޔުނިފޯމުތަށް އަންދާ ސޯޝަލް މީޑިއާއިން އެމީހުންގެ ހުރިހާ ފޮޓޯތަކާއި އަފްޣާން ޓީމަށް ކުޅުނުކަމުގެ ހެކި ނައްތާލުމަށެވެ. އެގައުމުގެ ޒުވާން އަންހެން މޭޔަރެއްކަމަށްވާ ޒާރިފާ ޣަފާރީ ޔޫކޭގެ އައިނިއުސްއަށް ބުނީ ތޯލިބާނުން އޭނަކަހަލަ އަންހެނުން ފަހަތުން އައިސް މަރާލާނެކަމަށެވެ. އަންހެން ޓީޗަރަކު ކުރޮޅިއެއްގައި ސްކޫލަށް ދަތުރުކުރި ދުވަހެއްގައި ހުއްޓުވައި ތޯލިބާނުން އެކުރޮޅި ދުއްވަން އިން މީހާގައިގައި ތަޅާ އަނިޔާކުރިކަމަށް ބުންޏެވެ. އެއީ މަހްރަމަކާ ނުލާ ދަތުރުކުރުމުންނެވެ. ކުންޑުޒްގައި ކުރޮޅީގައި ދަތުރުކުރުމަކީ އާއްމުކަމެއްކަމުން އެކަން އެހެން ވުމުން މިއީ މިހާރު އެމީހުން އުޅޭ ހާލުކަމަށް ސިއެންއެންއަށް ބުނެފައިވެއެވެ. އަފްޣާންގެ އަންހެނުން މިނިވަންކަމާއެކު ހައްގުތައް ލިބިގެން ދިރިއުޅެވޭނެ ކަމާއިމެދު ޝައްކު އުފެދިފަވާއިރު ތޯލިބާނުންގެ ބާރު އެގައުމުގައި އޮތުމުން އަންހެނުން ދަނީ އެތަކެއް ހާސްކަމަކާއި ފުރާނައަށް ނުރައްކާވެ ބިރުވެރިކަން ތަހައްމަލު ކުރަމުންނެވެ.