ads
މުހައްމަދު ސައީދު
ކުރީ ސަރުކާރުން ވެލިފުކެއް ހާ މިންވަރުވެސް ބޭރުގެ ބަޔަކަށް ވިއްކާފައިނުވާނެ: ސައީދު
ކުރީ ސަރުކާރުގައި ރާއްޖޭގެ ބިމުން ވެލިފުކެއްހާ މިންވަރު ވެސް ވިއްކާފައިނުވާނެ ކަމަށް ކުރީގެ ސަރުކާރުގެ އިކޮޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހަޅުއްވާފައިވާ ދިވެހި ރާއްޖޭގެ ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްމުން ސައީދު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ގދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ފަރެސްމާތޮޑާ ކައިރީގައި އޮންނަ ފަޅުރަށްތަކުގެ އިހުތިސާސް ކަނޑައެޅިފައި އޮތް ގޮތުން އެރަށުގެ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަމަށެވެ. އެގޮތުން 700 މީޓަރުގެ ތެރޭގައި އިހުތިސޯސް އޮންނައިރު، ފަރެސްމާތޮޑާ އާ ޖެހިގެން އޮތް ފަޅުރަށަކީ ކެބިނެޓު މެންބަރެއްގެ ނުފޫޒު އޮންނާތީ އެރަށް އިހުތިސޯސަށް ނުވަންނައިރު އެއަށްވުރެ ދުރުގައި އޮންނަ ރަށެއް އިހުތިސޯސްގެ ތެރެއަށް ވަންނަ ކަމަށެވެ. ސައީދު ވަނީ އެ މައްސަލަ ބަލަން އެމްޑީޕީ މެންބަރުންނަށް ގޮވާލާފައެވެ.

މީގެ އިތުރުން އައްޑޫގައި ރައްޔިތުންނަށް ދޫކޮށްފައިހުރި ގޯތިތައް ކައުންސިލުން ނެގިކަން ފާހަގަކުރައްވާ، ސައީދު ވަނީ ރާއްޖޭގެ އެކި ރަށްތައް ސަރުކާރުން ބޭރުގެ މީހުންނަށް ވިއްކަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދިއްފުށިމާދޫ ވިއްކުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.  

ސައީދު ވިދާޅުވީ ރާއްޖޭގެ އެކި ތަންތަން ބަހާ ހުސްކުރަމުން އަންނައިރު ވެސް ދަރަނި ފުނިޖެހިފައިވާ މި ހާލަތުގައި، ދައުލަތަށް އެއްވެސް ވަރެއްގެ އެސެޓެއް އަދި އާމްދަނީއެއް ލިބޭ ގޮތަށް ކަންކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި އެމްޑީޕީން ރައްޔިތުންނަށް ކޮށްދޭން ވައުދުވީ އެއްވެސް ކަމެއް ކޮށްދީފައިނުވާއިރު، މުޅި ގައުމު ވިއްކާލަމުން އަންނަ އައުމާ ދެކޮޅަށް ރައްޔިތުން ތެދުވާނެ ކަމަށާއި ރައްޔިތުން ތެދުވީމާ ދެން ނުހުއްޓުވޭނެ ކަމަށާއި މި ސަރުކާރު ބަލި ކުރާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު މި ވާހަކަ ދައްކަވަނިކޮށް، ހުޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ނިޒާމީ ނުކުތާ ނަންގަވައި ވަނީ ސައީދު ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވާފައެވެ. އެގޮތުން ސައީދު ތަކުރާރުކޮށް ދައުލަތުގެ ބިންތައް ވިއްކާ ވާހަކަ ދައްކަވަމުން އަންނާތީ ޔޫނުސް ވިދާޅުވީ ސައީދު ކެބިނެޓުގައި އިންނަވައިގެން ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ އަތޮޅެއް ވިއްކާލަން ފާސްކޮށްފައި، މި ވާހަކަތައް ދައްކަވާތީ ހައިރާން ވާ ކަމަށެވެ. 

"ދިވެހި ރާއްޖޭގެ ފަޅުރަށްތައް، އެތައް ބަޔަކަށް ވިއްކާފަވޭ. މާލެ އަތޮޅު މާލޭގެ ރައްޔިތުން ދަތުރުދާން މިތާކައިރި އޮތް އެނބޫދޫ ފަޅާއި ކުޑަބަނޑޮސް ވިއްކާލީ. ޖެހިގެން އޮތް ފޭދޫ ފިނޮޅު ވިއްކާލީ." ޔޫނުސް ވިދާޅުވިއެވެ.

ޔޫނުސްގެ ނިޒާމީ މައްސަަލައަކީ ނިޒާމީ މައްސަލައެއްގެ ގޮތުގައި ރިޔާސަތުން ބަލައިގެންފައިނުވާއިރު، އޭނާގެ ވާހަކަ ރިޔާސަތުން ވަނީ އެހިސާބުން މެދުކަނޑާލާފައެވެ.

މެންބަރު ޔޫނުސް ދެއްކެވި ވާހަކަތަކާ ގުޅިގެން ސައީދު ވަނީ ކުރީ ސަރުކާރުން ކަމެއް ގޯސްކޮށް ކޮށްފައި އޮތް ނަމަ އެކަން ބެލުން މަނާކުރަނީ ކޮން ކަމެއްތޯ ސުވާލުކުރައްވާފައެވެ. އެގޮތުން ޗައިނާއަށް 17 ރަށް ދިން ވާހަކަ ވެސް ސާބިތުކޮށްނުދެވިގެން އުޅޭކަން ފާހަގަކުރައްވާ ސައީދު ވަނީ ވެލިފުކެއްހާ ހިސާބު ވެސް ބޭރުގެ ބަޔަކަށް ދީފައިނުވާނެ ކަމަށް ވިދާޅުވެފައެވެ. 

"އަޅުގަނޑު ހަމަ ސަރުކާރަށް ދަންނަވާލަން އޮތީ ދެން ބާކީ އޮތީ ދެ އަހަރަށް ވުރެ ކުޑަ ދުވަސްކޮޅެކޭ، އިރާދަކުރެއްވިއްޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލި ކުރާނަން. އެމްޑީޕީ ބަލި ކުރާނަން. އަޅުގަނޑުމެން އަންނަ ވެރިކަމެއްގައި މި ހުރިހާ ކަމެއް ބަލާނަން." ސައީދު ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް