މާމަ އާއި ކާފަ އިންނަކީ އަހަރުމެންގެ ހިތައް ނަގައި ނުގަނެވުނު ނަމަވެސް ދިރިއުޅުމުގައި އެތައް ކަމެއް ތަޖުރިބާކޮށް ފިލާވަޅުތަކެއް ލިބިފައިވާ ބައެކެވެ. މާމަ އަކީ އަހަރުމެންގެ މަންމަ ދުނިޔޭގައި މަންމަ އެވެ. ކާފަ އަކީ ބައްޕެ ދުނިޔޭގައި ނެތް ނަމަ ބައްޕަ އެވެ. އެއީ ނަމޫނާ ބައެވެ.
މި ދުވަސް ކުލަ ގަދަކޮށް ހަގީގަތުގައި ވެސް ފާހަގަކުރަން އެބަ ޖެހެއެވެ. މާމަ ކާފައިންގެ ދަރަޖަ އެހާމެ ބޮޑު، އެމީހުންގެ ހިތް އުފާކޮށްދީ އަޅާލުމާއި ލޯބި އެބަ ދޭންޖެހެއެވެ.
އެހެން ނަމަވެސް ދެރައީ އާއިލާތަކުން އެ ދެ މީހުންނަަށް ދޭ އަހައްމިޔަތުކަން ކުޑަވެގެންދާތީ އެވެ. މާ ބޮޑު ތައުލީމަކާއި ތަހުޒީބެއްގެ ބަޔަކަށް އެ ދެ މީހުން ނުވި ނަމަވެސް އެ ދެ މީހުންނަށް ކަމޭހިތައި ބޭނުން ޖެހިފައިވާ ކަންކަން ކޮށްދިނުން އެއީ މިއަދު އަހަރުމެންގެ ވާޖިބެކެެވެ.
މިއަދަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ މާމަ ކާފައިންގެ ދުވަސްކަން ހަނދާން ހުރި މީހުންނާއި ކުދިން ނިސްބަތުން މަދެ އެވެ. ކުޑަމިނުން ދުވަހުގެ ތަހުނިޔާ އަރިސްކުރަން ކެރުނު މީހުންވެސް މަދެވެ.
ފާހަގަ ކުރާ މަންމައިންގެ ދުވަހާއި ބައްޕައިންގެ ދުވަހު އެ ދެ މީހުންގެ ފޮޓޯތަކުންނާއި އަސަރުގަދަ ބަސްތަކުން ސޯޝަލް މީޑިއާ ފުރާލަ އެވެ. ކަން މިހެން ހުރުމާއެކު ތިމާ ދުނިޔެއަށް އައުމުގެ އަސްލު ކަމުގައިވާ މަަމަ އިންނާއި ކާފައިންގެ ދުވަހު މިފަދަ މަންޒަރުތައް ނުފެންނީ ކީއްވެ ހެއްޔެވެ.
މިފަދަ ދުވަހެއްގައި މާމައިންނާއި ކާފައިންގެ އަގުހުރި ހިދުމަތަތައް ފާހަގަ ކުރުމުގެ ބަދަލުގައި އެ ދެ މީހުންގެ ހިތުގައި ޖައްސާ މީހުން މާ ގިނަ އެވެ. މައިންބަފައިން އުމުރުން ދުވަސްވާ ދުވަހު ހިތު ހުރި ގޮތަކަށް ކަންތައް ކުރާ ވާހަކަ ތަކަކީ އަބަދުމެ އަބަދު ހިތާމަޔާއެކު އަޑު އިވޭ ވާހަކަތަކެވެ. މާމަ ދަރިންނާ ކާފަ ދަރިން އެ ދެ މީހުންނާ ދުރުކުރުވަން މަސައްކަތްކުރާ މީހުންވެސް މި ރާއްޖޭގައި މަދެއް ނޫނެވެ.
އަހަރުމެންގެ ބޭނުން އެންމެ ބޮޑަށް ޖެހޭ ދުވަހު މިހެން ހަދަން ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟ މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހު އެމީހުންނަށް ލިބެން ޖެހޭ ލޯބި ނުލި އެކަމާ ހިތާމަކޮށްކޮށް އެތައް މާމަ އަކާ ކާފައަކު އެބަ އުޅެއެވެ.
ގައުމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރާ އެހެން ދުވަސްތަކެކޭ އެއްފަދައިން މި ދުވަސް ވެސް އެބަ ފާހަގަ ކުރެވެން ޖެހެ އެވެ. އެހެން ނަމަވެސް މި ފަހަކުން އައިސް މާމަ ކާފަ ދުވަސް ފާހަގަ ކޮށް އެމީހުންގެ އަގު ވަޒަންކުރާ ދުވަހެއް ރާއްޖޭގެ ކަންކޮޅުތަކުގައި ފާހަގަކުރާތަން ފެންނަނީ އިނގި ބިންދާފައި ގުނޭހާ މަދުންނެވެ.
މިއަދުވެސް ރާއްޖޭގައި މިދުވަސް ފާހަގަ ކުރީ މަދު ރައްރަށެއްގައެވެ. ށ. ގޮއިދޫ ކައުންސިލް އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން މާމަކާފަ ދުވަސް މިއަދު އެރަށުގައި ކުލަގަދަކޮށް ފާހަގަ ކުރި އިރު ބައެއް ރަށްރަށުގެ ސްކޫލްތަކުން ކުޑަ ގޮތަކަށް މިދުވަސް ފާހަގަ ކުރިތަން ފެނުނެވެ.
އަހަރުމެންގެ ހަގީގީ މައިންބަފައިންގެ ދުވަސް މިވަރުން ފާހަގަކޮށްގެން ދޫކޮށްލެވޭކަށް ނެތެވެ. މާމައިންނާއި ކާފައިންގެ އުފާތައް ހަގީގަތަކަށް ހަދައިދީ އެމީހުންނަށް ދޭންޖެހޭ ސަމާލުކަން ކުޑަ ވެގެން ނުދިޔުމަށް އަހަރުމެންގެ އުފާތައް ބައެއް ފަހަރު ގުރުބާންކުރަން ޖެހުނަސް އެކަންވެސް ކުރަން ޖެހޭނެއެވެ. އެ ވަރު ކުރި ނަމަވެސް އެ މީހުންނަށް އަދާކޮށްދޭންޖެހޭ ހިދުމަތްތައް އަދާ ނުކުރެވޭނެ އެވެ. އެ މީހުން އަހަރުމެންނަށްޓަކައި އަދާކޮށްފައި އެވަނީ މާ މަތިވެރި ޒިންމާތަކެކެވެ.