ޝީލާ އާއި މަނިކު އެމްއެންޕީ އަށް ސޮއިކޮށްފައިވަނީ އިއްޔެއެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ފޯމުތަކާ ހަވާލުވީ އެމްއެންޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ.
އެ ދެ ތަރިން އެމްއެންޕީއަށް ގުޅުމުން ޕާޓީގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު ޕާޓީން ދެކެނީ ފިލްމީ ދާއިރާގައި އަގުހުރި މަސައްކަތްތަކެއް ކޮށްފައިވާ އެދެ ފަންނާނުން ޕާޓީ އަށް ގުޅުން އެއީ ލިބޭ ވަރަށް ބޮޑު ފަހުރެއްގެ ގޮތުގައެވެ.
މި އަހަރު ނިމެން ވާއިރަށް ދިހަ ހާސް މީހުން ޕާޓީއަށް ހަމަ ކުރުން އެމްއެންޕީގެ އަމާޒަކަށް ވެފައިވާއިރު މިހާރުވެސް އަންނަނީ ސިޔާސީ ދާއިރާގެ އިތުރުން ގާނޫނީ އަދި ތައުލީމީ ގޮތުން ފާހަގަކޮށްލެވޭ ގިނަ ބަޔަކު އެ ޕާޓީއާ ގުޅެމުންނެވެ.
އެމްއެންޕީ ވުޖޫދު ކުރުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ވެސް ދީފައިވާއިރު ދާދި ފަހުން ކުރީގެ ޖެންޑަ މިނިސްޓަރު ސިދާތާ ޝަރީފް އާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވެސް ވަނީ އެ ޕާޓީއާ ގުޅިވަޑައިގަންފައެވެ.
ޕާޓީއަށް މެންބަރު އިތުރު ކުރުމަށް ބުރަ މަސައްކަތްތަކެއް ކޮންމެ ދުވަހަކުވެސް ކުރަމުން އަންނަ އެ ޕާޓީ އަކީ ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރަކު އިސްވެތިބެ އުފައްދަން މަސައްކަތް ކުރާ ޕާޓީއެކެވެ.