ads
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)-- ފޮޓޯ: ޖޭއެސްސީ
ވެކްސިން ނުޖަހާ ފަނޑިޔާރުން ކޮންމެ ދެ ހަފްތާއަކުން ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ
ކޮވިޑް-19 ގެ ވެކްސިން ފުރިހަމަ ނުކުރާ ފަނޑިޔާރުން ވަޒީފާއަށް ނުކުތުމަށް ކޮންމެ 14 ދުވަހަކުން ޓެސްޓް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން އަންގައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގޮތުން ކޮޮވިޑް-19 ގެ ވެކްސިން ފުރިހަމަ ނުކުރާ މީހުން މާދަމާއިން ފެށިގެން އޮފީސްތަކަށް ހާޒިރު ވެވޭނީ ކޮންމެ 14 ދުވަހަކުން ޕީސީއާރް ޓެސްޓް ހަދައިގެން ކަމަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނެއްގައި ބުނީ ހުރިހާ ފަނޑިޔާރުން ވެސް ވެކްސިން ފުރިހަމަކުރަން އެދޭ ކަމަށާއި ވެކްސިން ފުރިހަމަ ނުކުރާ ނަމަ، އެޗްޕީއޭގެ އެންގުމާ އެއްގޮތަށް ކޮންމެ ދެ ހަފުތާއަކުން ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ ކަމަށެވެ. އަދި އެގޮތަށް ފަނޑިޔާރުން އަމަލު ކުރާކަން އެ ކޮމިޝަނުން ކަށަވަރު ކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ކޮވިޑް-19 ގެ ވެކްސިން ފުރިހަމަ ނުކުރާ ނަމަ، އާންމު ދަތުރުފަތުރު ފަދަ ހިދުމަތްތައް ވެސް ނުލިބޭ ގޮތަށް ސަރުކާރުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 80،960 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން 226 މީހަކު ކޮވިޑްގައި މަރުވެފައިއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ދަނީ ކޮންްޓްރޯލްވަމުން ކަމަށް ބަލައި، މިހާރު ވަނީ ގިނަ ފިޔަވަޅުތަކަކުން ލުއިތައް ދީފައެވެ. އެެހެންނަމަވެސް ސެޕްޓެމްބަރުން ފެށިގެން ވެކްސިން ނުޖަހާ ފަރާތްތަކަށް އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަކުރާނެކަން އެޗްޕީއޭއިން ވަނީ އަންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް